ފަސް ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއު އެމްޓީސީސީއަށް
ށ. މިލަންދޫ، ށ. ބިލެއްފަހި، ތ. ވިލުފުށި، ތ. ގުރައިދޫ އަދި ށ.ކޮމަންޑޫގައި އެއާޕޯޓު ތަރައްގީކުރުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) އާއެކު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން ބުނީ އެ ފަސް ރަށުގައި އެއާޕޯޓް ތަރައްގީ ކުރުމަށްޓަކައި ސަވޭ ކުރުމާއި ޑިޒައިން އަދި އީއައިއޭ ހެދުމަށް އެމްޓީސީސީއާ އިއްޔެ ހަވާލުކޮށްފައިވާ ކަމަށެވެ.
މިލަންދޫ އާއި ކޮމަންޑޫ އެއާޕޯޓު ތަރައްގީ ކުރުމަށް ސާވޭ ކުރުމާއި ޑިޒައިން އަދި އީއައިއޭ ހެދުމުގެ މަސައްކަތާއި، ބިލެތްފަހި އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއު އެމްޓީސީސީ ހަވާލުކޮށް، އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރު އިބްރާހީމް ނަސީމް އެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ ހަސަން މުޣުނީ އެވެ.
ގުރައިދޫގެ އެއާޕޯޓު ތަރައްގީކުރުމަށްޓަކައި ސާވޭ ކުރުމާއި ޑިޒައިން އަދި އީއައިއޭ ހެދުމަށް އެމްޓީސީއާއެކު ވެވުނު އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު ޑރ. އަބްދުﷲ މުއްޠަލިބް އެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް ޕްރޮޖެކްޓް މެނޭޖްމަންޓް އޮފިސަރު އަހްމަދު ލަތީފް އެވެ.
ވިލުފުށީގެ އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށް އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރު ހަސަން ރަޝީދެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް ޕްރޮޖެކްޓް މެނޭޖްމަންޓް އޮފިސަރު އަހްމަދު ލަތީފް އެވެ.
މީގެއިތުރުން ބިލެއްފަހީގައި އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއު ވެސް ވަނީ ހަވާލުކޮށްފައެވެ. މި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވާފައިވަނީ ފިޝަރީޒް މިނިސްޓާ އަހްމަދު ޝިޔާމް އެވެ. އެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރު އިބްރާހީމް ނަސީމް އެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ ހަސަން މުޣުނީ އެވެ.
ނަމަވެސް، މި މަޝްރޫއުތަކާއި ގުޅޭ އިތުރު ތަފްސީލް މިނިސްޓްރީން ހާމަކޮށްފައެއް ނުވެއެވެ.