މޫސުން ގޯސްވެ މާލެ-ހުޅުމާލެ ފެރީގެ ހިދުމަތް މެދުކަނޑާލައިފި
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މާލެ ސަރަހައްދުގެ ކަނޑުތައް ގަދަވުމުގެ ސަބަބުން އެމްޓީސީސީން މާލެއާއި ހުޅުމާލެއާއި ދެމެދު ބާއްވަމުން އަންނަ ފެރީގެ ހިދުމަތް މެދުކަނޑާލައިފި އެވެ.
އެމްޓީސީސީން ވަނީ ކަނޑުތައް ގަދަވުމާއިއެކު މާލެ ސަރަހައްދުގެ ފެރީގެ ހިދުމަތަށް ބުރޫ އަރައިފާނެކަމަށް ކުރިންވެސް ބުނެފަ އެވެ. މާލެ-ހުޅުމާލެ ފެރީގެ ހިދުމަތް ވަގުތީގޮތުން މެދުކަނޑާލާފައިވާއިރު މިހިދުމަތް އަލުން ފަށާނެ ސީދާ ވަގުތެއް އެމްޓީސީސީން ހާމައެއް ނުކުރެ އެވެ.
ރާއްޖެއަށް ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގައި އިއްޔެއާއި މިއަދު ބޮޑަށް އަސަރު ކުރަނީ މެދުރާއްޖެ ތެރެއަށެވެ. އެގޮތުން މޫސުމާއި ބެހޭ ގައުމީ އިދާރާ، މެޓުން ވަނީ މެދުރާއްޖެ ތެރޭގެ އަތޮޅުތަކަށް އޮރެންޖު އެލާޓު ނެރެފަ އެވެ.
މިއަދާއި މާދަމާވެސް ވިއްސާރަ ކުރާނެކަމަށް ލަފާ ކުރެވޭއިރު ވައި ގަދަވުމާއިއެކު ކަނޑުތައްވެސް ގަދަވާނެކަމަށް މެޓުން ލަފާ ކުރެ އެވެ. އެހެންނަމަވެސް ހުކުރު ދުވަހުގެ ފަހުން މޫސުން އަލިވާނެކަމަށް އެ އިދާރާއިން ވަނީ ލަފާކޮށްފަ އެވެ.
މާލެ ސަރަހައްދަށް ވިއްސާރަ ކުރުމާއިއެކު ވަރަށް ބާރު މިނުގައި ވައިވެސް ޖެހެމުން ދާކަން ފާހަގަކޮށްލެވެ އެވެ. އެގޮތުން އާންމު ގޮތެއްގައި ގަޑިއަކު 34 މޭލާއި 40 މޭލާއި ދެމެދު ވައި ޖެހޭއިރު ވިލާގަނޑުގައި ގަޑިއަކު 60 މޭލަށް ވައި ގަދަވާނެ ކަމަށް މެޓުން ވަނީ ލަފާކޮށްފަ އެވެ.
ފުލުހުން ވަނީ ވައި ގަދަވުމުގެ ސަބަބުން މާލެ-ހުޅުމާލެ ބްރިޖުގައި ދަތުރު ކުރާ ފަރާތްތަކުންވެސް ސަމާލުވާން އެދިފަ އެވެ. އެގޮތުން ބްރިޖުގައި ދުއްވާފައި ދާއިރު ކުޑަ ނެގުންފަދަ ކަންކަން ނުކުރަން ފުލުހުން ވަނީ އެދިފަ އެވެ.