ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރު ދެމިއޮންނާނީ ތެލެސީމީހާ ބަލި ތަހައްމަލުކުރާ ފަރާތްތަކަށް ބޭނުންވާ ފަރުވާ ކަށަވަރުކޮށް ދިނުމުގައި ކަމަށް ހެލްތް މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެ އެވެ.
މިއަދު ފާހަގަކުރަމުންދާ ބައިނަލްއަގްވާމީ ތެލެސީމިއާ ދުވަހުގެ މުނާސަބަތުގައ 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ވަނީ ތެލެސީމީއާ ބަލި ތަހައްމަލުކުރާ ފަރާތްތަކަށް ހަމަހަމަ ކަމާއި ފަސޭހަކަމާއެކު ފަރުވާ ދިނުމަށް ބާރުއަޅައިފަ އެވެ.
ތެލެސީމިއާ ބަލި ކޮންޓްރޯލްކޮށް، މެނޭޖްކޮށް އަދި ކޮންމެ ފަރުދަކަށްވެސް ފެންވަރު ރަނގަޅު ސިއްހީ ހިދުމަތެއް ލިބުމުގެ ހައްގު ކަށަވަރު ކޮށްދިނުމުގައި ސަރުކާރު ދެމި އޮންނާނެ ކަމަށް މިނިސްޓަރުގެ ޕޯސްޓުގައި ލިޔުއްވި އެވެ.
ބަލީގެ ފަރުވާ ހޯދާ ފަރާތްތަކަށް މިހާރު ދެވޭ ހިދުމަތްތައް ހަރުދަނާކޮށް ފުޅާކުރުމުގެ އިތުރަށް ހިލޭ ބޯންމެރޯ ޓްރާސްޕްލާންޓް ހެދޭނެ މަގުފަހި ކޮށްދިނުމަކީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.
މި ފަސް އަހަރުން 50 ކުދީންނަށް ބޯންމެރޯ ހަދައިދޭން އެހީތެރިވެދޭން ސަރުކާރުން ނިންމާފައިވެ އެވެ. އަދި ވަށާޖެހޭ ހައްލެއްގެ ގޮތުން ތެލަސީމިއާއަށް ހާއްސަ ހޮސްޕިޓަލެއް ގާއިމުކުރުމަށްވެސް ރައީސް ނިންމަވާފައިވެ އެވެ.
މީގެ އިތުރުން މިހާރު ޕްރައިވެޓް ހެލްތުކެއާ ނިޒާމުގެ ތެރެއިން ހަދަމުންދާ ތެލަސީމިއާ ކުދިންނަށް ބޭނުންވާ އެންމެ މުހިންމު އެއް ޓެސްޓް ކަމަށްވާ "ޓީ 2 ސްޓާ ޓެސްޓް" ހެދުމަށް ބޭނުންވާ ވަސީލަތްތައް ދުރު ރާސްތާގައި ސަރުކާރުގެ ހޮސްޕިޓަލުގައި ގާއިމުކުރުމަށްވެސް ވަޒީރުންގެ މަޖިލީހުން ނިންމާފައިވެ އެވެ.