ޚަބަރު ސަރުކާރު

ފެން ބޮޑުވާ މައްސަލަ ހައްލުކުރަން 24 ގަޑިއިރު މަސައްކަތަށް ނިކުމެއްޖެ

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
މާލޭގައި ފެންބޮޑުވުމުގެ މައްސަލަ ހައްލުކުރަން ފަށާފައިވާ މަޝްރޫއުގެ މަސައްކަތް ކުރިއަށްދަނީ

މާލޭގައި ފެން ބޮޑުވާ މައްސަލަ ހައްލުކުރަން ސަރުކާރުން ފަށާފައިވާ މަޝްރޫއު އަވަސްކުރަން 24 ގަޑިއިރު މަސައްކަތް ކުރަން ނިންމައިފި އެވެ.

Ads by MWSC

އެމަޝްރޫއު ކުރިއަށް ގެންދާ ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން، އާރުޑީސީން މިއަދު ބުނީ މާލެއަށް ދިމާވެފައިވާ ފެން ބޮޑުވުމުގެ މައްސަލަ ހައްލު ކުރުމުގެ މަޝްރޫޢުގެ މަސައްކަތްތައް ވެސްޓްޕާކް ސަރަހައްދުގައި ކުރަމުން އަންނަ ކަމަށާއި މަސައްކަތް އަވަސް ކުރުމުގެ ގޮތުން 24 ގަޑިއިރު އެ ސަރަހައްދުގައި މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މާލޭގެ މަގުތަކުގައި ފެންބޮޑުވާ މައްސަލަ ހައްލު ކުރަން ސަރުކާރުން ފެށި މަސައްކަތް މިހާރު ވަނީ ނިމުމުގެ މަރުހަލާގައި ކަމަށް ނިމިދިޔަ ހަފްތާގައި ޑިފެންސް މިނިސްޓްރީން ވަނީ ބުނެފަ އެވެ. އެގޮތުން މިމަޝްރޫއުގެ ދަށުން ގާއިމްކުރާ ކަލެކްޝަން ޓޭންކުގެ ކޮންކްރީޓް މަސައްކަތް ގާތްގަނޑަކަށް ނިމިފައިވާކަމަށް އެ މިނިސްޓްރީން ބުނެ އެވެ.

މިމަޝްރޫއަކީ މާލޭގެ މަގުތަކުގައި ފެންބޮޑުވެ ރައްޔިތުންނަށް ދިމާވާ ތަކުލީފުތައް ކުޑަކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އެންގެވުމަށް، ދިފާއީ ވުޒާރާއާއި ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީ އަދި އާރްޑީސީ ގުޅިގެން ފަށާފައިވާ މަޝްރޫއެކެވެ.

ސަރުކާރުން ބުނީ މިއީ މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތް ފެށުމުގެ ކުރިން ފެންބޮޑުވާ މައްސަލައަށް ވަގުތީ ހައްލެއް ހޯދައިދިނުމަށް ފެށި މަޝްރޫއެއް ކަމަށެވެ. މިމަޝްރޫއުގެ ދުވެލި އަވަސް ކުރަން ނިންމާފައި މިވަނީ ހުޅަނގު މޫސުމުގެ ވިއްސާރަ ބޯމަތިވަމުން އަންނަ ދުވަސްވަރެއްގައިކަން ފާހަގަކޮށްލެވެ އެވެ.

ކޮންމެ އަހަރެއްގެ ވިއްސާރަ މޫސުމާއި ދިމާކޮށް މާލޭގެ މަގުތަކުގައި ފެންބޮޑުވެ އެވެ. މީގެ ކުރިން ތިން ފަހަރެއްގެ މަތިން މާލޭގެ ބޮޑެތި މަގުތައް ހެދިއިރުވެސް ފެންބޮޑުވުމުގެ މައްސަލައަށް ޖުމްލަ ހައްލެއް ނުލިބެ އެވެ. އެހެންނަމަވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމާއިއެކު އެމަގުގައި ފެންބޮޑުވުމުގެ މައްސަލައަށް ހައްލު ލިބުނެވެ. މީގެ އިތުރުން ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުގައި ފަށައި މިސަރުކާރުން ނިންމައިލި އަމީނީ މަގު މަޝްރޫއަށްފަހު އެމަގުގައިވެސް ފެންބޮޑުވުން ވަނީ ހުއްޓިފަ އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!