ޚަބަރު

ގުޅިފަޅު ހިއްކުން ހުއްޓުވަން ނެރުނު އަމުރު ސުޕްރީމް ކޯޓުން ބާތިލްކޮށްފި

އައިކާ ޔުނާން ، ދެން އޮންލައިން
ގުޅިފަޅު

ކ. ގުޅިފަޅު ހިއްކުމުގެ މަޝްރޫއު މަޑުޖައްސާލަން ހައި ކޯޓުން ނެރުނު އަމުރު ސުޕްރީމް ކޯޓުން ބާތިލްކޮށްފިއެވެ.

Ads by MWSC

ކުރީ ސަރުކާރުން ގޯތި ދިނުމަށާއި ފްލެޓް އެޅުމަށާއި ބައިނަލްއަގުވާމީ ވިޔަފާރި ބަނދަރެއް ތަރައްގީކުރާ ގޮތަށް ހިއްކަން ފެށި ގުޅިފަޅު ހިއްކާތީ އެ ސަރަހައްދާއި އެ ސަރަހައްދު ވަށައިގެންވާ ތަންތަނުގެ ތިމާވެއްޓަށް އިއާދަނުކުރެވޭނެ ވަރުގެ ގެއްލުމެއް ލިބޭނެ ކަމަށް ބުނެ އެ މައްސަލަ އެންމެ ފުރަތަމަ ސިވިލް ކޯޓަށް ހުށަހެޅީ ތިމާވެށި ހިމާޔަތް ކުރަން މަސައްކަތް ކުރާ އެކްޓިވިސްޓެއް ކަމަށްވާ ހުމައިދާ އަބްދުލްގަފޫރެވެ. އެ ކޯޓުން ނިންމީ އެ މައްސަލަ މަޑުޖައްސާލަން ޖެހޭ ފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށެވެ.

ނަމަވެސް ހައިކޯޓުގައި މައްސަލަ އިސްތިއުނާފުކުރުމުން, އެ ކޯޓުން ހުކުމް ކޮށްފައި އޮތީ ހިއްކުން ވަގުތުން ހުއްޓާލުމަށެވެ.

އެ މައްސަލާގައި ސުޕްރީމް ކޯޓުން މިއަދު އިއްވި ހުކުމްގައި ބުނެފައިވަނީ ހައި ކޯޓުން ގުޅިފަޅު ހިއްކުން ހުއްޓުވަން ވަގުތީ އަމުރު ނެރެފައި އޮތީ އެފަދަ އަމުރުތައް ނެރުމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ އުސޫލާ ހިލާފަށް ކަމަށް ވާތީ, އެ ހުކުމް ބާތިލް ކުރާ ކަމަށެވެ.

އެ މަސައްކަތް ކުރާ ކުންފުންޏާ އެކު ދައުލަތުން ވެފައިވާ އެއްބަސްވެފައިވާ ގޮތުން މަޝްރޫއު ހުއްޓާލައިފި ނަމަ އައިޑަލް ޗާޖަސްގެ ގޮތުގައި ގަޑިއިރަކަށް 15،300 ޔޫރޯ ދައްކަން ޖެހޭތީއާއެކު, މައްސަލަ ހުށަހެޅި ފަރާތް އެދޭ ގޮތަށް ގުޅިފަޅު ހިއްކުން ހުއްޓުވައިފި ނަމަ ދައުލަތަށް ބޮޑެތި މާލީ ގެއްލުންތަކެއް ލިބޭނެ ކަމަށް އެ ހުކުމްގައި ވެ އެވެ.

ސުޕްރީމް ކޯޓުން އެގޮތަށް ހުކުމް ކުރިއިރު, މައްސަލަ ނިމެންދެން އެ މަޝްރޫއު ކުރިއަށް ގެންދެވޭނެ ކަމަށް މީގެ ކުރިން ވަނީ ވަގުތީ އަމުރެއް ނެރެފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!