ޚަބަރު

ސިފައިންގެ ތަމްރީނު ކޯހުގެ އެއްވަނަ ހަމްނާ ރަޝީދަށް

އަލީ ސަމާޙް ، ދެން އޮންލައިން
ސިފައިންގެ ތަމްރީނު ކޯހުގެ އެއްވަނަ ހޯދި ހަމްނާ ރަޝީދު

ސިފައިންގެ 70 ވަނަ އަސާސީ ތަމްރީން ކޯހުގެ އެންމެ މޮޅު ދަރިވަރުގެ އެވޯޑް، ޕްރައިވެޓް ހަމްނާ ރަޝީދު ހޯދައިފިއެވެ.

Ads by Sosun Fihaara

މިއަދު ހަވީރު ގިރިފުށި ޓްރެއިނިން ސެންޓަރުގައި ބޭއްވި 70 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދިފާއީ ވަޒީރު، މުހައްމަދު ޣައްސާން މައުމޫންއެވެ. ރަސްމިއްޔާތުގައި، ޣައްސާން ވަނީ ލަޝްކަރު ބަލާފާސް ކޮށްދެއްވުމަށްފަހު، ކޯހުން ވަނަތައް ހާސިލުކުރި ދަރިވަރުންނަށް އިނާމް ހަވާލުކޮށްދެއްވާފައެވެ.

ހެވިކަމަށް އެންމެ މޮޅު ދަރިވަރުގެ އެވޯޑް، ޕްރައިވެޓް އިޝްހާގް ޝަރީފް ހާސިލުކޮށްފައިވާއިރު، ހަށިހެޔޮކަމުން އެއްވަނަ ދަރިވަރުގެ އެވޯޑް ހާސިލުކޮށްފައިވަނީ އައިހަމް އަލީއެވެ. އަމާޒަށް ބަޑިޖެހުމުން އެންމެ މޮޅު ދަރިވަރުގެ އެވޯޑް، މުހައްމަދު ރިޝްފާން ހާސިލުކޮށްފައިވާއިރު، މަޒުމޫން ލިޔުމުގެ މުބާރާތުން އެއްވަނަ ދަރިވަރުގެ އެވޯޑް ހާސިލުކޮށްފައިވަނީ އުލްވިއްޔާ އަހުމަދުއެވެ.

މުޅި ކޯހުން އެއްވަނަ ޕްލެޓޫނަަކަށް ހޮވިފައިވަނީ ޝަހީދު އަލީ ރަސްގެފާނު ކޮމްޕެނީގެ ފޯތު ޕްލެޓޫނެވެ. ޝަހީދު އަލީ ރަސްގެފާނު ކޮމްޕެނީގެ، ފަސްޓް ޕްލެޓޫނުގެ އެއްވަނަ ދަރިވަރަކަށް އަބްދުﷲ ހާޝިމް އަހުމަދު ހޮވިފައިވާއިރު، ޝަހީދު އަލީ ރަސްގެފާނު ކޮމްޕެނީގެ، ސެކަންޑް ޕްލެޓޫނުގެ އެއްވަނަ ދަރިވަރަކަށް ހޮވިފައިވަނީ ޕްރައިވެޓް ހުސައިން އައިހަމް މޫސާއެވެ.

އަދި، ޝަހީދު އަލީ ރަސްގެފާނު ކޮމްޕެނީގެ، ތާޑު ޕްލެޓޫނުގެ އެއްވަނަ ދަރިވަރަކަށް ޕްރައިވެޓް އިޝްހާގު މުހައްމަދު ހޮވިފައިވާއިރު، ޝަހީދު އަލީ ރަސްގެފާނު ކޮމްޕެނީގެ، ފޯތު ޕްލެޓޫނުގެ އެއްވަނަ ދަރިވަރަކަށް ހޮވިފައިވަނީ ޕްރައިވެޓް އަހްމަދު ރިމާހުއެވެ. ޝަހީދު އަލީ ރަސްގެފާނު ކޮމްޕެނީގެ، ފިފްތު ޕްލެޓޫނުގެ އެއްވަނަ ދަރިވަރަކަށް ހޮވިފައިވަނީ ޕްރައިވެޓް އުލްވިއްޔާ އަހްމަދު އެވެ.

މި ކޯހުން 98 ދަރިވަރުން ވަނީ ދަސްވެނިވިފައެވެ. އެއީ 89 ފިރިހެން ދަރިވަރުންނާއި 9 އަންހެން ދަރިވަރުންނެވެ.

އެމްއެންޑީއެފް ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީސްއިން 2023 އޮކްޓޫބަރު 28 އިން ފެށިގެން ފަސް މަސް ދުވަހުގެ މުއްދަތަށް ހިންގި މި ކޯހުގެ ތަމްރީނުތައް ކުރިއަށްގެންދިޔައީ ޅ.މާފިލާފުށީގައި ހުންނަ އެމްއެންޑީއެފް ދަ ބޭސިކް ސްކޫލުގައެވެ.

މި ރަސްމިއްޔާތުގައި ކޯހުގެ ދަރިވަރުންނަށް ސިފައިންގެ އަޒުމް ލައިދެއްވީ، ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީސްގެ ޑެޕިއުޓީ ކޮމާންޑިންގ އޮފިސާ ކާނަލް އިބްރާހީމް އަޝްރަފެވެ.

އަސާސީ ތަމްރީނު ކޯހަކީ އަލަށް ސިފައިންގެ ހިދުމަތާ ގުޅޭ މީހުންނަށް ސިފައިންގެ އެކި ދާއިރާތަކުގައި މަސައްކަތްކުރެވޭ ފެންވަރަށް އިލްމު އުނގަންނައިދީ، ތަމްރީނު ކުރުމަށް ހިންގޭ ކޯހެކެވެ.

އަސާސީ ތަމްރީނު ކޯސް މައިގަނޑު ގޮތެއްގައި އަމާޒުކުރެވިފައި ވަނީ ކޯސް ފުރިހަމަކުރާ ކޮންމެ ސިފައިންގެ މީހަކީ ގައުމިއްޔަތަށް ލޯބިކުރާ، ސިފަވަންތަ، އަހުލާގު ރަނގަޅު އަދި އަމުރަށް ކިޔަމަންތެރިވާ، ހަށިހެޔޮ މީހަކަށް ހެދުމާ އެކު ސިފައިންގެ މީހަކަށް އެނގެންޖެހޭ އަސާސީ އިލްމާއި ހުނަރު އުނގަންނައި ދިނުން ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!