ޚަބަރު

ސިޔާސީ މަގާމުތަކުގެ އަދަދުތައް ހާމަކުރާނަން: ސަރުކާރު

އަލީ ސަމާޙް ، ދެން އޮންލައިން

ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ސިޔާސީ މަގާމުތަކަށް އައްޔަންކޮށްފައިވާ ބޭފުޅުންގެ އަދަދުތަކާއި، ސަރުކާރުން ބޭރު ގައުމުތަކާއި އެކު ހެދިފައިވާ އެއްބަސްވުންތަކުގެ މައުލޫމާތު ވަރަށް އަވަހަށް ހާމަކުރާނެ ކަމަށް ރައީސް އޮފީހުން މިއަދު ބުނެފިއެވެ.

Ads by MWSC

މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން، ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ އަދަދު ހޯދުމަށާއި، ޗައިނާއާ އެކު ވެފައިވާ 20 އެއްބަސްވުމުގެ މައުލޫމާތު އަދި އިންޑިއާ ސިފައިން ބޭލުމަށް އެ ގައުމު ސަރުކާރާ އެކު ވެފައިވާ އެއްބަސްވުންތައް ހޯދަން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް) ބައެއް މީޑިއާތަކުން ހުށަހެޅިއެވެ. އެ މައްސަލައިގެ އަޑުއެހުންތަކަށް ރައީސް އޮފީހުގެ ލީގަލް ޓީމުން ބައިވެރިވެވަޑައިނުގަންނަވައެވެ. ސިޔާސީ މަގާމުތަކުގެ އަދަދުތަކަކީ ހިފެހެއްޓޭނެ އަދަދުތަކެއް ނޫން ކަމަށް ނިންމައި އެ މައުލޫމާތު ހާމަކުރަން އައިކޮމުން، ރައީސް އޮފީހަށް އޮތީ އަންގާފައެވެ. އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުން ސިޔާސީ މަގާމުތަކަށް އައްޔަންކުރި ބޭފުޅުން އަދަދު އުޅެނީ 1000 އިން މަތީގައެވެ.

އެކަމަކު އަދި މިހާތަނަށް ރައީސް އޮފީހުން އެ މައުލޫމާތު ހާމަކޮށްފައިނުވާތީ ތިން މަސް ފަހުން މިއަދު ރައީސް އޮފީހުން ބޭއްވި ޕްރެސް ބްރީފިންގައި ނޫސްވެރިން ވަނީ ހަދާފައިވާ އެގްރީމެންޓްތަކާއި އަދި ސިޔާސީ މަގާމުގެ އަދަދުތަކާއި ގުޅޭ ގޮތުން ސުވާލުކޮށްފައެވެ.

އެ މައުލޫމާތުތައް ހިއްސާނުކުރަނީ މައުލޫމާތު ހާމަކުރުމުގެ ސިޔާސަތަށް އައި ބަދަލަކުންތޯ ނޫސްވެރިއަކު ސުވާލުކުރުމުން ދާދި ފަހުން ރައީސް އޮފީހުގެ ތަރުޖަމާނަކަށް ހަމަޖެއްސި ހީނާ ވަލީދު ވިދާޅުވީ، ސިޔާސަތަށް ބަަދަލެއް އައިސްފައިނުވާ ކަމަށެވެ.

ވިދާޅުވީ މި ސަރުކާރުގެ ސިޔާސަތަކީ ވީހާވެސް ހާމަކަން ބޮޑު ގޮތެއްގައި މައުލޫމާތު ހާމަކުރުން ކަމަށެވެ. އެހެންވެ ވަރަށް އަވަހަށް އެ މައުލޫމާތު ހާމަކުރައްވާނެ ކަމަށް އެންސްޕާގެ ސީއީއޯގެ މަގާމުވެސް ފުރުއްވަމުން ގެންދަވާ ހީނާ ވިދާޅުވިއެވެ.

''ވަރަށް އަވަހަށް ސިޔާސީ މަގާމުތަކުގެ އެކްޒެކްޓް ފިގާ ނޫސްވެރިންނާ ހަމަޔަށް ގެނެސްދޭނަން'' ހިނާ ވިދާޅުވިއެވެ. އެކަމަކު އެ ހިއްސާކުރާނެ ވަކި ދުވަހެއް ވިދާޅެއް ނުވެއެވެ. ނަމަވެސް މިއަދުން ފެށިގެން ކޮންމެ ހަފްތާއަކު ނޫސްވެރިންނަށް މައުލޫމާތުދޭން ރައީސް އޮފީހުން ޕްރެސްތައް ބާއްވާނެ ކަމަށް ހީނާ ވިދާޅުވިއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!