ބޮލީވުޑް މުނިފޫހިފިލުވުން

ސަލްމާން ފިޔަވައި އެކްޓަރުންގެ ތެރޭގައި ރައްޓެއްސަކު ނުހުންނާނެ: ބަންސާލީ

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ޑައިރެކްޓަރު ބަންސާލީ އާއި އެކްޓަރު ސަލްމާން

ބޮލީވުޑް ފިލްމުތަކުގައި އެކީގައި މަސައްކަތް ކުރި އެކްޓަރުންގެ ތެރޭގައި އެކުވެރިކަމުގެ ގުޅުން އެއްވެސް ފަންނާނަކާއިއެކު ބާއްވާފައި ނުވާނެ ކަމަށާއި އެހެންނަމަވެސް ސަލްމާން ހާންއަކީ ހަމައެކަނި އެކުވެރިކަމުގެ ގުޅުން ބާއްވަމުން އަންނަ އެކްޓަރު ކަމަށް މަޝްހޫރު ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ ބުނެފި އެވެ.

Ads by Sosun Fihaara

ބަންސާލީ އާއި ސަލްމާން އެކީގައި މަސައްކަތް ކޮށްފައިވަނީ ފިލްމު "ހަމް ދިލް ދޭ ޗުކޭ ސަނަމް" ގަ އެވެ. އެއަށްފަހު މިދެމީހުން އެކީގައި މަސައްކަތް ކޮށްފައެއް ނުވެ އެވެ. ބުނެވޭ ގޮތުގައި މި ދެމީހުންގެ ދެމެދުގައި މައްސަލަ ޖެހުނީ 2010 ވަނަ އަހަރު ބަންސާލީ "ބާޖީރާއޯ މަސްތާނީ" ގެ މަސައްކަތް ފަށަން އުޅުމުގެ ތެރޭގަ އެވެ.

"ބާޖީރާއޯ މަސްތާނީ" އަށް ފުރަތަމަ ކާސްޓު ކުރީ ބަތަލާ އައިޝްވާރިޔާ ރާއީ ބައްޗަން އާއި ސަލްމާން އެވެ. އެހެންނަމަވެސް މި ދެތަރިން ލޯބީގެ ގުޅުން ކަނޑައިލުމާއިއެކު އެކުގައި މަސައްކަތް ކުރަން ދެކޮޅު ހެދި އެވެ. އެހެންވެ ބަންސާލީ ނިންމީ ދެތަރިންވެސް ފިލްމުން ބޭރުކޮށް އެފިލްމު ލަސްކުރާށެވެ.

ބަންސާލީއާއި ސަލްމާން މި މައްސަލަގަނޑަށްފަހު އެކުގައި މަސައްކަތްކޮށްފައެއް ނުވެ އެވެ. 2021 ވަނަ އަހަރު "އިންޝާﷲ" ގެ ނަމުގައި ފިލްމެއް ހަދަން ސަލްމާން އާއި އާލިއާ ބަޓް، ބަންސާލީ ކާސްޓު ކުރި އެވެ. އެހެންނަމަވެސް އެފިލްމުވެސް ލަސްވެގެން ދިޔައީ ސަލްމާން މަސައްކަތް ކުރަން ބޭނުން ނުވުމުންނެވެ. އޭގެ ފަހުން ބަންސާލީއާއި ސަލްމާން އެއްވެސް ގުޅުމެއް ނޯންނަކަމަށް މީޑިއާގައި ވާހަކަ ދެކެވުނެވެ.

މިހާރު ނެޓްފްލިކްސްގައި ސްޓްރީމް ކުރަމުންދާ ބަންސާލީގެ ފުރަތަމަ ވެބް ސީރީޒް "ހީރާމަންޑީ" ގެ ޕްރޮމޯޝަން އިންޓަވިއުއެެއްގައި ވާހަކަދައްކަމުން އޭނާ ބުނީ އެކުގައި މަސައްކަތްކުރި ހުރިހާ ފަންނާނުންދެކެ އިންތިހާއަށް ލޯބިވާ ކަމަށެވެ. އަދި އެމީހުންނާ ގުޅުން ރަނގަޅު ނަމަވެސް އެއްވެސް މީހަކާއިއެކު އެކުވެރިކަން ބާއްވާފައި ނުވާ ކަަމަށެވެ.

އެހެންނަމަވެސް ސަލްމާން އަކީ ވޭތުވެދިޔަ އަހަރުތަކުގައި ހަމައެކަނި އެކުވެރިކަމުގެ ގުޅުން ބޭއްވި އެކްޓަރުކަމަށް ބަންސާލީ ބުންޏެވެ. އެ ދެމީހުންގެ ދެމެދުގައި މައްސަލަ ޖެހުނު ފަހުންވެސް ސަލްމާން ގުޅާ ކަމަށާއި ހާލު ބަލައި އެއްވެސް އެއްޗެއް ބޭނުންވޭތޯ އަބަދުވެސް ސުވާލު ކުރާކަމަށް ބަންސާލީ ބުންޏެވެ.

ބަންސާލީ މިހާރު އުޅެނީ "އިންޝާﷲ" ގެ މަސައްކަތް ފަށާށެވެ. މިފިލްމުގެ މުހިންމު ރޯލުތަކުން ފެންނާނާނީ އާލިއާ ބަޓް، ރަންބީރް ކަޕޫރު އަދި ވިކީ ކައުޝާލް އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!