ފަލަސްތީނަށް މިނިވަންކަން ނުލިބެނީސް އިޒްރޭލާ ފަލަސްތީނުގެ މައްސަލަ ހައްލެއް ނުވާނެ: އިމްރާންޚާން

އެއް ފަރާތަށް ބުރަވެފައިވާ އެއްބަސްވުންތަކަކުން ފަލަސްތީނުގެ މައްސަލައަށް ހައްލެއް ނުލިބޭނެ ކަމަށާއި ، ޙައްލު ހޯދަން ބޭނުންވާނަމަ ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަންނަން ޖެހޭ ކަމަށް ޕާކިސްތާނުގެ ބޮޑު ވަޒީރު، ކުރީގެ މަޝްހޫރު ކުރިކެޓް ކުޅުންތެރިޔާ އިމްރާންޚާން ވިދާޅުވެއްޖެއެވެ.
އަލްޖަޒީރާއަށް ދެއްވި ބަސްދީގަތުމެއްގައި އިމްރާންޚާން ވިދާޅުވީ އެމެރިކާގެ އެހީ ވެސް އިޒްރޭލަށް އެބައޮތް ކަމަށާއި އިޒްރޭލަކީ ބާރުގަދަ ގައުމެއް ކަމަށެވެ. މިކަންކަމާއެކު އިޒްރޭލަކީ މިނިވަން ގައުމެއްގެ ގޮތުގައި ބައެއް ގައުމުތަކުން ބަލައިގަންނަމުންދާ ކަމަށާއި އެހެން ނަމަވެސް އެކަންކަމުގެ ސަބަބުން ފަލަސްތީނާއި އިޒްރޭލާ ދެމެދު އޮތް މައްސަލަ "މަރުވެގެން" ނުދާނެ ކަމަށެވެ. އެ މައްސަލައިގެ ހައްލަކީ ފަލަސްތީނަށް ވެސް އިންސާފު ލިބުން ކަމަށް އިމްރާންޚާން ފާހަގަ ކުރެއްވިއެވެ.
އިމްރާން ވިދާޅުވީ ފަލަސްތީނުގެ ރައްޔިތުންނަށް ދެމުންގެންދާ އަނިޔާތައް ހަނދާން ނައްތާލާ ، އިޒްރޭލަކީ މިނިވަން ގައުމެއްގެ ގޮތުގައި ޕާކިސްތާނުން ބަލައިގެންފިނަމަ ކަޝްމީރުގެ މަތިން ވެސް ޕާކިސްތާން ހަނދާން ނައްތާލަން ޖެހޭނެ ކަމަށެވެ.
އަރަބި ދައުލަތެއް ކަމަށްވާ އެކުވެރި އަރަބި އިމާރާތުން ދާދި ފަހުން ވަނީ އިޒްރޭލާއި ގުޅުން ބަދަހި ކޮށްފައެވެ. މި ގުޅުމުގެ ދަށުން އިޒްރޭލާއި އަރަބި އިމާރާތާއި ދެމެދު ވައިގެ ދަތުރުތައް ވެސް ވަނީ ފަށާފައެވެ. އެގޮތުން އިޒްރޭލުގެ ފުރަތަމަ ފްލައިޓް މިދިޔަ ހޯމަ ދުވަހު އަބޫދާބީ އިންޓަނޭޝަނަލް އެއާޕޯޓްގައި ވަނީ ޖައްސާފައެވެ. މި ގުޅުމަށް އިމްރާންޚާން ފާޑު ވިދާޅުވިއިރު އީރާންގެ ރޫޙާނީ ލީޑަރު އާޔަތުﷲ ހުމައިނީވެސް ވަނީ އަރަބި އިމާރާތަށް ބަހުގެ ހަމަލާއެއް ދީފައެވެ. އެގޮތުން އެ ގުޅުމަކީ އިސްލާމީ އުއްމަތަށް އަރަބި އިމާރާތުންވީ ބޭވަފާތެރިކަމެއް ކަމަށް ހުމައިނީ ސިފަކޮށްފައި ވެއެވެ.