ޚަބަރު ޝަރުޢީ ދާއިރާ

އެއްބަނޑު ދެކުދިންނަށް ޖިންސީ ގޯނާ ކުރި މީހާ ދޫކޮށްލީ ގޯސްކޮށް: ސުޕްރީމް ކޯޓު

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ސުޕްރީމް ކޯޓު

އެއްބަނޑު ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މީހަކު ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓާފައި ހުއްޓާ ބަންދު މުރާޖައާގެ ދަށުން ކްރިމިނަލް ކޯޓުން އޭނާ ދޫކޮށްލީ ރަނގަޅަށް ކަމަށް ހައި ކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުން ބާތިލުކޮށްފި އެވެ.

Ads by STELCO

އެ ދެކުދީންނާ މެދު، އެކުދިން ދިރިއުޅުނު ވެށީގައި ތަކުރާރުކޮށް ޖިންސީ އަމަލު ހިންގި ކަމުގެ ތުހުމަތުގައި ޝަރީއަތް ނިމެންދެން އެ މީހާ ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން ނިންމީ 2021 ވަނަ އަހަރުގެ މެއި 26 ވަނަ ދުވަހު އެވެ. އެ ނިންމުން މުރާޖައާ ކުރުމަށް އެމީހާގެ ފަރާތުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ކްރިމިނަލް ކޯޓަށް ހުށަހެޅުމުން ބަންދުގައި ބަހައްޓަން ނެރެފައިވާ އަމުރު ވަނީ ބާތިލުކޮށްފަ އެވެ. އަދި އޭނާ ވަނީ ޝަރުތުތަކަކާއިއެކު ދޫކޮށްލައިފަ އެވެ.

ދައުލަތުގެ ފަރާތުން އެ ނިންމުން ހައިކޯޓުގައި އިސްތިއުނާފު ކުރަމުން ބުނެފައިވަނީ ކްރިމިނަލް ކޯޓުން އޭނާ ދޫކޮށްލީ މައްސަލައިގެ ހާލަތު ބަދަލުވެގެން ކަމަށް ބުނިނަމަވެސް، ބަދަލުވީ ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުރުމާ ގުޅޭ ހާލަތު ކަމެއް ނުވަތަ ބަންދުގައި ބަހައްޓަންޖެހޭ ސަބަބުގެ ހާލަތު ކަމެއް ސާފުނުވާ ކަމަށެވެ.

މިކަމާ ގުޅިގެން ހައިކޯޓުން ނިންމީ ކްރިމިނަލް ކޯޓުގެ ނިންމުން ބާތިލް ކުރަންޖެހޭ ގާނޫނީ ސަބަބެއް ނެތްކަމަށެވެ. އެއީ ބަންދުގެ ހާލަތު ބަދަލުވި ގޮތް ނިންމުމުގައި ރަނގަޅަށް ބަޔާންކޮށްފައިވާތީ ކަމަށް ހައި ކޯޓުގެ ނިންމުމުގައިވެ އެވެ.

ހައި ކޯޓުން މިގޮތަށް ނިންމުމުން ދައުލަތުން ވަނީ ސުޕްރީމް ކޯޓަށް މިމައްސަލަ ހުށަހަޅައިފަ އެވެ. ސުޕްރީމް ކޯޓުން ނިންމެވީ ކްރިމިނަލް ކޯޓާއި ހައިކޯޓުން ނެރެފައިވާ އަމުރުތައް ބާތިލުކޮށް، ދައުވާލިބޭ ފަރާތަކީ އޭނާގެ މައްޗަށް ކްރިމިނަލް ކޯޓުގައި ހިނގަމުންދާ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަންޖޭ މީހެއްކަން ނުވަތަ ނޫންކަން، ސުޕްރީމް ކޯޓުން ކަނޑަައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް 15 މެއި 2024 އިން ފެށިގެން 7 ދުވަހުގެ ތެރޭގައި ކްރިމިނަލް ކޯޓުގައި މައްސަލަ ބަލާ ފަނޑިޔާރު ކަނޑައަޅަންދެން، އޭނާ ރިމާންޑް ޖަލެއްގައި ބަންދު ކުރުމަށެވެ.

އޭގެ އިތުރުން، 7 ދުވަހުގެ ތެރޭގައި އޭނާގެ ބަންދާ މެދު ގޮތެއް ކަނޑައަޅަންދެން 48 ގަޑިއިރުގެ ތެރޭގައި އޭނާގެ ބަންދުގެ މުރާޖައާ ކުރަން ކްރިމިނަލް ކޯޓަށް ހުށަހެޅުމަށް ޕްރޮސިކިއުޓަރ ޖެނެރަލްއަށް އަމުރުކޮށްފައިވެ އެވެ.

ސުޕްރީމް ކޯޓުން އެ މައްސަލައިގައި ނެރުނު ހުކުމުގައި ވަނީ، ކްރިމިނަލް ކޯޓުގެ އޭނާ ދޫކޮށްލީ އަސްލު މައްސަލައިގައި ނިއުޅެމުންދާ ހެކިތަކުން އެ މީހާ ކުށްވެރިވުމާ ދުރަށް ދާކަމަށް މައްސަލާ ބަލާ ފަނޑިޔާރަށް ގަބޫލުކުރެވުމުން ކަމަށެވެ.

މިމައްސަލައިގައި ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ޙުސްނުއް ސުޢޫދު އެވެ. ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު އަދި ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!