އަލިފާނުގެ ޙާދިޘާއެއްގައި ޣާޒާގެ ތިން ކުއްޖަކު ނިޔާވެއްޖެ
އިޒްރޭލުން އަތްގަދަ ކޮށްފައިވާ ޣާޒާގެ ގެއެއްގައި ހިނގިި އަލިފާނުގެ ޙާދިޘާއެއްގައި ތިން ކުއްޖަކު ނިޔާވެއްޖެއެވެ.
ފަލަސްތީނުގެ މީޑިއާތައް ރިޕޯޓް ކޮށްފައިވާ ގޮތުގައި މިދިޔަ އަންގާރަ ދުވަހު މި ޙާދިޘާ ހިނގާފައިވަނީ އަލްނުސައިރަތު ރެފިޔުޖީ ކޭމްޕްގެ ގެއެއްގައެވެ. އަލިފާން ރޯވެފައިވަނީ ކަރަންޓް ނެތުމުގެ ސަބަބުން އަލިކަން ހޯދުމަށް ޓަކައި ރޯކޮށްފައިވާ އުއްބައްތިއެއްގެ އަލިފާން ގޭގައި ހިފައިގެންނެވެ.
ފަލަސްތީނުގެ ހެލްތު މިނިސްޓްރީގެ އޮފިޝަލުންނާއި ހަވާލާދީ މީޑީއާތަކުން ބުނެފައިވަނީ ނިޔާވި ތިންބެއިން އަލްއަޤްޞާ ހޮސްޕިޓަލަށް ގެންދިޔަ ކަމަށާއި ނަމަވެސް އޭރު ވެސް އެ ތިން ކުދިން ނިޔާވެފައިވާ ކަމަށެވެ. އަދި އެކުދިންގެ ގޭގައި ރޯވި އަލިފާންގަނޑު ބޮޑުވުމުގެ ސަބަބުން އަވަށްޓެރިންނަށް ވެސް އެކުދިން ސަލާމަތް ކުރުމަށް ނުކުޅެދުނު ކަމަށް ހެލްތު މިނިސްޓްރީގެ އޮފިޝަލުން ބުނެފައިވެއެވެ.
ޣާޒާގެ ރައްޔިތުންނަށް އިޒްރޭލުން ދެމުން ގެންދާ އަނިޔާގެ ސަބަބުން އެ ރައްޔިތުން އުޅެން ޖެހިފައިވަނީ ނުހަނު ނިކަމެތި ޙާލުގައެވެ. ޣާޒާގެ ބައެއް ސަރަޙައްދުތަކަށް މިހާރުވެސް ކަރަންޓް ލިބެނީ އެންމެ ހަތަރު ގަޑިއިރަށެވެ.
މި ޙާދިޘާއާއި ގުޅިގެން ޣާޒާގެ ރައްޔިތުން ދަނީ ހިތާމަ ފާޅު ކުރަމުންނެވެ. ޣާޒާގެ އާންމުން ބުނަމުންދަނީ މި އިޒްރޭލްގެ އަނިޔާވެރިކަމުގެ ސަބަބުން އެމީހުންގެ ދިރިއުޅުން ނިކަމެތިވެފައިވާ ކަމަށާއި މި ޙާދިޘާއަކީ ވެސް އެ ނިކަމެތިކަމުގެ ސަބަބުން ކުރިމަތިވި ހާދިޘާއެއް ކަމަށެވެ.