ޚަބަރު ސަރުކާރު

ހަތް ވަޒީރަކު މި މަހު ބޭރަށް ވަޑައިގަންނަވަނީ

ފާރިހާ ޢަދުނާން ، ދެން އޮންލައިން

މި މަހު ތެރޭގައި ސަރުކާރުގެ 7 ވަޒީރަކު ރަސްމީ ދަތުރުފުޅުގައި އެކި ގައުމުތަކަށް ވަޑައިގަންނަވަން ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަން، ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހީނާ ވިދާޅުވީ، މި މަހު ތެރޭގައި 7 މިނިސްޓަރަކު ބޭރު ގައުމުތަކަށް ވަޑައިގަންނަން ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން، އަރަބް ޓްރެވަލް މާކެޓް އޭޓީއެމް 2024 ގައި ބައިވެރިވެ ވަޑައިގެންނެވުމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް، މިހާރު ދަތުރު ކުރައްވަމުން ގެންދަވާ ކަމަށެވެ.

އޭގެއިތުރުން، ދެ މިނިސްޓަރަކު އިނގިރޭސިވިލާތުގެ ލަންޑަންއަށް ވަޑައިގަންނަވަން ހަމަޖެހިފައިވާކަމަށް ވެސް ވިދާޅުވިއެވެ. ހީނާ ވިދާޅުވީ، ލަންޑަންއަށް ވަޑައިގަންނަވަން ހަމަޖެހިފައިވަނީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުއާ، އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ކަމަށެވެ.

ސައީދު ވަޑައިގަންނަވަނީ ފައިނޭންޝިއަލް ސާވިސްގެ ރައުންޑް ޓޭބަލް ބައްދަލުވުންތަކުގައި ބައިވެރިވަޑައިގަތުމަށެވެ.  ޝަފީއު ވަޑައިގަންނަވަނީ ކޮމަންވެލްތް އެޑިއުކޭޝަން މިނިސްޓަރުންގެ ބައްދަލުވުމާއި 20 ވަނަ ވޯލްޑް އެޑިއުކޭޝަން ފޯރަމްގައިވެސް ބައިވެރިވެޑައިގަތުމަށެވެ.

އިތުރަށް ހީނާ ވިދާޅުވީ، ގްލޯބަލް ސެކިއުރިޓީ ފޯރަމްގައި ބައިވެރިވެވަޑައިގަތުމަށް ހޯމް މިނިސްޓަރ އަލީ އިހުސާން ގަތަރަށް ފުރާވަޑައިގަންނަވަން ހަމަޖެހިފައިވާ ކަމަށެވެ. އޭގެއިތުރުން، 19 ވަނަ އޭޝިއާ އޯޝޭނިއާ ރީޖަން އިންޓަގަވަމެންޓަލް މިނިސްޓްރީއާ މީޓިން އޮން ސްޕޯޓްސްގައި ބައިވެރިވެވަޑައިގަތުމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު އުޒްބިކިސްތާނަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ހީނާ ވިދާޅުވިއެވެ.

އިންފޯ ފިޝް ވޯލްޑް ޓްރޭޑް ކޮންފަރެސްން އެންޑް އެގްޒްހިބިޝަންގައި ބައިވެރިވުމަށް ފިޝަރީޒް މިނިސްޓަރު  އަހްމަދު ޝިޔާމް ތައިލެންޑްްގެ ބެންކޮކަށް ވަޑައިގަންނަވަން ހަމަޖެހިފައިވާކަން ވެސް ހީނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ފޮރިން މިނިސްޓަރު މޫސާ ޒަމީރު އިންޑިއާ އަށް ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ.

މި ދަތުރުތަކާއިގުޅޭ އިތުރު މައުލުމާތު ހިއްސާކޮށްފައެއް ނުވެއެވެ. ހީނާ ވިދާޅުވީ، އެ ދަތުރުތަކުގެ ތަފްސީލްތައް މިނިސްޓްރީތައް މެދުވެރިކޮށް، ނޫސްވެރިންނަށް ލިބޭނެ ކަމަށެވެ.

Ads by Ooredoo