ޚަބަރު ސަރުކާރު

މިފްކޯއިން ވަކިކުރި ޝަމާހު އަށް ސްޓޭޓް މިނިސްޓަރުކަން ދީފި

އަލީ ސަމާޙް ، ދެން އޮންލައިން

މިފްކޯގެ ސީއީއޯގެ މަގާމުންނާއި ބޯޑު ޑިރެކްޓަރުގެ މަގާމުން އިއްޔެ ވަކި ކުރި އަހުމަދު ޝަމާހު ރަޝީދު ފިޝަރީޒް މިނިސްޓްރިީގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަންކޮށްފި އެވެ. 

Ads by STELCO

ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް ޝަމާއު މިއަދު އައްޔަންކޮށްފައިވާކަން "ދެން" އަށް ވަނީ ކަށަވަރުވެފަ އެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑު (ޕީސީބީ) އިން ޝަމާހު މަގާމުން ވަކިކޮށްފައި ވަނީ، މާޗު މަހުގެ 18 ވަނަ ދުވަހުން ފެށިގެން އޭޕްރީލް މަހުގެ 24 ވަނަ ދުވަހާ ހަމަައަށް އޭނާ ސަސްޕެންޝަނުގައި ބަހައްޓައި، ސަސްޕެންޝަން އުވާލިތާ މަހެއްހާ ދުވަސް ފަހުންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުން ޝަމާއު މިފްކޯއިން ވަކިކުރީ އެހެން ތަނަކަށް ބަދަލުވާންވެގެން އޭނާ އަމިއްލައިން އެދިފަ އެވެ.

އޭރު އޭނާ ސަސްޕެންޑްކުރީ 12 ކަމެއް ތުހުމަތުކޮށެވެ. ޝަމާހު އެ ތުހުމަތުތައް ދޮގުކޮށްފައިވެ އެވެ.

އެ ތުހުމަތުތަކުގެ ތެރޭގައި ކުންފުނީގެ މުދަލާއި ވަސީލަތްތައް އަމިއްލަ ބޭނުމުގަ އާއި ސިޔާސީ ބޭނުންތަކަށް ފާޅުކަން ބޮޑު ގޮތެއްގައި ބޭނުން ކުރުމާއި ކުންފުނީގެ ދާއިމީ މުވައްޒަފުން ނުހައްގުން ވަޒީފާގެ މަސްއޫލިއްޔަތުން ދުރުކޮށް ވަޒީފާގެ ބިރުދެއްކުމާއި ދާއިމީ މަގާމުތަކުގައި ތިބި މުވައްޒަފުންގެ މުސާރަ ދަށްކުރުމާއި ސަބަބެއް ނެތި ޑިޕާޓްމަންޓްތައް ބަދަލު ކުރުން އޭގެ ތެރޭގައި ހިމެނެ އެވެ.

ކުންފުނީގެ ސައިޓްތައް ހުންނަ އެހެން ރަށްރަށަށް ބަދަލު ކުރުން އަދި މުވައްޒަފުން ނެގުމާ ގުޅޭ ގޮތުން ކުންފުނީގައި އޮންނަ ޕޮލިސީތަކާއި މުސާރައިގެ އޮނިގަނޑާ ހިލާފަށް, ބަޖެޓް ހަމަޖެހިފައި ނުވާއިރުވެސް ސީއީއޯގެ އާއިލީ ގުޅުން ހުރި ފަރާތްތަކާއި ރައްޓެހިންނަށް ވަޒީފާ ދިނުން ހިމެނެ އެވެ.

ހެޑް ހަންޓް ކުރުމުގެ ނަމުގައި މުވައްޒަފުންގެ ގަވައިދާ ހިލާފަށް އެއްވެސް ޝަރުތަކަށް ބެލުމެއް ނެތި އާންމުކޮށް އިއުލާން ކުރުމެއް ވެސް ނެތި މުވައްޒަފުން ނެގުމާއި އިޖުރާއަތު ތައް ފުރިހަމަ ނުކޮށް މުވައްޒަފުން ވެއްދުމާއި ޕީސީބީގެ ހުއްދަ ނުހޯދާ ކުންފުނީގައި މަގާމުތައް އުފައްދައި އެ މަގާމުތަކަށް މީހުން ނެގުން ވެސް ހިމެނެ އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!