ޚަބަރު އިޖުތިމާޢީ

ތިލަފުށީ ދެވަނަ ފިޔަވަހީގެ ބޮޑު ބައެއް ހިއްކައި ނިންމާލައިފި

ފާރިހާ ޢަދުނާން ، ދެން އޮންލައިން
ތިލަފުށި މަތިން ނަގާފައިވާ ފޮޓޯއެއް - ފޮޓޯ: އެޗްޑީސީ

ސިނާއީ މަސައްކަތްތަކަށް ހާއްސަކޮށްގެން ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދާ ތިލަފުށީގެ ދެވަނަ ފިޔަވަހީގެ ބިން ހިއްކުމާއި ގޮނޑުދޮށް ރައްކާތެރިކުރުމުގެ މަޝްރޫއުގެ ގިނަ މަސައްކަތްތަކެއް ނިމިއްޖެއެވެ.

Ads by STELCO

ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ، ތިލަފުށި ތަރައްގީކުރުމުގެ ފިޔަވަހިތަކުގެ ތެރެއިން ފުރަތަމަ މައިލްސްޓޯން ފުރިހަމަވެއްޖެ ކަމަށެވެ.

ތިލަފުށީގެ ދެވަނަ ފިޔަވަހި ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށް ދާއިރު، ސިނާއީ މަސައްކަތްތަކަށާއި ވިޔަފާރީގެ ބޭނުންތަކަށް ބިން ވިއްކުމަށް ވަނީ ހުޅުވާލާފައެވެ. އެގޮތުން، ތިލަފުށިން ބިން ގަނެފައިވާ ފަރާތްތަކާ އެކު ހެދިފައިވާ އެއްބަސްވުމުގައި ކަނޑައެޅިފައި ވަނީ ބިން ހިއްކުމުގެ މަޝްރޫއު ފިޔަވަހިތަކަށް ބަހާލައި، ފުރިހަމަވާ ނިސްބަތަކުން، އެ ބިންތަކުގެ ފައިސާ ދައްކާ ހަމަކުރާ ގޮތަށް ކަމަށް އެޗްޑީސީއިން ބުނެއެވެ.

އެހެންކަމުން މަސައްކަތް ކުރިއަށް ދާ ނިސްބަތާއި ކަނޑައެޅިފައިވާ މައިލްސްޓޯން ފުރިހަމަވާ މިންވަރު ބިން ގަނެފައިވާ ފަރާތްތަކަށް އަންގަމުންދާނެ ކަމަށް އެޗްޑީސީއިން މައުލޫމާތު ދީފައިވެއެވެ.

އިތުރަށް އެޗްޑީސީއިން ބުނީ، އެ ކޯޕަރޭޝަނުން މަސައްކަތްކުރަނީ ކަނޑައެޅިފައިވާ ޕްލޭންއާ އެއްގޮތަށް، ތިލަފުށީގެ ދެވަނަ ފިޔަވަހީގެ މަޝްރޫއުގެ މަސައްކަތް ނިންމައި، ތަނުގެ ބޭނުން ކުރެވޭނެ ފުރުސަތު ވީހާވެސް އަވަހަކަށް ހުޅުވާލުމަށް ކަމަށެވެ.

ތިލަފުށީގެ ބިންހިއްކައި ތަރައްގީ ކުރުމުގެ މައިގަނޑު ބޭނުމަކީ މާލެ ސަރަޙައްދުގެ ރަށްތަކުގެ އިންޑަސްޓްރިއަލް ހަބަކަށް ތިލަފުށި ބަދަލުކޮށް ތަފާތު ފުރުސަތުތައް ހޯދައިދިނުމެވެ.

މި މަޝްރޫއުގެ ދަށުން އަލަށް ހިއްކާ ސަރައްދުތައް އެ ކޯޕަރޭޝަނުން ތަރައްގީކުރަނީ ޖުމްލަ 6 ސަރަހައްދަކަށް ބަހާލައިގެންނެއެވެ. އެގޮތުން އިންޑަސްޓްރިއަލް މަސައްކަތްކުރުމަށް ވަކި ސަރަހައްދެއް ހާއްސަކޮށްފައިވާއިރު، ލިކުއިފައިޑް ނެޗުރަލް ގޭސް ޕްލާންޓެއް އެޅުމަށްވެސް އަލަށް ބިން ހިއްކާ ސަރަޙައްދުން ބޮޑު ބައެއް ހާއްސަކުރާނެއެވެ. މީގެއިތުރުން، ލުއި ސިނާއީ މަސައްކަތް ކުރިއަށް ގެންދިއުމަށާއި، މިކްސްޑް-އޮފީސް އަދި ކުދި ވިޔަފާރިތަކަށްވެސް ސަރަހައްދުތަކެއް ކަނޑައަޅާފައިވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!