2028 ވަނަ އަހަރު ހުށަހަޅާނީ އަރަނި ބަޖެޓެއް: ފިނޭންސް މިނިސްޓްރީ
ދައުލަތުގެ ބަޖެޓަކީ 2028 ވަނަ އަހަރު އަރަނި ބަޖެޓަކަށް ހަދަން ސަރުކާރުން އަމާޒު ހިފައިފިއެވެ.
ފިނޭންސް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑެޕިއުޓީ މިނިސްޓަރު އަހުމަދު ސާއިދު މުސްތަފާ ވިދާޅުވީ އިކޮނޮމީ މެނޭޖް ކުރުމަށް ޕްލޭނެއް ހުށަހެޅުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަންގާފައިވާ ކަމަށެވެ. އެ ޕްލޭން ތައްޔާރުކޮށް، މިހާރު ހުށަހަޅާފައިވާ ކަމަށާއި އެކަމާއި ގުޅޭ ގޮތުން ރައީސް ވެސް މަޝްވަރާކޮށްފައިވާ ކަމަށް މުސްތަފާ ވިދާޅުވިއެވެ.
“އެ ޕްލޭން މިހާރު ވަނީ ހުށަހަޅައި، ރައީސުލްޖުމްހޫރިއްޔާ ވަނީ އިންސްޓްރަކްޝަން ދެއްވާފައި، 2028 ވަނަ އަހަރު ފިނޭންސް މިނިސްޓްރީން ސާޕްލަސް ބަޖެޓެއް ހުށަހެޅުމަށާއި އެ މަސައްކަތް ކުރާ އިރު ދަރަނި ސްޓޮކް ވެސް މިހާރަށް ވުރެ ރަނގަޅު ވާނެ ގޮތަކަށް ގެންދެވުމަށް،" ސާއިދު ވިދާޅުވިއެވެ.
ސާއިދު ވިދާޅުވީ މި އަހަރު ނިމެންވާ އިރަށް ހަރަދުތައް ކުޑަ ނުކުރެވިއްޖެ ނަމަ އިތުރު 10 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓެއް ރައްޔިތުންގެ މަޖިލިހަށް ހުށަހަޅަން ޖެހޭނެ ކަމަށެވެ.
މި އަހަރަށް ލަފާކޮށް ސަރުކާރުން މަޖިލީހަށް ހުށަހަޅުއްވާފައިވަނީ 49.5 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މިބަޖެޓަށް ކޮމިޓީން ގެނައި އިސްލާހުތަކުގެ ސަބަބުން 30619915 (ތިންސަތޭކަ ހަ މިލިއަން އެއްލައްކަ ނުވަހާސް ނުވަ ސަތޭކަ ފަނަރަ) ރުފިޔާވަނީ އިތުރުވެފައެވެ. ކޮމިޓީން ބަޖެޓް ފާސްކުރިއިރު ބައެއް މަޝްރޫއުތަކުގެ ބަޖެޓު މަދުވެ އަނެއްބައި މަޝްރޫއުތަކަށް ކަނޑައެޅި ބަޖެޓުގެ އަދަދުވަނީ އިތުރުވެފައެވެ.