ރިޕޯޓް

މާމަ އާއި ކާފަގެ ހަނދާންތައް، ދުވަހަކުވެސް ހިތުން ފިލައިގެން ނުދާނެކަން ޔަގީން!

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން
Grandparents talking to children. Family having leisure time in yard. They are wearing casuals.

މާމަ އާއި ކާފަ އަކީ ދިރިއުޅުމުގައި ވަރަށްވެސް ބޮޑު ދައުރެއް އަދާކުރާ ބައެއް ކަން ޔަގީނެވެ. މާމަ އާއި ކާފަ އަކީ ތިބާއަށް ދިރިއުޅުމުގައި ހެޔޮއެދޭ މަދު މީހުންގެ ތެރޭގައި ހިމެނޭ ބައެކެވެ. ދިރިއުޅުމުގައި ދިމާވާ ދަތިތަކާއި ހިތާމަތަކުގައި އެހީތެރިވެދޭ އެއް ބަޔަކީ އެއީއެވެ. އަބަދުވެސް ހެޔޮ ނަސޭހަތްދީ ދިރިއުޅުމުގައި އުޅެންވީ ގޮތާއި ނޫޅެންވީ ގޮތް ކިޔައިދޭ އެއް ބަޔަކީ ހަމަ އެއީއެވެ.

Ads by STELCO

ކާފަގެ އަތުގައި ހިފައިގެން މިސްކިތަށް ހިނގާ ހަނދާނަކީ ދުވަހަކުވެސް ފިލައިގެން ދާނޭ ހަނދާނެއް ނޫނެވެ. މިސްކިތަށް ގޮސް ސަކަރާތް ނުޖެހުމަށް ބުނެ ދޭ ނަސޭހަތްތަކަކީ ވެސް ދުވަހަކުމެ ހަނދާނުން ފިލައިގެން ދާނެ ހަނދާނެއް ނޫނެވެ. އަދި މިސްކިތުން ފައިބައިގެން ފިހާރައަށް ގެންގޮސް މެޓާ ގަނެދީ އެކުގައި ހަވީރު ފިންޏަށް ހިނގާލަން ދާ ހަނދާން ދުވަހަކުވެސް ފިލައިގެނެއް ނުދާނެއެވެ. މިފަދަ އެތައް ހަނދާން ތަކަކުން އަބަދުވެސް ހިތް ވަނީ ފުރިފައެވެ. ރޯދަމަހަށް ކާފަ އާއި އެކު ގުޑި އަރުވަން ދާ ހަނދާން ވެސް ނުނެތޭނެއެވެ.

މާމަ ކައްކާ ކާ އެއްޗިއްސަށްވުރެ މީރު ކާ އެއްޗެއް ދުވަހަކުވެސް ދުނިޔޭގެ އެންމެ ފެންވަރު ރަނގަޅު ރެސްޓޯރަންޓް ތަކުން ވެސް ނުލިބޭނެ ކަން ގައިމެވެ. ދިވެހިވަންތަ އެ ރަހަތަކަކީ އަބަދާއި އަބަދު ކެއި ނަމަވެސް ފޫހިވާނޭ ރަހަތަކެއް ނޫނެވެ. ކައިރީ ބައިންދައިގެން ކިޔައިދޭ ރީތި ވާހަކަ ތަކަކީ ދުވަހަކުވެސް އަޑު އަހާ ފޫހި ނުވާނޭ ވާހަކަ ތަކެކެވެ. ނިންދެވުމަށް ޓަކައި ކިޔައިދޭ ރީތި ވާހަކަ ތަކާއި ރީތި ނާނާތައް އަބަދުމެ ހަނދާން ހުންނާނެއެވެ.

ލޯބިވާ މާމަ އާއި ކާފަ މިއަދު ވަނީ އުމުރުން ދުވަސްވެ ގައިބާރު ދޫވެފައެވެ. ނަމަވެސް އަދިވެސް މާމަ އާއި ކާފަ މާ މޮޅެވެ. ދުނިޔޭގައި ގިނަ ދުވަހު އުޅުނީ މާމަ އާއި ކާފައެވެ. ގިނަ ތަޖުރިބާ ވެސް ހުންނާނީ އެމީހުންގެއެވެ. ގިނަ ކަންތައްތަކެއް އެނގޭނީ ވެސް އެމީހުންނަށެވެ. އަޅުގަނޑުމެންގެ މާމަމެން އުޅުނު ދިރިއުޅުމަކީ ރީތި ދިރިއުޅުމެއް ކަން ގައިމެވެ. މިއަދުގެ ޖީލަށް ދައްކުވައިދިނީ ނަމޫނާއެއް ކަން ޔަގީނެވެ.

