އަނަސްގެ މަރުގެ މައްސަލާގައި ކުށް ސާބިތު ނުވި މީހުންގެ މައްސަލަ އިސްތިއުނާފުކޮށްފި
ރ.މީދޫ، ފެންފިޔާޒުގޭ މުހައްމަދު އަނަސްގެ މަރުގެ ދައުވާކުރި މީހުންނަށް ސާބިތުނުވި މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ހައިކޯޓުގައި އިސްތިއުނާފްކޮށްފި އެވެ.
ކްރިމިނަލް ކޯޓުން ފެބްރުއަރީ މަހު ވަނީ އަނަސް މަރާލިތާ ހަތް އަހަރެއްހާ ދުވަސް ފަހުން އެ މައްސަލާގައި ދައުވާ އުފުލި އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ހުކުމް ކޮށްފަ އެވެ.
ޕީޖީ އޮފީހުން އެ މައްސަލަ މެދު ހައިކޯޓުގައ އިސްތިއުނާފުކުރީ ބުރާސްފަތި ދުވަހު އެވެ. އެމައްސަލަ ބަލައިގަތުމާ މެދު ހައިކޯޓުން ވަކި ގޮތެއް އަދި ނުނިންމަ އެވެ.
ކްރިމިނަލް ކޯޓުގައި މި މައްސަލައިގެ ހުކުމް އިއްވާފައިވާއިރު ދައުވާ ލިބޭ މީހުން ސަލާމަތް ވެފައި ވަނީ ކުށް ސާބިތުވާ ވަރަށް އެކަށީގެންވާ ހެކި ނެތުމުންނެވެ.
ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލުމުގެ ދައުވާ ކުރި ތިން މީހުންނަކީ ޅ. ކުރެންދޫ އަސުރުމާގޭ އަހްމަދު ޒަޔާނާއި މ. ދިމިޝްގުގޭ އުސްމާން ޝަރީފް އަދި މ. ލޮނުމިދިލިގޭ އަފްރާހު އަބްދުއްރައްޒާގެވެ.
ނަމަވެސް މި ތިން މީހުންގެ ތެރެއިން އެއްވެސް މީހެއްގެ މައްޗަށް ދައުވާ ސާބިތުވެފައެއް ނުވެ އެވެ.
މީގެ ހަތް އަހަރު ކުރިން، 2017 ވަނަ އަހަރު އަނަސް މަރައިލީ ލިޓަސް ސާވިސް ސެންޓަރު ތެރޭގަ އެވެ. އޭނާ މަރާލާފައިވަނީ އެތަނަށް ވަނުމާއެކު ހަށިގަނޑުގެ އެތަން މިތަނަށް ވަޅި ހަރައި ހަމަލާދީގެންނެވެ.
އަނަސް އަށް ހަމަލާ ދިނީ މާލޭގައި ހަރަކާތްތެރިވާ ދެ ގޭންގެއް ގުޅިގެންނެވެ. އަނަސް މަރާލާ މަންޒަރު ފެންނަ ވީޑިއޯ އެއް ވެސް އާންމުވި އެވެ. އަނަސް މަރާލި މައްސަލައިގައި ގަސްތުގައި މީހަކު މަރާލުމުގެ ދައުވާ އުފުލި ކުޑަ ކުއްޖާގެ މައްޗަށް ވެސް އުފުލި އެވެ. ނަމަވެސް އޭނާގެ މައްޗަށް ކުށް ސާބިތެއް ނުވެ އެވެ.