ލައުޝާން: 122 މީޓަރު އަޑިއަށް ފީނާ ރެކޯޑެއް!

ކުޑައިރުން ފެށިގެން ވެސް ކަނޑު އަޑިއަށް ފީނުމަކީ އަލީ ލައުޝާން އެންމެ ގަޔާވެގެން ކުރި އެއް ކަމެކެވެ. ޑައިވް ކުރުމުގެ ފުރުސަތު ނުލިބޭއިރު، އޭނާ ދިޔައީ ސްނޯކަލް ކުރަމުންނެވެ. އަހަރުތައް އެހެން ގޮސް، އޭނާއަށް ފުރަތަމަ ޑައިވްއެއް ކުރުމުގެ ފުރުސަތު ލިބުނީ 2014ވަނަ އަހަރު އެވެ.
އެހިސާބުން ލައުޝާންގެ ޑައިވިންގް ހަޔާތް ފެށި، އެ ދާއިރާއިން ކުރިއަށް ދިއުމުގެ ފުރިހަމަ އަޒުމުގައި މަސައްކަތް ފެށި އެވެ. އުމުރުން 25 އަހަރުވީއިރު، މިހާރު 48 ޑައިވިންގް ސެޓްފިކެޓް އޭނާ އަތުގައި އެބަ އޮތެވެ. އަދި އޭނާ ވަނީ 122 މީޓަރު އަޑިޔަށް ފީނައިފަ އެވެ. އެއީ ރާއްޖޭގެ ރެކޯޑަކަށް ވެގެންދާނެ އެވެ.

"އަށް އަހަރަށް ވުރެ ގިނަދުވަސް ވަންދެން ރިކްރިއޭޝަނަލް ޑައިވް ކުރީ. ދެން ބޭނުންވީ އާ ކަމެއް ތަޖުރިބާ ކޮށްލަން. ދެން ޓެކްނިކަލް ޑައިވް ކުރަން ފެށީ. ރިކްރިއޭޝަނަލް ޑައިވިންގްއަށް ވުރެ ޓެކްނިކަލް ޑައިވިންގް ޗެލެންޖިންގްވި. އެކަމަކު، ފުނަށް ފީނިފަ، ކޭވްތަކާއި ވްރެކްތައް ބަލާލަން ލިބޭ އޭރުން،" ލައުޝާން ކިޔައިދިނެވެ.

ލައުޝާން ބުނިގޮތުގައި އޭނާ ބޭނުންވީ ޑައިވް ކޮށްގެން އާ ކަންތައްތަކެއް ދަސްކުރާށެވެ. އާ މެތަޑްތަކެއް ބޭނުންކޮށްގެން ކަނޑުގެ ވީހާވެސް އަޑިއެއް ބެލުމެވެ. އެގޮތުން އޭނާ މަސައްކަތްކުރީ 122 މީޓަރު އަޑިޔަށް ފީނާށެވެ. އެކަމަށް އޭނާ ތައްޔާރުވާން 5 އަހަރު ހޭދަކުރި އެވެ. އޭނާ އެކަމަށް ތަމްރީނު ވަމުން އައީ އެސްއެފް ޗޮންގް އާއެކު އެވެ. އޭނާ އަކީ 90 ގެ އަހަރުތަކުން ފެށިގެން ޑައިވް ކުރަމުން އަންނަ އަދި ޓެކްނިކަލް ޑައިވިންގް އިންސްޓްރަކްޓާ ޓްރެއިނާއެއްވެސް މެއެވެ.

"މިހާރު އުންމީދަކީ 150 މީޓަރު އަޑިއަށް ފީނުން. އަދި ކްލޯސް ސާކިއުޓް ރީބްރީތާ ސިސްޓަމްގެ ޓްރޭނިންގް ކުރިއަށް ގެންދިއުން،" ލައުޝާން ބުންޏެވެ.
150 މީޓަރު އަޑިޔަށް ފީނަން ލައުޝާން އަމާޒު ހިފާފަ ހުރިއިރު، އޭނާ ގަބޫލުކުރާ ގޮތުގައި ޑައިވް ކުރުމަކީ ރައްކާތެރިކަމެކެވެ. އެއީ ރިކްރިއޭޝަނަލް ކަމުގައި ވިޔަސް، ޓެކްނިކަލް ކަމުގައި ވިޔަސް ރައްކާތެރި ކަމަކެވެ. އޭނާ ބުނާގޮތުގައި ޑައިވް ކުރުމަށް ބޭނުންވަނީ، ޑެޑިކޭޝަންއާއި ޑިސިޕްލިން އެވެ.
ސަޅި