ޚިޔާލު ރިޕޯޓް

މޭޑޭ: މަގްސަދާއި ހައްގުތަކުގެ ވާހަކަ

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ކޮންމެ އަހަރެއްގެ މަސައްކަތްތެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ މެއި މަހުގެ 1 ވަނަ ދުވަސް

ލޭބާ ޑޭ ނުވަތަ ބައިނަލްއަޤްވާމީ މަސައްކަތްތެރިންގެ ދުވަހުގެ ނަމުންވެސް ނަންދެވިފައިވާ މޭ ޑޭ އަކީ ކޮންމެ އަހަރެއްގެ މެއި މަހުގެ އެއްވަނަ ދުވަހު ފާހަގަކުރާ ރަސްމީ ބަންދު ދުވަހެކެވެ. އެއީ އެމެރިކާ، ކެނެޑާ، އަދި ޔޫރަޕާއި އޭޝިއާ އަދި ލެޓިން އެމެރިކާގެ ގައުމުތައް ހިމެނޭ ގޮތަށް ދުނިޔޭގެ ގިނަ ގައުމުތަކުގައި ގަބޫލުކުރާ ޗުއްޓީއެކެވެ. އެކަމަކު އަހަރުމެން މި ދުވަސް ފާހަގަކުރަނީ ކީއްވެގެންތޯއާއި، އޭގެ މުހިންމުކަމަކީ ކޮބައިތޯ ބަލައިލުން ވަރަށް މުހިންމެވެ.

Ads by STELCO

ލޭބަރ މޫވްމެންޓް

މޭ ޑޭ އަސްލު އުފެދިފައިވަނީ 19 ވަނަ ގަރުނުގެ ފަހުކޮޅު ލޭބަރ މޫވްމަންޓުންނެވެ. އެމެރިކާގައި މި ޗުއްޓީ އެންމެ ފުރަތަމަ ފާހަގަކުރީ 1886 ވަނަ އަހަރު، އަށް ގަޑިއިރުގެ މަސައްކަތު ދުވަހަށް އަޑު އުފުލުމުގެ ތެރެއިންނެވެ. އެ އަހަރުގެ މެއި މަހުގެ އެއްވަނަ ދުވަހު މުޅި އެމެރިކާގައި ލައްކައެއްހާ މަސައްކަތްތެރިން ހަޅުތާލުކޮށް، މަސައްކަތުގެ ހާލަތު ރަނގަޅުކޮށް، މަސައްކަތުގެ ގަޑި ކުރުކުރުމަށް ޑިމާންޑް ކުރި އެވެ. ފުރަތަމަ ހަޅުތާލު ކުރިއަށް ގެންދިޔައީ ސުލްހަވެރި ނަމަވެސް މެއި މަހުގެ ހަތަރު ވަނަ ދުވަހު ޝިކާގޯގެ ހޭ މާކެޓް ސްކޮއަރގައި ބޭއްވި ލޭބަރ މުޒާހަރާއެއްގައި ބޮމެއް ގޮވައި އެތައް ބަޔަކު މަރުވެ އެތައް ބަޔަކު ޒަޚަމްވެފައިވެ އެވެ. މި ހާދިސާގެ ސަބަބުން ލޭބަރ އެކްޓިވިޒަމްގެ މައްޗަށް ހިފެހެއްޓުމެއް އުފެދުނު ނަމަވެސް، އެކަމުގެ ސަބަބުން ލޭބަރ މޫވްމަންޓަށް ވެސް ބާރު ލިބި، ލޭބަރ ސޮލިޑަރިޓީއާއި މުޒާހަރާގެ ދުވަހެއްގެ ގޮތުގައި މޭ ޑޭ ޤާއިމުކުރެވުނެވެ.