އަޅުގަނޑުމެންގެ ސުކޫލު ދައުރުގައި ވެސް ކިޔެވުމުގައިވެސް އަދި އިތުރު ހަރަކާތެއްގައި ވެސް ރަން ވަނައެއް ހޯދައިފި ނަމަ އެންމެ އުފާވާނޭ އެއް ބަޔަކީ މާމަ އާއި ކާފައެވެ. ސުކޫލު ދައުރު ނިމި ވަޒީފާއަށް ގޮސް ދިރިއުޅުމުގައި ދެން ލިބޭ ކުރިއެރުންތައް ލިބުމުންވެސް އެންމެ ފަހުރުވެރިވާ އަދި އެންމެ އުފާވާ އެއް ބަޔަކީ މާމަ އާއި ކާފައެވެ. އަބަދުވެސް ދިރިއުޅުމުގައި ކަންކުރަން ވީ ގޮތުގެ ނަސޭހަތް ދީ ހަދަނީ އަޅުގަނޑުމެންނަށް ހެޔޮއެދޭތީއެވެ.

މިއަދު ތިބާގެ މާމަ އާއި ކާފަ ދުނިޔޭގައި ތިބި ނަމަ އެކަމަށް ޓަކައި މާތްﷲއަށް ޝުކުރު ކުރާށެވެ. އަދި ދުޅަހެޔޮ ސިއްހަތެއްގައި ލެހެއްޓެވުން އެދި ދުއާ ކުރާށެވެ. އަދި މާމަ އާއި ކާފައަށް ތިބާގެ ބިޒީ ޝެޑިއުލުން ވަގުތު ކޮޅެއް ހުސްކޮށްލަދޭށެވެ. ކޮންމެ ދުވަހަކު އެކަން ނުވާ ނަމަވެސް ކޮންމެވެސް ވަގުތެއް ހޯދާލައިގެން މާމަ އާއި ކާފަގެ ކައިރިއަށް ގޮސްލާށެވެ. ކާފަ އާއި މާމަގެ ވާހަކަތައް އަޑު އަހާލާށެވެ. މާމަ އާއި ކާފަ އަށް ތިބާގެ ދިރިއުޅުމުގެ ވާހަކަތައް ހިއްސާކުރާށެވެ. ލިބޭ ކުރިއެރުންތައް ކިޔައިދޭށެވެ. ފަހުރުވެރިކަމާއެކު އަޑު އަހަން ހިނިތުންވެ ތިބޭނެ ކަން ގައިމެވެ. ދިމާވެފައިވާ ދަތިތަކާއި ހިތާމަތައް ހިއްސާ ކުރާށެވެ. އެހީތެރިކަމުގެ އަތެއް ދިއްކޮށްލެވެން އޮތްނަމަ އެކަންވެސް އެންމެ އަވަހަށް ކޮށްދޭނެ އެއް ބަޔަކީ މާމަ އާއި ކާފަކަން ޔަގީނެވެ.

ތިބާގެ މާމަ އާއި ކާފަ މިއަދު ދުނިޔޭގައި ނެތް ނަމަ އެމީހުންނަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވުން އެދި ދުއާ ކުރާށެވެ. ކަށްވަޅުގެ އަޒާބުން ރައްކާތެރި ކޮށްދެއްވަވާ ފާފަ ފުއްސެވުން އެދި ﷲގެ ހަޒްރަތުގައި ދަންނަވާށެވެ. އެއީ ތިބާގެ މާމަ އާއި ކާފައަށް ޓަކައި ތިބާއަށް ކޮށްދެވޭނެ ވަރަށް ބޮޑު ހެޔޮ ކަމެކެވެ.

މާމަ އާއި ކާފަ އަކީ އަޅުގަނޑުމެންގެ ދިރިއުޅުމުގައި ވަރަށް މުހިއްމު ބައެކެވެ. އަޅުގަނޑުމެންނަށް ޓަކައި ހެޔޮއެދޭ އަޅުގަނޑުމެންނަށް ކާމިޔާބީއަށް އެދި ދުއާ ކުރާ ބައެކެވެ. އަޅުގަނޑުމެންނަށް ރަނގަޅު ގޮތާއި ނުބައި ގޮތް ބުނެދޭ ބައެކެވެ. އަބަދުވެސް ރީތި ވާހަކަތަކުން އަޅުގަނޑުމެން ފޫހި ފިލުވައިދޭ ބައެކެވެ. މާމަ އާއި ކާފައާ އެކު ވަގުތު ހޭދަކޮށް މާމަ އާއި ކާފަ އުފާ ކޮށްދޭން ވާނެއެވެ.

މާމަ އާއި ކާފަގެ ހަނދާންތަކަކީ އަބަދުވެސް ހިތުގައި ބިންވަޅު ނެގިފައި ހުންނާނެ ހަނދާންތަކެއް ކަން ޔަގީނެވެ. މާމަ އާއި ކާފަގެ ހަނދާންތައް ހަމަ ޔަގީނުން ވެސް އަޅުގަނޑުގެ ހިތަކުން ނުފިލާނެއެވެ. އެއީ ރަންރިހި ޖަވާހިރަށްވުރެ އަގުހުރި މަތިވެރި ބައެކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!