އަޒާންގެ އަމާޒު ވަރަށް ސާފު؛ އައްޑޫ ތަރައްގީކޮށް، މަޖިލީސް އިސްލާހުކުރުން
މާދަމާ ބައްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި، އައްޑޫ ސިޓީ ހިތަދޫ މެދު ދާއިރާއަށް ވާދަކުރަނީ އައްޑޫގެ ހާލަތު ބަދަލުކޮށް މަޖިލީސް އިސްލާހުކުރަން ކަމަށް ޕީއެންސީ/ޕީޕީއެމް ޓިކެޓުގައި ހިތަދޫ މެދު ދާއިރާއަށް ވާދަކުރާ އަހުމަދު އަޒާން ބުނެފިއެވެ.
އަޒާން އެހެން ބުނީ، މާލޭގައި ދިރިއުޅޭ އައްޑޫ ރައްޔިތުންނާ ރައީސް ޑރ މުހައްމަދު މުއިއްޒު ބައްދަލުކުރައްވަން ރޭ ހިރިޔާ ސުކޫލުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަމުންނެވެ.
އަޒާން ބުނީ، އޭނާގެ މަޖިލީހަށް ކުރިމަތިލީ އައްޑޫގެ ރައްޔިތުންނަށް ދިމާވެފައިވާ ހާލަތު ބަދަލުކުރުމަށް ކަމަށާއި، ރައީސް ޑރ މުހައްމަދު މުއިއްޒު އައްޑޫއާ މެދު ގެންގުޅުއްވާ ބޮޑު ތަސައްވަރެއް އެބައޮތް ކަމަށެވެ. މި ސަރުކާރަށް މިވީ ކުޑަދުވަސްކޮޅުގެ ތެރޭގައި އައްޑޫގައި ބޮޑެތި މަޝްރޫއުތަކެއް ރައީސް ފައްޓަވައިދެއްވާފައިވާ ކަމަށް އަޒާން ބުންޏެވެ.
''އައްޑޫ ބްރިޖުގެ މަޝްރުއޫ، އައްޑޫ މުޅިން އާ ޕަވާސްޓޭޝަނެއް އެޅުމުގެ މަޝްރޫއު، އައްސޭރި ޓޫރިޒަމްގެ މަޝްރޫއު އަދި ރައީސް އިބްރާހިމްގެ ސަރުކާރުން ފަށަން އުޅެ ނުފެށުނު ހަންކެނޑެ މަޝްރޫއުވެސް ދާދި ފަހުން ރައީސް މުއިއްޒުގެ ސަރުކާރުގެ ވަނީ ފައްޓަވާފައި، މިކަމުން އެނގެނީ ރައީސް މުއިއްޒުގެ ސަރުކާރުގެ ހެޔޮ ނިޔަތް އެބައޮތްކަން'' އަޒާން ބުންޏެވެ.
އަޒާން ފާހަގަކުރި ގޮތުގައި ބާރު ސްޕީޑުގައި އައްޑޫ ތަރައްގީ ކުރެވޭނީ ސަރުކާރަށް އެއްބާރުލުން ދޭނެ މަޖިލީހެއް އޮވެގެނެވެ. އެއަށް ފަހު އަޒާނު ކިޔައިދިނީ އައްޑޫގެ ހާލަތެވެ.
''އައްޑޫގައި މުނިފޫހި ފިލުވާނެ ވަސީލަތްތަކެއް ނުހުރޭ، ހާއްސަ އެހީއަށް ބޭނުންވާ ކުދިން ތެރަޕީ ހޯދާނެ ގޮތްތަކެއް ނުހުރޭ، ހިތަދޫގައި މަސްމާރުކޭޓެއް ނެތް، ވަޒީފާގެ ފުރުސަތުތަކެއް ނުހުރޭ، އިގްތިސާދީ ފުރުސަތުތަކެއް ނެތް، އައްޑޫގެ ރައްޔިތުންނަކީ ރާއްޖޭގެ އެހެން ރަށްތަކާއި އަޅައިބަލާއިރު އެންމެ ހާލުގައި އުޅޭ ރައްޔިތުން އުޅޭ އެއްތަން، މިއީ ގަބޫލުކުރަން ދަތި ވާހަކައެއް، ދުވަސްކޮޅެއް އައްޑޫއާ ދުރުގައި އުޅުމަށް ފަހު މި ކެމްޕޭނުގައި ޒިޔާރަތްކުރުމުން އެނގުނީ އައްޑޫ ރައްޔިތުންގެ އުޅޭ ހާލަތު'' އަޒާން ބުނީ، އެ ހާލަތު ބަދަލުކުރެވޭނީ އަބަދު އެއްބަޔަކަށް ދެމުން އައި ފުރުސަތު ބަދަލުކޮށްގެން ކަމަށެވެ.
އަޒާން ބުނީ ޒުވާނުން ސިޔާސީ ކަންކަމުން ފޫހިވަނީ މަޖިލީސް ޕާފޯމްކުރާ ގޮތުން ކަމަށާއި އަންނަން އޮތް ޖެނެރޭޝަނަށް ނަޒާހަތްތެރި މަޖިލީހެއް ފޯރުކޮށްދޭން ޖެހޭ ކަމަށެވެ. އެހެންވެ ނަޒާހަތްތެރި މަޖިލީހެއް ގާއިމުކޮށްދޭނެ ކަމަށް ބުންޏެވެ.