އެކި ގައުމުތަކުގައި އެކި ސަގާފަތް

ދުނިޔޭގެ އެހެން ހިސާބުތަކުގައި މި ބަންދަށް ތަފާތު ތާރީހެއް އެބައޮތެވެ. މިސާލަކަށް ޔޫރަޕްގައި މިކަމުގެ އަސްލު ފެންނަނީ ޕޭގަން ސަގާފަތްތަކުނެވެ. ޚާއްސަކޮށް ހޫނު މޫސުމުގެ ފެށުން ފާހަގަކުރާ ގޭލިކް ފެސްޓިވަލެއްގެ ތެރެއިން މި ދުވަސް ފާހަގަކުރެ އެވެ. ޖަރުމަނުގައި މި ދުވަސް މައިފެއިއާޓަގްގެ ނަމުން މަޝްހޫރުވެފައިވާއިރު، މި ދުވަސް ފާހަގަކުރަނީ ނަށާ ލަވަކިޔުމުގެ ތެރެއިންނެވެ. ފިންލޭންޑާއި ސްވިޑެންގައި މޭ ޑޭ ފާހަގަކުރަން ޕިކްނިކްތަކާއި ބޭރުގެ ހަރަކާތްތައް ބާއްވަ އެވެ. އިނގިރޭސިވިލާތުގައި ނެށުމާއި އެހެނިހެން ސަގާފީ އާންމު އާދަކާދަތައް ފާހަގަކުރެ އެވެ. އޭޝިއާގެ ގައުމުތަކުގައި އާންމުގޮތެއްގައި އޮންނަނީ ހިނގައިލުންތަކާއި އާންމު އެއްވުންތަކެވެ.

 ސިޔާސީ އެކްޓިވިޒަމް އާއި އިޖުތިމާއީ އިންސާފު

މެއި މަހުގެ އެއްވަނަ ދުވަހަކީ މަސައްކަތްތެރިން އެއްތަނަކަށް އެއްވެ، ރަނގަޅު މަސައްކަތުގެ ހާލަތާއި، އިންސާފުވެރި އުޖޫރަ އާއި، ލޭބަރުގެ އެހެނިހެން ހައްގުތައް ހޯދުމަށް ޑިމާންޑްކުރާ ދުވަހަކަށް ވަނީ ވެފަ އެވެ. ގިނަ ޤައުމުތަކުގައި ލޭބަރ ޔޫނިއަންތަކާއި އެހެނިހެން މަސައްކަތްތެރިންގެ ޖަމިއްޔާތަކުން ޕެރޭޑްތަކާއި އެއްވުންތަކާއި އެހެނިހެން ހަރަކާތްތައް ބާއްވަނީ ލޭބަރ މޫވްމަންޓުގެ ކާމިޔާބީތައް ފާހަގަކުރުމަށާއި މަސައްކަތުގެ ހާލަތު އިތުރަށް ރަނގަޅު ކުރުމަށް ގޮވާލުމަށެވެ. އަދި ސިޔާސީ އެކްޓިވިޒަމް އާއި އިޖުތިމާއީ އިންސާފުގެ ދުވަހެއްގެ ގޮތުގައި މި ދުވަސް ހާއްސަވެ އެވެ. މޭ ޑޭ ވެފައިވަނީ ރައްޔިތުން އެއްވެ، އެންމެންނަށް އިންސާފުވެރި އަދި ހަމަހަމަ މުޖުތަމަޢެއް ހޯދުމަށް ޑިމާންޑް ކުރާ ދުވަހަކަށެވެ.

ރާއްޖޭގެ ހާލަތު

ރާއްޖޭގައި މަސައްކަތްތެރިންގެ ދުވަސް ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައެޅީ 2011 ވަނަ އަހަރު ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގަ އެވެ. އެ އަހަރުން ފެށިގެން މަސައްކަތްތެރިންގެ ހައްގުތައް ހޯދުމަށް ރާއްޖޭގައިވެސް އަޑު ގަދަވެގެން ދިޔަ އެވެ. މިދިޔަ ކުރު މާޒީގައި ކުރިއެރުންތަކެއްވެސް ވަނީ ލިބިގެން ގޮސްފަ އެވެ. މިސާލަކަށް ވަޒީފާއާއި ބެހޭ ގާނޫނުތައް ހަރުދަނާ ކުރުމާއި، މިނިމަމް ވޭޖު ކަނޑައެޅުންފަދަ ކަންކަން ހިމެނެ އެވެ. މިއާއެކުވެސް ރާއްޖޭގައި ވަޒީފާއާއި ގުޅުންހުރި މައްސަލަތައް ވަރަށް ގިނަ އެވެ. ހާއްސަކޮށް ޕްރައިވެޓް ސެކްޓާގައި މައްސަލަތައް ގިނަކަން ފާހަގަކޮށްލެވެ އެވެ.

