ކަލަކު ވޮޑިގެންވާކަމަށް އީމާންވުމަކީ އިންސާނާގެ ފިޠުރަތުގައި މާތް ﷲ ލައްވާފައިވާ ކަމެއް: ހުތުބާ
ކަލަކު ވޮޑިގެންވާކަމަށް އީމާންވުމަކީ އިންސާނާގެ ފިޠުރަތުގައި މާތް ﷲ ލައްވާފައިވާ ކަމެއް ކަމަށް ހުކުރު ހުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުކުރު ހުތުބާގައި އަލިއަޅުވާލާފައިވާ މައުޟޫއަ އަކީ "ކަލަކު ވޮޑިގެންވާ ކަމުގެ ހެކިތައް" މިއެވެ.
ހުތުބާގައި ބުނީ، ޙަޟާރާތްތަކުން ފެށިގެން ގޮސް ފަރުބަދަތަކުގެ ހޮހަޅަތަކާއި ޖަންގަލިތަކުގައި ދިރިއުޅުނު، އިންސާނީ ޙަޟާރާތްތަކާ ވަކިވެފައިވާ ޤަބީލާތަކަށް ބެލިކަމުގައި ވީނަމަވެސް، އިންސާނުން ފެނިފައިވަނީ ކޮންމެވެސް ސިފައެއްގައި ކޮންމެވެސް ކަލަކަށް އީމާންވާ ބައެއްގެ ގޮތުގައި ކަމަށެވެ.
މާތް ﷲ ލައްވާފައިވާ ފިޠުރަތުން އިންސާނާ ބޭރުކުރުމަށްޓަކައި، ކަލަކު ވޮޑިގެންވާކަމުގެ ކައުނީ ޙަޤީޤަތާމެދު ޝައްކުތައް އުފައްދާ ފަރާތްތައް ގިނަވެފައިވާ ކަމަށާއި އެފަރާތްތަކުގެ ވާހަކަތަކުގައި އެއްވެސް ބުރަދަނެއް ނުވާކަން ބުއްދީގެ ހަމަތަކުން ރަނގަޅަށް ވިސްނައިފި ކޮންމެ މީހަކަށްމެ އެނގޭނެ ކަމަށް ހުތުބާގައި ބުންޏެވެ.
އަދި އަހަރެމެންގެ ވަށައިގެންވާ ކައުނުގައި ހިނގަހިނގާ ހުންނަ އެކިއެކި ނިޒާމުތަކަށް ބަލާލުމުން ފެންނަނީ ކަލަކު ވޮޑިގެންވާ ކަމުގެ ހެކިތައް ކަމަށާއި ފުރިހަމަ ނިޒާމެއްގެ ތެރޭގައި ދުނިޔޭގެ ހުރިހާ ކަމެއް، ވަކި ޤާނޫނެއްގެ ދަށުން ހިނގަހިނގާ ހުންނަކަމީ އެއްވެސް ފަރާތެއްގެ ހިންގުމަކާއ ިބެލެހެއްޓުމެއްނެތި، އިއްތިފާޤަކުން ހިނގާ ކަމެއް ކަމުގައި އިންސާނާގެ ސަލާމަތް ބުއްދި ޤަބޫލު ނުކުރާ ކަމަށް ވެސް ހުތުބާގައި ބުންނެވެ.
“ފެންނަންހުރި މި ހެކިތަކާމެދު ވިސްނާ ފިކުރުކުރުމަށް ޤުރްއާނުގެ އެތައް ތަނެއްގައި ﷲ تَعَالَى ވަނީ އަންގަވާފައެވެ. ﷲ تَعَالَى ވަޙީކުރައްވާފައިވާ ވަޙީބަސްފުޅެއްގެ މާނާގައި ވެއެވެ. "ހަމަކަށަވަރުން އުޑުތަކާއި ބިން ހެއްދެވުމުގައްޔާއި، ރޭދުވާ ތަފާތުވުމުގައްޔާއި، މީސްތަކުންނަށް މަންފާކުރާ ތަކެއްޗާއިގެން ކަނޑުމަތީގައި ދުވާ އުޅަނދުތަކުގައްޔާއި، الله އުޑުން ވެއްސެވި ފެނުގައްޔާއި، ފަހެ، ބިން މަރުވެއޮތުމަށްފަހު އެފެނުގެ ސަބަބުން ބިމަށް ދިރުން ދެއްވައިފުމާއި، އަދި ހިނގައިބިނގައިއުޅޭ އެންމެހާ ބާވަތްތަކުގެ ދިރޭތަކެތި، އެ ބިމުގައި ފަތުރުއްވައިފުމާއި، އަދި އެކި ފަރާތްފަރާތުންޖެހޭގޮތުގައި ވައިޖެއްސެވުމުގައްޔާއި، އުޑާއި ބިމާ ދެމެދު ކިޔަމަންކުރައްވާފައިވާ ވިލާގައި، ވިސްނާބަޔަކަށް ކަނޑައެޅިގެން ހުރި ހެކިތަކެއް ވާކަން ކަށަވަރެވެ." ހުތުބާގައި ބުންޏެވެ.
ހުތުބާގައި ބުނީ ކަލަކު ވޮޑިގެންވާކަމުގެ އަނެއް އަލިގަދަ ހެއްކަކީ އަހަރެމެންނާއި މި ޢާލަމު ވުޖޫދުގައި ވުން ކަމަށާއި ޚަލްޤު ކުރެވިފައިވާހާ އެއްޗަކަށް "ޢާލަމޭ" ކިޔައި ނަންދެވިފައި ވާއިރު މި ތަކެއްޗަކީﷲ تَعَالَى ވޮޑިގެންވާ ކަމުގެ ޢަލާމާތެއް ކަމަށެވެ. އެހެނީ ވުޖޫދުގައިވާ ކޮންމެ އެއްޗެއްމެ ވުޖޫދުކުރި ފަރާތެއް ވާނެކަމީ ސަލާމަތް ބުއްދި ހުރި ކޮންމެ އިންސާނަކު ޤަބޫލުކުރާނެ ހަޤީޤަތެއް ކަމަށާއި ލިޔެވިފައިވާ އެއްޗެއް ވާނަމަ އެ ލިޔުނު ފަރާތެއް ވާކަމަށް ވެސް ޤަބޫލުކުރާ ކަަމަށް ހުތުބާގައި ބުންޏެވެ.