ޚަބަރު އިޖުތިމާޢީ

އޭޕްރީލް މަހުގެ ފެން ބިލުން ޑިސްކައުންޓް ދެނީ

ފައިނާ ފާއިޒް ، ދެން އޮންލައިން
މޯލްޑިވްސް ވޯޓާ އެންޑް ސުވަރޭޖު ކޮމްޕެނީ (އެމް.ޑަބްލިޔު.އެސް.ސީ)

އޭޕްރީލް މަހުގެ ބިލްތަކަށްވެސް ކަސްޓަމަރުންނަށް ޑިސްކައުންޓު ލިބިގެންދާނެކަމަށް މޯލްޑިވްސް ވޯޓާ އެންޑް ސުވަރޭޖު ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން ބުނެފިއެވެ.

Ads by Hajj Corporation

އެ ކުންފުނިން މިއަދު އާންމު ކުރި ނޫސްބަޔާނެއްގައި ބުނެފައ ވަނީ މި އަހަރު ރަމަޟާން މަހުގެ، ގޭބިސީތަކުގެ ފެންބިލާއި ކަރަންޓުބިލުން ޑިސްކައުންޓް ދިނުމަށް ސަރުކާރުން ނިންމުމާއި ގުޅިގެން، ފާއިތުވި ރަމަޟާން މަހުގެ ފެން ބިލާއި ކަރަންޓު ބިލަށް އެ ކުންފުނީގެ ޑޮމެސްޓިކް ކަސްޓަމަރުންނަށް ކަނޑައެޅިފައިވާ އުސޫލުން ޑިސްކައުންޓު ފޯރުކޮށްދީފައިވާނީ ރަމަޟާން މަހުގެ ތެރޭގައި 11 މާޗް އިން ފެށިގެން 11 އެޕްރީލްގެ ނިޔަލަށް ފޮނުވާފައިވާ ބިލްތަކަށް ކަމަށެވެ.

އެ ގޮތުން މި މުއްދަތުގެ ތެރޭގައި ކަސްޓަމަރުންނަށް 14.13 މިލިއަން ރުފިޔާގެ ޑިސްކައުންޓު ދެވިފައިވާކަމަށްވެސް އެ ބަޔާނުގައި ވަނީ ބުނެފައިއެވެ.

އެއީ ޑޮމެސްޓިކް ކެޓަގަރީއަށް ބިލްކުރެވިފައިވާ މިންވަރުގެ 24.5 އިންސައްތައެވެ. ނަމަވެސް މިބިލްތަކުގައި ރަމަޟާންމަހު ބޭނުންކުރެވުނު ފެނާއި ކަރަންޓު ހިމެނިފައިވަނީ އެކި މިންވަރަށް ކަމަށާއި ރަމަޟާންމަހުގެ ތެރޭގައި ފޮނުވުނު ބިލްތަކުގެ އިތުރުން ރަމަޟާން މަހުގެ ތެރޭގައި ބޭނުންކުރެވުނު ފެނާއި ކަރަންޓުގެ އަގަށްވެސް ކަނޑައެޅިފައިވާ އުސޫލުގެ މަތިން ޑިސްކައުންޓު ދިނުމަށް ނިންމަވާފައިވުމާއެކު، މިއަހަރުގެ އޭޕްރީލް މަހުގެ ބިލްތަކަށްވެސް ކަސްޓަމަރުންނަށް ޑިސްކައުންޓު ލިބިގެންދާނެ ކަމަށް އެމްޑަބްލިޔުއެސްސީން ވަނީ ބުނެފައިއެވެ.

އޭޕްރީލް މަހުގެ ބިލު، ޑިސްކައުންޓު ހިމަނައިގެން ފޮނުވާފައިވާ މާރޗް މަހުގެ ބިލަށްވުރެ ބޮޑުވާނަމަ، ބޮޑުވާ މިންވަރު ޑިސްކައުންޓްގެ ގޮތުގައި އޭޕްރީލް މަހުގެ ބިލުން އުނިކޮށްދެވޭނެ ކަމަށާއި، އުނިކޮށްދެވޭ މިންވަރަކީ އޭޕްރީލް މަހުގެ ބިލްގެ 10 އިންސައްތައަށްވުރެ ކުޑަމިންވަރެއް ކަމުގައިވާނަމަ، 10 އިންސައްތަ އާއި އެއްވަރަށް ޑިސްކައުންޓްގެ މިންވަރު މަތިކޮށްދެވޭނެކަމަށް އެ ކުންފުނިން ވަނީ ބުނެފައިއެވެ.

އޭޕްރީލް މަހުގެ ބިލް މާރޗް މަހުގެ ބިލަށްވުރެ ކުޑަ ނަމަވެސް ޑިސްކައުންޓްގެ ގޮތުގައި އޭޕްރީލް މަހުގެ ބިލުން 10 އިންސައްތަ ޑިސްކައުންޓް ދެވޭނެ ކަމަށާއ، އަލަށް ފެން އަދި ކަރަންޓް ލާފައިވާ ފަރާތްތަކަށް ފޮނުވާ ފުރަތަމަ ބިލަކީ އޭޕްރީލް މަހުގެ ބިލްކަމުގައިވާނަމަ އެފަދަ ފަރާތްތަކަށްވެސް އޭޕްރީލް މަހުގެ ބިލުން 10 އިންސައްތަ ޑިސްކައުންޓް ދިނުމަށް އެމްޑަބްލިޔުއެސްސީއިން ވަނީ ނިންމާފައިއެވެ.

މީގެ އިތުރުން އޭޕްރީލް މަހުގެ ޑިސްކައުންޓުގެ ގޮތުގައި ދެވޭ އަދަދާއި، މިހާތަނަށް 2024ގެ އޭޕްރީލް މަހުގެ ބިލް އެ ކުންފުނިން ފޮނުވާފައިވާ ފަރާތްތަކުގެ ބިލު އިސްލާޙު ކުރުމުން އަދަދުތަކަށް އަންނަ ބަދަލުތަކާއި، ޑިސްކައުންޓުގެ ގޮތުގައި ދެވޭ އަދަދު ކަސްޓަމަރަށް ކުރެޑިޓް ކުރެވޭ ހާލަތުގައި އެ މައުލޫމާތުވެސް 5 މެއި 2024 ވަނަ ދުވަހުން ފެށިގެން އެސްއެމްއެސް މެދުވެރިކޮށް ކޮންމެ ކަސްޓަމަރަކަށްވެސް ހިއްސާކުރެވޭނެ ކަމަށްވެސް ނޫސްބަޔާނުގައި ވަނީ ބުނެފައިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!