ޚަބަރު

ފޭރޭ ބަޔަކު ހައްޔަރުކޮށްފި، އެމީހުންގެ ހަތިޔާރަކީ ބަރަހަނާ ފޮޓޯ

ފާރިހާ ޢަދުނާން ، ދެން އޮންލައިން
ކްރިމިނަލް ކޯޓް، ފޮޓޯ: ދެން އިމޭޖަސް

މީހުންނަށް ބިރުދައްކާ، ބްލެކްމެއިލްކޮށް، ފޭރުމުގެ ތުހުމަތުގައި ހައްޔަރުކުރި ދެ މީހެއްގެ ފޯނުން ގިނަ ބައެއްގެ ބަރަހަނާ މަންޒަރު ފެންނަ ވީޑިއޯ އާއި ފޮޓޯ ފެނިއްޖެއެވެ.

Ads by Hajj Corporation

މީހުންނަށް ބިރު ދައްކައި، ފޭރޭކަމުގެ ތުހުމަތުގައި ހައްޔަރުކުރީ 30 އަހަރާއި 33 އަހަރުގެ ދިވެހި ދެ ފިރިހެނުންނެވެ. އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް އިއްޔެ ހާޒިރުކުރުމުން އެ ކޯޓުން ވަނީ ދެ މީހުން ވެސް ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކޮށްފައެވެ.

ކްރިމިނަލް ކޯޓުގެ އަމުރުގައިވާ ގޮތުން އެ ދެމީހުން ވެސް ހައްޔަރުކޮށްފައިވަނީ، ފޭރުމުގެ މައްސަލައެއްގައި، ހާދިސާ ހިނގިތާ ގިނަ އިރުތަކެއް ނުވަނިސް، ހާދިސާ ހިނގި ތަނަކުންނެވެ.

ދެމީހުންކީ ވެސް ކުށުގެ ރެކޯޑް އޮންނަ ދެމީހުން ކަމަށާއި، ފޭރުމުގެ އަމަލަކީ ރާވާ، އިންތިޒާމްވެގެން ހިންގާފައިވާ އަމަލެއްކަމަށް ކޯޓު އަމުރުގައި ފާހަގަކޮށްފައިވެއެވެ.

އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ފުލުހުން ވަނީ އެމީހުންގެ އަތުން އަނިޔާވީ ފަރާތުގެ ފޯނު ފެނުން ކަމަށް ބުނެފައެވެ. އަދި އެ ފޯނުގައި ގިނަ ބައެއްގެ ބަރަހަނާ މަންޒަރު ފެންނަ ވީޑިއޯ އާއި ފޮޓޯ ހުރިކަން ފުލުހުން ފާހަގަކޮށްފައިވެއެވެ.

އެހެންކަމުން،  މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރަން ކްރިމިނަލް ކޯޓުގައި އެ މައްސަލަ ބެއްލެވި ގާޒީ އިސްމާއިލް ޝަފީއު ވަނީ ދެ މީހުން ވެސް ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކޮށްފައެވެ.

ބަރަހަނާ މަންޒަރު ފެންނަ ފޮޓޯ އާއި ވީޑިއޯ ނަގައި، ބިރުދައްކައިގެން ފޭރުން އާންމުވެ، އެފަދަ ގިނަ މައްސަލަތަކެއް ދަނީ ފެންމަތިވަމުންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!