ޚަބަރު

ޑޮލަރުގެ އަގު ދެން ވެސް ދާނީ ދަށަށް: ރައީސް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޑޮލަރުގެ އަގު މައްޗަށް ދާތަން ދެން ނުފެންނާނެ ކަމަށާއި, ދެން އަބަދު ވެސް ފެންނާނީ ޑޮލަރުގެ އަގު ތިރިއަށްދާ މަންޒަރުކަމަށް ރައިސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

އެމަނިކުފާނު މިހެން ވިދާޅުވީ، ފުވައްމުލައް ސިޓީގައި ރޭ ބޭއްވި މަޖިލިސް ކެންޕެއިން ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ, ރާއްޖެއަށް އިޤްތިޞާދީ މިނިވަންކަން ކަށަވަރުކުރުމުގެ މަސައްކަތާއެކު އިޤްތިޞާދު ވަރުގަދަވަމުން އަންނަކަމަށެވެ.

“ޑޮލަރުގެ އަގު އިންތިހާއަށް ނާރާނެ މައްޗަކަށް. ހިފެހެއްޓިފައި ހުންނާނީ. ކުރިއަށްވުރެ ދަށަށް ދާނީ. ފައިސާގެ އަގުދަނީ މައްޗަށް. އަޅުގަނޑުމެންގެ އިޤްތިޞަދުގައި އެދަނީ ބޭރުގެ އިންވެސްޓަރުންގެ އިތުބާރު އަންނަމުން. ރާއްޖެއަށް ލިބޭ އާމްދަނީ އެދަނީ އެތައް ގުނައަކުން އިތުރުވަމުން.”ރައީސް ވިދާޅުވީ ސަރުކާރުން އެޅުއްވި އިޤްތިޞާދީ ފިޔަވަޅުތަކާއެކު ޑޮލަރުގެ އަގު މައްޗަށް ނުގޮސް، ހިފެހެއްޓިފައިވާކަމަށެވެ.

ސަރުކާރާއި ހަވާލުވެވަޑައިގެންނެވިއިރު ބޭރުގެ ލޯނުތައް ދެއްކުމަށް ސޮވެރިން ޑިވެލޮޕްމަންޓް ފަންޑުގައި ހުރީ އެންމެ 2 މިލިއަން ޑޮލަރުކަމަށާއި، ނަމަވެސް ސަރުކާރުގެ މަސައްކަތާއެކު އެ ފަންޑަށް މިހާރު 35 މިލިއަން ޑޮލަރު ޖަމާވެފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިދިޔަ 4 މަސް ދުވަހުގެ ތެރޭގައި އިޤްތިޞާދީގޮތުން ކުރިއެރުންތައް ހޯދީ ފައިސާ ޗާޕް ނުކޮށްކަމަށެވެ. އަދި ފައިސާ ޗާޕްކުރުމަކީ ކުރީ ސަރުކާރުން އެންމެ ފަސޭހައިންކުރި ކަންތައްކަމަށާއި، އެގޮތުން 8000 މިލިއަން ރުފިޔާ ފަސް އަހަރު ތެރޭގައި ޗާޕުކޮށްފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ފައިސާ ޗާޕްކުރުމަކީ އިޤްތިޞާދަށް ލިބޭނެ ބޮޑު ގެއްލުމަކަށްވާތީ، ފައިސާ ޗާޕް ނުކުރުމަށް ސަރުކާރުން ނިންމަވާފައިވާކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!