ބޯކޮށް ވެހުނު ވާރޭގައި ފޭދޫގެ 40 އަށްވުރެ ގިނަ ގެއަށް ގެއްލުން
ދެކުނުގެ އާބާދީ އެންމެ ބޮޑު ސިޓީ، އައްޑޫ އަށް ރެއިން ފެށިގެން ވަރަށް ބޯކޮށް ވާރޭވެހި 40 އަށްވުރެ ގެއަކަށް ގެއްލުން ވެއްޖެއެވެ.
ރޭ 7:30 އިން ފެށިގެން ވެހުނު ވާރޭގެ އަސަރު އެންމެ ބޮޑަށް ކުރީ އެ ސިޓީގެ ފޭދޫއަށެވެ. މަގުތަކުގައި ފެންބޮޑުވެ ގެތަކަށްވެސް ވެސް ފެން ވަނީ ވަދެފައެވެ. ބޮޑުވި ފެންގަނޑު ސިފައިން ވަނީ މިހާރު ހިއްކާފައެވެ.
ނެޝަނަލް ޑިޒާސްޓަ މެނޭޖްމެންޓް (އެންޑީއެމްއޭ) އިން ބުނީ, ފޭދޫއަށް ވެހުނު ބޯ ވާރޭގައި 40 އަށްވުރެ ގިނަ ގޭގެއަށް އަސަރުކޮށް އަވަށު އޮފީހާއި ސިފައިން ހަރަކާތްތެރިވެފައިވާ ކަމަށެވެ.
އަދި ޖުމްލަ 5 ގެއަކުން މީހުން ހުސްކުރަން ޖެހުނު ކަމަށް އެންޑީއެމްއޭއިން ބުންޏެވެ. ވަގުތީ ބޯހިޔާވަހިކަމަށް ބަދަލު ކުރެވުނީ 2 ގެއެއްގެ މީހުންނެވެ. އެހެން ގެތަކުން ބަދަލުވީ އާއިލީ ގެތަކަށް ކަމަށްވެސް އެންޑީއެމްއޭއިން ބުންޏެވެ.
''40 ގޭގައި ވެލި ބަސްތާ ޖެހީ، އެކަމަކު ގެތަކުގެ އަދަދު އިތުރުވެދާނެ އަދިވެސް. އަޅުގަނޑުމެންގެ އެސެސްމެންޓަށް ފަހު އެނގޭނީ'' އެންޑީއެމްއޭގެ ޑެޕިއުޓީ ސީއީއޯ އުމަރު ފިކުރީ މި ނޫހަށް ވިދާޅުވިއެވެ.
އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ''ދެން'' އަށް ވިދާޅުވީ، ފޭދޫގައި ފެންބޮޑުވާ މައްސަލަ ހައްލު ކުރެވޭނީ ރަނގަޅު ފެން ހިންދާ ނިޒާމެއް ގާއިމްކޮށްގެން ކަމަށެވެ.
''ފޭދުގެ ފެން ހިންދާ ނިޒާމަކީ ތަންކޮޅެއް ކުރިން އަޅާފައި އިން ނިޒާމެއް، އެހެން އޮއްވާ ޗަސްބިންތައްވެސް ހިއްކީމަ ހަމަ ފްލަޑްވާ ގޮތް ވަނީ، ފޭދޫގައި ފެން ހިންދާ ނިޒާމެއް ގާއިމްކުރަން ޖެހޭނީ، މިހާރު އޮތް ނިޒާމު ވޯކެއް ނުކުރޭ އެހާ ރަނގަޅަށް'' މޭޔަރު ވިދާޅުވިއެވެ.
ނިޒާރު ވިދާޅުވީ، އައްޑޫގެ ގުޅިފައިވާ އެހެނިހެން ރަށްތަކަށް ފެން ބޮޑުވުމުގެ މައްސަލަ ދިމާނުވާ ކަމަށެވެ.