އެންމެ ކަންބޮޑުވާ އެއް މައްސަލައެއްގެ ގޮތުގައި ފެންނަނީ މުސާރަ ނުދިނުމުގެ މައްސަލަ އެވެ. ރާއްޖޭގައި މުސާރަ ނުދޭ މައްސަލަތައް އެންމެ ގިނައިން ދިމާވަނީ ބިދޭސީ މުވައްޒަފުންނަށެވެ. އެހެން ނަމަވެސް، އަމިއްލަ ބައެއް ކުންފުނިތަކުގައި ދިވެހީންނަށް ވެސް މި މައްސަލަ ކުރިމަތިވެ އެވެ. ހަތަރު މަހުން ފެށިގެން އެކި މުއްދަތުތަކާ ހަމައަށް މުސާރައެއް ދިނުމަކާ ނުލާ މަސައްކަތް ކުރުވާ މުވައްޒަފުން ވެސް އެބަ ތިއްބެވެ.

ބިދޭސީންގެ ވާހަކަ ދައްކާއިރު އެމީހުން ގިނަވެ ދިވެހިންނަށް ހުޅުވިފައިވާ ވަޒީފާގެ ދޮރުތައް ހަނިވަމުންދާ ކަންވެސް ފާހަގަކޮށްލަން ޖެހެ އެވެ. ރާއްޖޭގެ އިގްތިޞާދުގެ މައި ސިނާއަތަކީ ފަތުރުވެރިކަމުގެ ސިނާއަތެވެ. އެންމެ ގިނަ ދިވެހިން ވަޒީފާ އަދާކުރަނީވެސް މި ސިނާއަތުގަ އެވެ. އެންމެ ފަހުގެ ބޯހިމެނުމުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން ރާއްޖޭގެ ރިސޯޓުތަކުގައި މަސައްކަތް ކުރާ މީހުންގެ 70 އިންސައްތަ އަކީ ބިދޭސީންނެވެ. ދިވެހި މުވައްޒަފުންގެ ގޮތުގައި އުޅެނީ 30 ޕަސެންޓް މުވައްޒަފުންނެވެ. މި އަދަދުން މި ދައްކުވައިދެނީ، ރާއްޖޭގެ ރިސޯޓުތަކުގައި ދިވެހިން މަސައްކަތް ކުރާ އަދަދު މަދުކަމެވެ.

ދެން އޮތް ކަންބޮޑުވުމަކީ ސިވިލް ސާވަންޓުންގެ މުސާރަ ކުޑަވުމެވެ. ހާއްސަކޮށް ސިޔާސީ އެކި މަގާމުތަކުގައި ފަސް އަހަރު ވަންދެން ހިދުމަތް ކުރާ މީހާއަށް ސިވިލް ސާވިސްގައި 10 އަހަރު މަސައްކަތް ކުރާ މީހާއަށްވުރެއް މުސާރަ ބޮޑުވުމެވެ. މިއީ ހައްލުތަކެއް ބޭނުންވެފައިވާ ކަމެކެވެ. ވޭތުވެދިޔަ ކުރު މާޒީގައި މުސާރަތައް ބޮޑު ކުރެވުނު ނަމަވެސް ދިރިއުޅުމުގެ ހާލަތާއި ލިބޭ އާމްދަނީ އަދިވެސް ނުބައްދަލެވެ. ހާއްސަކޮށް މާލެފަދަ ދިރިއުޅުން އަގު ބޮޑު ތަނެއްގައި އެކަކަށް ނުވަތަ އެއް އާއިލާއަކަށް ވަކިން، ތަނަވަސް އެޕާޓްމެންޓެއްގައި ދިރިއުޅުން އަދިވެސް އޮތީ ގޮންޖެހުމަކަށް ވެފަ އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!