ރައީސް އަށް ވީޑިއޯ ސުވާލު ފޮނުވޭނެ އިންތިޒާމު ހަމަޖައްސަނީ

އާންމުންނަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއާ ސުވާލުކުރުމުގެ ފުރުސަތު އިތުރު ކުރުމަށް ފަސޭހަ އިންތިޒާމްތަކެއް ހަމަޖެއްސުމުގެ މަސައްކަތް ރައީސް އޮފީހުން ފަށައިފިއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އޮފީހުގެ ޗީފް ސްޕޯކްސްޕާސަން، ހީނާ ވަލީދު ވިދާޅުވީ، އެ އޮފީހުން ގެނެސްދެމުންދާ ސުވާލާއި ޖަވާބު ޕްރޮގްރާމުގައި މިހާރު އަމަލުކުރަމުންދާ ގޮތަކީ، ވީޑިއޯކުރަމުންދަނީ ކެމެރާމަނުން ބޭނުންވާ ސުވާލުތައް ކަމަށެވެ.
އަދި މިހާރު ރައީސް އޮފީހުން މަސައްކަތްކުރަމުންދަނީ އާންމުންނަށް ރައީސާއި ސުވާލުކުރުމުގެ ފުރުސަތު ވީހާވެސް ގިނަ ފަރާތްތަކަކަށް ތަނަވަސް ކޮށްދިނުމަށް ކަމަށެވެ.
"ހަމަހަމަ ފުރުސަތުތައް ހުރިހާ ފަރާތްތަކަކަށްވެސް ހޯދައިދިނުމަށް އަދި ވީހާވެސް ގިނަ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާއާއި ސުވާލު ކުރެވޭނެ ފުރުސަތު ތަނަވަސްކޮށްދިނުމުގެ ގޮތުން އަޅުގަނޑުމެން މިހާރު މި މަސައްކަތްކުރަނީ ސުވާލުތައް ވީޑިއޯ މެދުވެރިކޮށް ވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ކޮންމެ ބޭފުޅަކަށްވެސް ފޮނުވޭނެ ނިޒާމެއް ގާއިމްކުރުމަށް،"
އެގޮތުން ހީނާ ވިދާޅުވީ، މިގޮތަށް ވީޑިއޯ ހިއްސާކުރެވޭނެ ނިޒާމެއް ގާއިމްކުރުމުގެ މަސައްކަތް މިހާރު ކުރެވެމުންދާ ކަމަށެވެ.
ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ރައްޔިތުންގެ އެކި ސުވާލުތަކަށް ވީޑިއޯގެ ޒަރިއްޔާއިން ރައީސް ދެއްވާ ޖަވާބު ރައީސް އޮފީހުން އަންނަނީ ސޯޝަލް މީޑިއާގައި ހިއްސާކުރަމުންނެވެ.