ރިޕޯޓް

ރޯގާތައް ގިނަވާން ދިމާވީ، ރޯގާ ހުރި ދިމާތަކުން މީހުން ދަތުރުކުރި ވަރު ގިނަވެގެން

ފައިނާ ފާއިޒް ، ދެން އޮންލައިން
މާލެއިން ރަށްރަށަށް ބަޔަކު ދަތުރު ކުރަނީ.. ދެން އިމޭޖްސް

ރާއްޖޭގައި ރޯގާ އާއި ވައިރަލް ހުމުގެ ކޭސްތައް އަބަދުހެން ކަހަލަ ގޮތަކަށް ރިޕޯޓްކުރެވެއެވެ. އެކަމަކު ފާއިތުވި މަހެއް ތެރޭގައި ކޭސްތަކުގެ އަދަދު ވަނީ މައްޗަށް ޖެހިލާފައެވެ. މަދިރީގެ ޒަރިއްޔާއިން ޖެހޭ ބައްޔެއް ކަމަށްވާ ޗިކުންގުންޔާ އަދި ޑެންގީގެ ކޭސްތައްވެސް ވަނީ އިތުރުވެފައެވެ. ގިނައީ ގްރޭޓާ މާލެ ސަރަހައްދުން ރިޕޯޓް ކުރެވޭ ކޭސްތަކެވެ.

Ads by Hajj Corporation

މިފަހަރު ރާއްޖޭގައި ރޯގާތައް ފެތުރުނު ގޮތް:

"މި ރޯގާތައް ގިނަވެގެން މިއުޅޭނީ މި ބަންދު ތެރެއިން ގްރޭޓާ މާލެ އޭޭރިއާއިން އަތޮޅުތަކަށް ޗުއްޓީ ހޭދަކުރުމަށް ދަތުރުކޮށް އެކުވެ އުޅުމުން" އެޗްޕީއޭގެ ޕަބްލިކް ކޯޑިނޭޓާ މުހައްމަދު ހަމްޒަތު, ރޭ ޕީއެސްއެމްގެ ގައި ތިލަކޮށްދެއްވިއެވެ.

ހަމްޒަތު އިޝާރާތް ކުރި ގޮތުންނަމަ ކޭސްތަކުގެ ''ސާޖް'' އެއް އައި އީދު ބަންދާއި، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ރަށްރަށަށް ކުރި ދަތުރުތަކުންނެވެ.

ހަމްޒަތު ވިދާޅުވީ މާލެ ސަރަހައްދުން ޑެންގީގެ ކޭސްތައް އެންމެ ގިނައިން ރިޕޯޓްކުރެވެނީ ހުޅުމާލެއިން ކަމަށެވެ. އެކަމަކު ކުރީއަހަރުތަކާއި ބަލާއިރު މި އަހަރު ކޭސްތަކުގެ އަދަދު މަދުކަމަށް ވިދާޅުވިއެވެ.

''އަތޮޅު ތެރޭގައި ހދ ގައި އެބައުޅޭ ކޭސްތަކެއް (ޑެންގީ) ކޮންމެވެސް ވަރަކަށް، މި ދޭތެރެއިން ނ އަތޮޅުން ކޮންމެވެސް ވަރަކަށް އުޅުނު ޑެންގީ ކޭސްތަކެއް،.. މި އޭރިއާއިން ވަރަށް ގިނަ މީހުން ގޮސްފައި އުޅޭތަނެއް މާފުއްޓަކީ ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ގޮސް އުޅޭނެތަނެއް، ހުޅުމާލެ އާއި މާފުއްޓާ މި ޒޯން ގައި އަބަދުވެސް ރިޕޯޓްކުރެވެމުންދޭ'' ހަމްޒަތު ވިދާޅުވިއެވެ.

ޗިކުންގުންޔާ އަދި ޑެންގީ ފެތުރެނީ ކިހިނެއް؟

ޗިކުންގުންޔާ އަދި ޑެންގީ އަކީ މަދިރީގެ ޒަރިއްޔާއިން ފެތުރޭ ބައްޔެކެވެ.

ޑެންގީ ހުމަކީ ފްލޭވިވައިރަސް ނަމަކަށް ކިޔާ ވައިރަސްގެ ގުރޫޕަކަށް ނިސްބަތްވާ ޑެންގީ ވައިރަސްގެ ޒަރިއްޔާއިން ޖެހޭ ބައްޔެކެވެ. ޑެންގީ ވައިރަސް އުފުލާ މަދިރިއަށް ކިޔަނީ އީޑީސް މަދިރިއެވެ. މި ބަލި ޖެހެނީ ވައިރަސް އުފުލާ މަދިރިއެއް ހަފާ ވަގުތުއެވެ.

ޑެންގީ ހުމެކޭ އެއްފަދައިން ޗިކުންގުންޔާ އަކީ ވެސް އީޑީސް މަދިރި މެދުވެރިކޮށް ފެތުރޭ ބައްޔެކެވެ. މި ބަލި ޖެހެނީ އީޑީސް އިޖިޕްޓައި މަދިރި ހެފުމުން ފެތުރޭ ވައިރަސް، އަލްފާވައިރަސް އިންނެވެ. ޗިކުންގުންޔާވެސް ޖެހެނީ މި މަދިރި ހަފާ ވަގުތުއެވެ. އީޑީސް މަދިރި އަކީ ސާފު ބޯފެނުގައި ބިސް އަޅާ އާލާވާ މަދިރިއެކެވެ.

ޗިކުންގުންޔާ އާއި ޑެންގީ އަކީ ގައިންގައިން އަރާ ބައްޔެއް ނޫނެވެ.

