އެޗްއާރްސީއެމްގެ މެންބަރުކަމަށް ކުރިމަތިލާން ހުޅުވާލައިފި

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ މެންބަރުކަމުގެ މަގާމު ހުސްވެފައިވާތީ، އެ ކޮމިޝަނަށް މެންބަރަކު އައްޔަންކުރެއްވުމަށްޓަކައި މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހުޅުވާލައްވައިފި އެވެ.
ރައީސް އޮފީހުން ބުނީ އެޗްއާރްސީއެމްގެ މެންބަރުކަމުގެ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، މި މަހުގެ 30 ވަނަ ދުވަހު ހެނދުނު 08:30 އިން މެންދުރުފަހު 12:30 އަށް، އެ އޮފީހުން ކަމަށެވެ.
އެ ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސް އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެއްވޭނެ އެވެ.
އެޗްއާރްސީއެމް އުފެދިފައިވަނީ 10 ޑިސެމްބަރ 2003 ވަނަ އަހަރު ރައީސުލްޖުމްހުރިއްޔާގެ ގަރާރެއްގެ ދަށުން، އަމިއްލަ ނަމުގައި ދައުވާކުރުމާއި ދައުވާ ލިބުމުގެ ބާރު ލިބިފައިވާ، މިނިވަން މުސްތަގިއްލު ކޮމިޝަނެއްގެ ގޮތުގަ އެވެ.
އެ ކޮމިޝަނުގައި މި ވަގުތު ތިއްބަވަނީ ހަތަރު މެންބަރެކެވެ. އެއީ ކޮމިޝަންގެ ރައީސް މަރްޔަމް މުނާ، ކޮމިޝަނަރު މުއުމިނާ ވަހީދު އަދި ކޮމިޝަނަރު އާމިނަތު ޝިފާއަތު އަބްދުއްރައްޒާގުގެ އިތުރުން ސަމާއު އަހުމަދު ނަޖީބް އެވެ.