އެމްއެންޔޫއިން ރިސާޗް ގުރާންޓުގެ ގޮތުގައި 4 ލައްކަ ރުފިޔާ ދީފި

އެކި ދާއިރާތަކުން ދިރާސާ ކުރަން މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގެ ފަރާތުން އެ ޔުނިވާސިޓީގެ 3 އެކެޑެމިކް މުވައްޒަފަކަށް 4 ލައްކަ ރުފިޔާގެ ގްރާންޓު އެހީ ދީފިއެވެ.
އިއްޔެ ޔުނިވާސިޓީގެ މަރުކަޒުގައި އެހީގެ ގްރާންޓު ލިބުނުކަމުގެ ލިޔުން އެކެޑެމިކް މުވައްޒަފުންނަށް ހަވާލު ކޮށްދިނުމަށްޓަކައި ޙަފްލާއެއް ބާއްވާފައި ވެއެވެ.
މި އެހީއަކީ ޔުނިވާސިޓީގައި ރިސާޗު މާހައުލެއް ގާއިމުކޮށް އެެކެޑެމިކް މުވައްޒަފުންނަކީ ރިސާޗަށް އަހުލުވެރި ބަޔަކަށް ހެދުމަށް އެހީތެރިވުމުގެ ގޮތުން ޔުނިވާސިޓީގެ ބަޖެޓުގައި ހިމަނައިގެން 2014 އިން ފެށިގެން ޔުނިވާސިޓީގެ ބަޖެޓުން ދެމުންގެންދާ ގްރާންޓް އެހީ އެވެ.
ރިސާޗް ޕްރޮޖެކްޓު ހިންގުމަށް 9 ފަރާތަކުން ޕްރޮޕޯސަލް ހުށަހަޅާފައި ވީ ނަމަވެސް އޭގެ ތެރެއިން އެހީ ދީފައި ވަނީ 3 ފަރާތަކަށް ކަމަށް އެމްއެންޔޫ އިން ވަނީ ބުނެފައެވެ.
އެހީ ދީފައި ވަނީ ފެކަލްޓީ އޮފް އާޓްސްގެ ދެ މުވައްޒަފަކާއި ފެކަލްޓީ އޮފް ލޯ އެންޑް އިސްލާމިކް ސްޓްޑީޒްގެ މުވައްޒަފަކަށެވެ.
އެމްއެންޔޫއިން ބުނެފައިވަނީ ގްރާންޓް ދެވިފައި ވާނީ ހުށަހަޅާފައިވާ ޕްރޮޕޯޒަލްތައް ރިސާޗް ގްރާންޓްސް ކޮމިޓީން އިވެލުއޭޓް ކުރުމަށްފަހު އެކި ކެޓަގަރީތަކުން ކަނޑައެޅިފައިވާ އިވެލުއޭޝަން ކްރައިޓީރިއާއަށް ބަލައި ހޮވޭ ޕްރޮޖެކްޓްތަކަށް ކަމަށެވެ.