ޚަބަރު ސިޔާސީ

ސަރުކާރު ޖަވާބުދާރީ ކުރުވުން ބަޢާވާތަކަށް ބަަދަލުކޮށްލައިފި: ރައީސް

ފާރިހާ ޢަދުނާން ، ދެން އޮންލައިން
ފުވައްމުލަކުގައި ބޭއްވި ކެމްޕޭން ޖަލްސާގައި ރައީސް ވާހަކަފުޅު ދައްކަވަނީ - ފޮޓޯ: ޕީއެންސީ

އިދިކޮޅު ފަރާތްތަކުން ސަރުކާރު ޖަވާބުދާރީކުރުމަށް މަޖިލީހަށް އިދިކޮޅު ޕާޓީގެ މެމްބަރުން ހޮވައިދިނުމަށް އެދެމުންދާތީ އެކަމަށް ރައްދު ދެއްވާ، ޖަވާބުދާރީކުރުން މިހާރު އަޒުލުކުރުމާ، ބަގާވާތްކުރުމާއި ވެރިކަން ވައްޓާލުމަށް ބަދަލުވެއްޖެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

Ads by STELCO

ރައީސް މިފަދައިން ވިދާޅުވީ، ޕީއެންސީ/ޕީޕީއެމްގެ ފަރާތުން ފުވައްމުލަކަށް ވާދަކުރައްވާ ކެނޑިޑޭޓުންގެ ކެމްޕޭން ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން ދަނީ ވަރަށް ސާފުކޮށް އެމީހުންގެ އަމާޒު ބުނަމުން ކަމަށެވެ. އެގޮތުން، ސަރުކާރަށް އެއްބާރުލުން ނުދޭނެ ކަމަށާއި، ބޭނުންވަނީ މަޖިލީހުން ސަރުކާރު ބަދަލުކުރަން ކަމަށް އިދިކޮޅު ފަރާތްތަކުން ބުނަމުންދާ ކަމަށް ވިދާޅުވިއެވެ.

ސަރުކާރުގެ އިދިކޮޅު މައި ޕާޓީ، އެމްޑީޕީއިން މަޖިލީހަށް ކުރިމަތިލީ ކެނޑިޑޭޓުން ހޮވައިފިނަމަ، ސަރުކާރު ޖަވާބުދާރީކުރާނެ ކަމަށް އެ ޕާޓީއިން އަބަދުވެސް އައީ ބުނަމުންނެވެ. ރައީސް ވިދާޅުވީ، ޕީއެންސީ/ޕީޕީއެމް އިން ވާދަކުރާ ކެނޑިޑޭޓުން ވެސް ސަރުކާރު ޖަވާބުދާރީ ކުރުވާނެ ކަމަށާއި، މީގެ ކުރިން ވެސް ޕީޕީއެމްގެ މެމްބަރުން ވަނީ ސަރުކާރު ޖަވާބުދާރީ ކުރުވާފައިކަމަށެވެ.

"ޖަވާބުދާރީ ކުރަން ޖެހޭނެ. ޖަވާބުދާރީ ކުރުމަކީ ކުރެވޭނެ ކަމެއް. އަޅުގަނޑުމެންގެ މެމްބަރުން ވެސް އެ މެމްބަރުންގެ ދާއިރާތަކުގެ ރައްޔިތުންގެ ހައްގުގައި އެކަން ކުރައްވާނެ،" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ހައުސިންގް މިނިސްޓަރު ކަމުގައި ހުންނެވިއިރު، މަޖިލީހަށް ހާޒިރުކޮށް ޖަވާބުދާރީ ކުރެއްވި ކަމަށާއި، އެންމެ ގިނައިން ސުވާލު ކޮށްފައިވަނީ ވެސް އޭރޫ ސަރުކާރުގެ މެޖޯރިޓީގައި އޮތް ޕީޕީއެމްގެ މެމްބަރުން ކަމަށް ވިދާޅުވިއެވެ.

