އެކި ފަހަރު މަތިން ގިނަ އަދަދެއްގެ ފައިސާ ފޭރުނު ހަތަރު މީހުން ހައްޔަރުކޮށްފި
ހުޅުމާލޭ ފޭސް ދޭއް ސަރަހައްދުގައި އެކި ފަހަރުމަތިން ގިނަ އަދަދެއްގެ ފައިސާ ފޭރިފައިވާ މައްސަލަތަކެއްގައި ހަތަރު މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ ފޭސް ދޭއްގެ އެއް ނަންބަރު ޓަވަރު ކައިރިން މީހެއްގެ އަތުން ފައިސާތަކެއް ފޭރުނު ބަޔަކު ހިފަހައްޓައިގެން އުޅުނު ކަމުގެ ރިޕޯޓު ލިބިފައިވާ ކަމަށެވެ.
އެ ރިޕޯޓު ލިބުމާ ގުޅިގެން މައުލޫމާތު ސާފުކުރުމުން އެ ހިފަހައްޓައިފައި ތިބި މީހުން އެކި ފަހަރު މަތިން އެހެން މީހުންގެ އަތުން ވެސް ގިނަ އަދަދެއްގެ ފައިސާ ފޭރުނު ކަން އެނގިފައިވާ ކަމަށް ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 32 އަހަރުގެ ދެ މީހުންނާއި 36 އަހަރުގެ މީހަކާއި 45 އަހަރުގެ މީޙެކެވެ. މި އެންމެންނަކީ ވެސް ދިވެހި ފިރިހެނުން ކަމަށާއި މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
އެނގިފައިވާ ގޮތުގައި ފައިސާ ފޭރިފައިވަނީ ކޮޓަރިއެއް ކުއްޔަށް ދޫކުރާ ކަމަށް ބިރު ދައްކައިގެންނެވެ.