އެކަމަކު އެއާއި ހިލާފަށް ޗިކަންޕޮކްސް އަކީ ގައިން ގަޔަށް އަރާ ބައްޔެކެވެ. މި ބަލި ފެތުރެނީ ވެރިސެލާ-ޒޯސްޓާ ނަމަކަށް ކިޔާ ވައިރަސްއެއް މެދުވެރިކޮށެވެ. މިއީ ނޭވާލާ ނިޒާމު އަދި ކުޅު މެދުވެރިކޮށް ފެތުރޭ ބައްޔެކެވެ.

ބަލީގެ އަލާމަތްތައް:

ޗިކުންގުންޔާގެ އަލާމަތްތަކުގެ ތެރޭގައި 39 ޑިގްރީ ސެލްސިއަސްއަށް ވުރެ ހުން ގަދަ ވުން، ގަދައަށް ބޮލުގައި އަދި ގައިގައި ރިއްސުން ހިމެނެއެެވެ. ހުޅުހުޅުގައި ރިއްސުމާއި، ހުޅުހުޅު ދުޅަވުން އަދި ގައިގައި ތަރް ބިހި ނުވަތަ ރޭޝް ނެގުންވެސް އަލާމާތްތަކުގެ ތެރޭގައި ހިމެނެއެވެ.

ޑެންގީ ޖެހޭ މީހުންގެ ފަރާތުންވެސް ފެންނަނީ ޗިކުންގުންޔާގެ އަލާމާތްތައް ކަހަލަ އެއްގޮތް ކަންތައްތަކެކެވެ.  ހުން އައުމާއި، ބޮލުގައި ރިހުން، ހުޅުތަކާއި މަސްތަކާއި ކަށިތަކުގައި ރިހުމުގެ އިތުރުން ލޮލުގައި ރިއްސުމެވެ.

ޗިކަންޕޮކްސް ޖެހުމުން ގަދަޔަށް ހުންއައިސް، މޭ ނުބައިކޮށް، ކާހިތް ކެނޑުން އަދި ހަށިގަނޑުގެ އެކި ތަންތަނުގައި ބްލިސްޓާސް ނުވަތަ ފެން ބިހި ނަގައެވެ.

ރޯގާތަކުން ރައްކާތެރި ވުމަށް އަޅަން ޖެހޭ ފިޔަވަޅުތައް: 

މި ރޯގާތަކުން ސަލާމަތްވަން އޮތް އެންމެ މުހިއްމު ކަމަކީ މަދިރި އާލާވާނެ ގޮތަށް ހުންނަ ތަންތަން ނައްތާލުމެވެ.

ކޮންސްޓްރަކްޝަން ސައިޓާއި، ގަސް ގިނަ ސަރަހައްދު ތަކުގައި މަދިރި އަލާ ނުވާފަދައިން ފެން ހަރުނުލާ ގޮތައް ބެހެއްޓުން ވަރަށް މުހިއްމެވެ. ގަވައިދުން މަދިރި ބޭސް، ލޯޝަން އަދި ފޮގް ކުރުން ފަދަ ކަންތައްތައް ކުރުމަށް ވެސް އެޗްޕީއޭއިން އިރުޝާދުދެއެވެ.

ވީހާވެސް ނިވާކަން ބޮޑު އަންނައުނު ލުމަކީ މަދިރިން ރައްކާތެރިވުމަށް ކުރެވިދާނެ ކަމެކެވެ. ހެނދުނާއި ހަވީރު މަދިރިއަށް ވަދެވޭ ގޮތަށް ހުންނަ ދޮރުތައް ލައްޕާފައި ބެހެއްޓުމަކީވެސް އެޅިދާނެ މުހިއްމު ފިޔަވަޅެކެވެ.

ޗިކަންޕޮކްސް ޖެހެފައިވާނަމަ ބަލި ރަނގަޅުވަންދެން އެެެެެކަހެރިވެގެން ހުރުމަކީ ބަލި ފެތުރުން ކޮންޓްރޯލް ކުރަން އެޅިދާނެ މުހިއްމު ފިޔަވަޅެކެވެ.

އާންމުންގެ ޒިންމާ:

މިފަދަ ބައްޔެއް ޖެހިއްޖެ ނަމަ އާންމުން އެއްވެ އުޅޭ ތަންތަނަށް ނުނިކުމެ ގޭގައި މަޑުކޮށްލުން އެއީ ސިއްހީ އިދާރާތަކުން އިލްތިމާސްކުރާ ގޮތެވެ. ސިއްހީ އިދާރާތަކުން ލަފާދެނީ ފަރުދީ ޒިންމާވެސް ނެގުމަށެވެ. ބަލި ޖެހިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރަށް ދައްކަންވާނެއެވެ. ވީހާވެސް އަވަހަކަށް ފަރުވާ ހޯދުމަކީވެސް މުހިއްމު ކަމެކެވެ.

ކުރިއަށް މިއޮތީ މަދަރުސާތަކުގެ ބޮޑު ޗުއްޓީ ދުވަސްވަރެެވެ. އެއްތަނުން އަނެއްތަނަށް ދަތުރުކުރުން ގިނަވާނެ ކަމަށް ބެލެވެއެވެ. އެހެންވެ ދަތުރުކުރާއިރުވެސް މި ބަލިތަކުން ރައްކާތެރިކަން ހޯދައިގެން ދަތުރުކުރުން އެއީ ވަރަށް ބޮޑަށް ސަމާލުކަމެއްދޭން ޖެހޭ ކަމެއް ކަމަށް އެޗްޕީއޭއީން އިލްތިމާސްކުރެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!