ޚަބަރު ސަރުކާރު

ދަތުރުފަތުރުގެ ހުރިހާ ހިދުމަތެއް އެއް ވެބްސައިޓަކުން ލިބޭގޮތް ހަދަނީ

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ލޯކަލް ގަވަމެންޓު މިނިސްޓަރު އާދަމް ޝަރީފު އުމަރު

ދަތުރުފަތުރުގެ ހުރިހާ ހިދުމަތެއް އެއް ވެބްސައިޓަލުން ލިބޭ ގޮތް ހެދުމަށް ކުރަންޖެހޭ ދިރާސާތަކުގެ މަސައްކަތް ސަރުކާރުން ފަށައިފި އެވެ.

Ads by MWSC

"ދެން އޮންލައިން" އަށް ދެއްވި ހާއްސަ ބަސްތީގަތުމެއްގައި ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފު އުމަރު ވަނީ ޓެލެކޮމިޔުނިޔޭޝަން ދާއިރާއިން ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން މައުލޫމާތު ދެއްވައިފަ އެވެ. މިދާއިރާއިން ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ޒަމާނަށް އައި ބަދަލާއިއެކު ޓެކްނޮލޮޖީއަކީ ހުރިހާ ރައްޔިތުންނާވެސް އަހުލުވެރި އަދި ބޭނުންތެރި އެއްޗެއްކަން ފާހަގަކުރައްވަމުން މިނިސްޓަރުގެ ވާހަކަފުޅު ފެއްޓެވި އެވެ. އަދި ވިދާޅުވީ އަތުގައި އޮންނަ ފޯނަކީ މިހާރު ހިދުމަތް ހޯދުމަށް ފުދޭ އެއްޗެއް ކަމަށެވެ.

"އެކަމަކު މިއަދު އެ ވަސީލަތްތައް ހުރިކަމުގަ ވިޔަސްވެސް އަދިވެސް މިހުރިހާ އެއްޗެއް އެއްގޮތް ކޮށްލާފަ އެކައްޗެއްގެ ތެރެއިން ހިދުމަތް ހޯދަން ޖެހޭއިރު ރައްޔިތުންނަށް ވަރަށް ބޮޑު ލުއިފަސޭހަތައް ހޯދައިދެވިދާނެ ކަންތައްތައް ހުރިކަމަށް އަޅުގަނޑަށް ގަބޫލު ކުރެވެނީ" މިނިސްޓަރު ވިދާޅުވި އެވެ.

މިސާލެއްގެ ގޮތުން މިނިސްޓަރު ވިދާޅުވީ މާލެއިން ބ އަތޮޅު ކެންދޫއަށް ދަތުރު ކުރަން ބޭނުންވާ މީހަކު ވީއައިއޭއިން ދަރަވަންދޫ އެއާޕޯޓަށް މޯލްޑިވިއަންއިން ޓިކެޓެއް ނެގުމަށްފަހު ދަރަވަންދޫއިން ކެންދޫއަށް ދިޔުމަށް ހުރި އޮޕްޝަންތަކަކީ ކޮބައިތޯ ހަމަ އެއް ވެބްސައިޓަކުން ބެލެންޖެހޭނެ ކަމަށެވެ. އެގޮތުން އާރުޓީއެލް ފެރީއިން ޓިކެޓު ނެގުން ނުވަތަ ޕްރައިވެޓް ލޯންޗެއް ހަޔާ ކޮށްގެން ކެންދޫއަށް ދާން ބޭނުންވާ މީހަކަށް އެ ހިދުމަތްވެސް އެއް ވެބްސައިޓަކުން ލިބޭނެ ގޮތް ވާންޖެހޭކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިކަމަށްޓަކައި މަސައްކަތް ކުރުމަށް ހުރިހާ މުއައްސަސާތަކެއް އެއް މޭޒެއްގެ ދޮށުގައި ތިބެ އެކީގައި މަސައްކަތް ކުރުމަކީ މުހިންމު ކަމެއްކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. ޓެކްނޮލޮޖީއަށް އަންނަ ބަދަލާއިއެކު ހިދުމަތްތައް މިހާރަށްވުރެއް ފަސޭހަ ކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުން ދާކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

ސަރުކާރަށް ހަ މަސް ވެގެން ދިޔައިރު ގިނަ މަސައްކަތްތައް ފެށި ދިރާސާތައްވެސް ފެށިފައިވާކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ކުރިއަށް އޮތް ތަނުގައި ހަލުވި ދުވެލީގައި މަސައްކަތްތައް ކުރައްވާނެކަމަށްވެސް އޭނާ ވިދާޅުވި އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!