އިދިކޮޅު ފަރާތްތަކުން ޖަވާބުދާރީ ކުރުވާނެ ކަމަށް މީގެ ކުރިން ބުނަމުން ދިޔަ ނަމަވެސް، މިހާރު އެ އަޑުތައް ބަދަލުވެ، އެ ފަރާތްތަކުގެ ހިތުގައި އޮންނަ ގޮތަށް އަޑު އިވެން ފަށައިފިކަން ރައީސް ފާހަގަކުރެއްވިއެވެ. މިހާރު އިވެމުންދަނީ، ސަރުކާރު ބަދަލުކުރާ ވާހަކައާއި، އަޒުލުކުރުމާއި، ބަގާވާތްކުރުން ފަދަ ލަފްޒުތައް އަޑުއިވެމުންދާކަމަށާއި، އެ ހަމަނުޖެހުން ގެނައުމަށް ފުރުސަތު ނުދެއްވުމަށް އިލްތިމާސް ކުރެއްވިއެވެ.

"އިދިކޮޅު ފަރާތްތަކުން ކުރީގައި ޖަވާބުދާރީ ކުރުމުގެ ވާހަކަ ދެއްކިޔަސް ފަހުން އެބޭފުޅުން އަސްލު ހިތުގައި އޮންނަ ގޮތަށް މިހާރު ބޭރުކުރަނީ. ސަރުކާރު ބަދަލުކުރަން، ބަގާވާތްކުރަން، އަޒުލުކުރަން، މިކަހަލަ ލަފްޒުތައް. މިއީ ޑިމޮކްރަސީގެ ހަމަތަކެއް ނޫންކަން އަޅުގަނޑުމެން ކޮންމެ ބޭފުޅަކަށްވެސް އެބަ އެނގޭ. އެހެންވީމަ މި ހަމަނުޖެހުމުގެ ތެރެއަށް ގައުމު ދޫކޮށްލަން ފުރުސަތު ދޭކަށް ނުވާނެ،"

ރައީސް ވިދާޅުވީ، ބާރު ސްޕީޑުގައި ސަރުކާރުގެ މެނިފެސްޓޯ ކުރިއަށްގެންދަން ބޭނުންވާނަމަ ގައުމުގެ ހަމަޖެހުން ބޭނުންވާ ކަމަށެވެ. ތަކުރާރުކޮށް ކޮންމެ ކެމްޕޭން ޖަލްސާއެއްގައި ވެސް ރައީސް ފާހަގަކުރައްވާ އެއްކަމަކީ މިއީއެވެ. މިރޭގެ ޖަލްސާގައި ވެސް އެކަން ހަނދާންކޮށްދީ، ސަރުކާރާއި މަޖިލީހާ ދޭތެރޭގައި ކޯޅުންތައް ކޯލި، މަޖިލީހަކީ ގައުމު ހުއްޓުމަކަށް ގެނުވާ ތަނަކަށް ވިޔަ ނުދިނުމަށް އިލްތިމާސް ކުރެއްވިއެވެ.

މަޖިލީހަށް މީހުން އިންތިހާބުކުރާއިރު، ސާފުކޮށް ވިސްނަންޖެހެއެވެ. ވިސްނަން ޖެހޭ އެއް ސަބަބެއްގެ ގޮތުގައި ކުޅިވަރަކުން މިސާލު ޖައްސަވައި ރައީސް ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން މަޖިލީހަށް އައިސްފިއްޔާ ހީވާނީ ވާދަމަން އުޅޭހެން ކަމަށެވެ. ވަލެއްގެ އެއްކޮޅުގައި މަޖިލިސް އޮވެފައި އަނެއް ކޮޅުގައި ސަރުކާރެވެ. ވަލަކީ ރައްޔިތުންގެ ގޮތުގައި ސިފަކޮށް، ރައީސް ވިދާޅުވީ ދެ ފަރާތުން ދެމި ވަރަކަށް ވާގަނޑު ދާނީ ކަނޑައިގެން ކަމަށެވެ.

ވާކަނޑު ކަނޑައިގެން ދިއުމުން، ރައްޔިތުން ބިކަވެ، ހުރިހާ ގެއްލުންތަކަކާއި ކުރިމަތިލާން ޖެހޭ ބަޔަކަށް ވެފައިވަނީ ރައްޔިތުންކަން ފާހަގަކުރައްވާ، އެ ފުރުސަތު ދެއްވަން ނުވާނެ ކަމަށް ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!