ޚަބަރު

އިސްރާއިލަށް ފިޔަވަޅު އަޅަން ބައިނަލްއަގްވާމީ ޖިނާއީ ކޯޓަށް ރައީސް ގޮވާލައްވައިފި

ފާރިހާ ޢަދުނާން ، ދެން އޮންލައިން
ވަޒީރުންގެ މަޖިލީހުގެ ބައްދަލުވެއްގައި ރައީސް މުއިއްޒު

އިސްރާއިލުން ފަލަސްތީނުގެ މުސްލިމުންނަށް ދެމުންގެންދާ ލާއިންސާނީ އަނިޔާތަށް މިހާރުން މިހާރަށް ހުއްޓަންޖެހޭ ކަމަށާއި، އެ އަނިޔާތައް ހުއްޓުވުމަށް ބައިނަލްއަގްވާމީ ޖިނާއީ ކޯޓު (އައިސީސީ)އިން އިސްރާއިލާއިމެދު ފިޔަވަޅު އެޅުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ގޮވާލައްވައިފިއެވެ.

Ads by Hajj Corporation

މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، މިހާރު ޣައްޒާގައި، އަދި ހާއްސަކޮށް ރަފާގައި ފެންނަމުންދާ މަންޒަރަކީ މަރުތައް އިތުރުވެ، ގިނަ ބަޔަކު ގެދޮރު ދޫކޮށްދާ މަންޒަރު ކަމަށެވެ. އެ މަންޒަރު ބަލަން ބައިނަލްއަގްވާމީ މުޖުތަމައު ހިމޭނުން ނުތިބޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އިސްރާއިލްގެ އަތްދަށުވެ ޣައްޒާ ފަނާވެގެން ދާތަން ބަލަން ނުތިބޭނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

އިތުރަށް އެ ޕޯސްޓުގައި ރައީސް ވިދާޅުވީ، ދެކުނު އެފްރިކާއިން ބައިނަލްއަގްވާމީ ޖިނާއީ ކޯޓަށް ހުށަހަޅާފައިވާ މައްސަލައަށް ރާއްޖެއިން ފުރިހަމައަށް ތާއީދުކުރާނެ ކަމަށެވެ. ދެކުނު އެފްރިކާއިން އެ ކޯޓަށް ހުށަހެޅި މައްސަލައިގައި ވަނީ ރަފާ އިސްރާއިލްގެ އަތްދަށުން ސަލާމަތްކުރުމަށް, ރަފާއިން އިސްރާއިލް ވަކިކުރުމުގެ އަމުރަކަށް އެދިފައެވެ.

އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ނަސްލު ނައްތާލުމުގެ އަމަލުތައް ހިންގާ ކަމަށް ތުހުމަތުކުރާ ދެކުނު އެފްރިކާއިން މިހާރު ކުރިއަށްދާ މައްސަލައިގައި، ޖެނުއަރީ މަހު އެ ކޯޓުން ވަނީ ނަސްލު ނައްތާލުމުގެ މުއާހަދާގެ ދަށުން ހިނގާ އެއްވެސް އަމަލަކުން ދުރުހެލިވުމަށް އިސްރާއިލަށް އަމުރުކޮށްފައެވެ.

ރައީސް މުއިއްޒު ވަނީ ރާއްޖޭގެ ރައްޔިތުން ފަލަސްތީނުގެ ރައްޔިތުންނާއެކު ތިބޭނެ ކަމަށާއި، 1967 ގެ ކުރިން އިރުމަތީ ގުދުސްގެ ވެރިރަށަށް ފަލަސްތީނުގެ ބާރު ހިނގި އުސޫލުން މިނިވަން ދައުލަތެއްގެ ހައްގު ހޯދުމަށް އަޑު އުފުލާނެ ކަމަށް ވިދާޅުވެފައެވެ. ފަލަސްތީނުގެ ދައުލަތުގެ ވެރިކަން ހަގީގަތަކަށް ވެ، ފަލަސްތީނުގައި ތިބި އަހުންނާއި އުހުތުންނަށް ކަރާމާތާއި ސުލްހައާއި ތަނަވަސްކަމުގެ ދިރިއުޅުމެއް ނޫޅެވޭހާ ހިނދު، ދިވެހި ސަރުކާރާއި ރައްޔިތުންގެ އަޑު ކެނޑިގެން ނުދާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!