ޚަބަރު ސަރުކާރު

ރައީސީއަކީ ކުރިއެރުމަށް މަސައްކަތް ކުރެއްވި ހިކުމަތްތެރި ރައީސެއް: ދިވެހި ސަރުކާރު

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ރައީސް ރައީސީ

އީރާނުގެ ރައީސް ސައްޔިދު އިބްރާހިމް ރައީސީ އަކީ އެގައުމުގެ ކުރިއެރުމަށާއި ރައްޔިތުންގެ ހައްގުގައި ހެޔޮ މަސައްކަތްތަކެއް ކުރެއްވި ރައީސެއްކަމަށް ހާރިޖީ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.

Ads by STELCO

ވަޒީރު މިފަދައިން ވިދާޅުވީ ރައީސް ރައީސީ އަވަހާރަވުމާ ގުޅިގެން ފޮނުއްވި ތައުޒިޔާގެ މެސެޖުގަ އެވެ. އެ މެސެޖުގައި ވަޒީރު ވިދާޅުވީ ހެލިކޮޕްޓަރު ވެއްޓި ރައީސް ރައީސީ އާއި އެގައުމުގެ ހާރިޖީ ވަޒީރު ހުސައިން އަމީރު އަބްދުﷲ އަވަހާރަވި ހާދިސާގައި ހިތާމަ ފާޅުކުރާ ކަމަށެވެ.

ރައީސް ރައީސީ އަކީ ފަސްޖެހިވަޑައިނުގެން ކުރެއްވި ހިކުމަތްތެރި މަސައްކަތްތަކާއިއެކު ހަނދާންތަކުގައި ވާނެ ރައީސެއް ކަމަށާއި ރާއްޖެއާއި އީރާނާއި ދެމެދު ގާތް ގުޅުމެއް ބޭއްވުމަށް އަބަދުވެސް ތާއީދު ކުރެއްވި ރައީސެއްކަމަށް ޒަމީރު ވިދާޅުވި އެވެ. އެހެންކަމުން ރައީސް ރައީސީ ކުރެއްވި މަސައްކަތްތަކުގެ އަގު ވަޒަންކުރާކަމަށް ވަޒީރު ވަނީ ވިދާޅުވެފަ އެވެ.

އީރާނުގެ އިރުމަތީ އަޒަރުބައިޖާން ޕްރޮވިންސްގައި ހިނގި ހާދިސާގައި އަވަހާރަވި ރައީސާއި ހާރިޖީ ވަޒީރުގެ އިތުރުން ހެލިކޮޕްޓަރުން ދަތުރުކުރި ވަފުދުގެ އެންމެހާ ފަރާތްތަކަށް ޖަންނަތުލް ފިރުދައުސް ލެއްވުން އެދި ދުއާ ކުރާކަމަށްވެސް ޒަމީރުގެ މެސެޖުގައި ވަނީ ދުއާ ދަންނަވައިފަ އެވެ.

އަދި މި ތައުޒިޔާގައި ދިވެހި ސަރުކާރާއެކު އެންމެހާ ދިވެހިންވެސް ބައިވެރިވާކަމަށް ޒަމީރު ވިދާޅުވި އެވެ. އީރާނުގެ އަންނަން އޮތް ޖީލުތަކަށް ރައީސް ރައީސީއަކީ ހެޔޮ މިސާލެއްކަމަށް އެ މެޖެސުގައި ވިދާޅުވެފައި ވެއެވެ.

އީރާނުގެ ރައީސް އަވަހާރަވުމާއި ގުޅިގެން އެގައުމުގެ ސަރުކާރާއި ވަގުތީގޮތުން ހަވާލުވެވަޑައިގެންނެވީ ނައިބުރައީސް މުހައްމަދު މުހްބަރު އެވެ. އެހެންނަމަވެސް އެގައުމުގެ ގާނޫނު އަސާސީ ބުނާ ގޮތުން ރައީސަކު އަވަހާރަވެއްޖެނަމަ 50 ދުވަހުގެ ތެރޭގައި ރިޔާސީ އިންތިހާބެއް ބާއްވައި އާ ރައީސަކު އިންތިހާބު ކުރަން ޖެހެ އެވެ.

Ads by Allied Insurance
  1. އިދުރީސް

    ފުރަތަމަ އަހސރެމެންނަށް ތިކަން ނުވެސް އެނގެނީސް އަހަރެމެން ބައިވެރިވެޔޯ ކިޔާފަ ޒަމީރު ތިކަހަލަ ބޮޑެތި ދޮގު ނުވާނެދޯ ހަދާކަށް ރައްޔިތުންނޭ ކިޔައިގެން.