އިމިގްރޭޝަން އޮފިސަރުންނަށް ޗައިނާ ބަސް ކިޔަވައިދެނީ

ރާއްޖޭގައި ހުންނަ ޗައިނާގެ އެމްބަސީން އިސްނަގައިގެން ދިވެހި އިމިގްރޭޝަން އޮފިސަރުންނަށް ޗައިނާ ބަސް ކިޔަވައިދިނުމުގެ ހާއްސަ ކޯހެއް ފަށަފައިފި އެވެ.
އިއްޔެ ވިލާ ކޯލެޖުގެ ޗައިނީސް ލެންގުއޭޖް ސެންޓަރުގައި އެ ކޯސް ފެށުމުގެ ރަސްމިއްޔާތު ވަނީ ބައްވާފަ އެވެ. މި ކޯހުގައި ފުރަތަމަ ބެޗް ގައި ކިޔަވައި ދެނީ އިމިގްރޭޝަންގެ 17 އޮފިސަރުންނަށެވެ.
އެ ރަސްމިއްޔާތުގައި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ވަން ލީޝިން ވިދާޅުވީ އިމިގްރޭޝަން އޮފިސަރުން, ޗައިނާ ބަސް ދަސްކުރަން ޝައުގުވެރިވާތީ އެކަމާއި ވަރަށް ބޮޑަށް އުފާކުރާ ކަމަށެވެ.
''ޗައިނާ ބަހަކީ ޒަމާންވީ ބަހެއް، އަދި ޗައިނާގެ އާދަކާދައާއި ތަހުޒީބުގެ މުހިންމު ބައެއް" ސަފީރު ވިދާޅުވީ ޗައިނާއާއި ރާއްޖެއާ ދެމެދު މީގެ ޒަމާންތަކުގެ ކުރިން ފެށިގެން ރަހުމަތްތެރިކަން އުފެދިފައިވާ ކަމަށެވެ. މީގެ 600 އަހަރު ކުރިން ޗައިނާގެ ދަތުރުވެރިއެއް ކަމަށްވާ ޒެންގް ހީ ދެ ފަހަރެއްގެ މަތިން ރާއްޖެއަށް ޒިޔާރަތް ކުރެއްވިއިރު، ރާއްޖޭގެ ރަސްގެފާނު ޔޫސުފް ވެސް ވަނީ ތިން ފަހަރެއްގެ މަތިން ޗައިނާއަށް ޒިޔާރަތް ކުރައްވާފައި ކަމަށް ސަފީރު ވިދާޅުވި އެވެ.
އެކަމަނާ ވިދާޅުވީ ހާރިޖީ ގުޅުން ގާއިމްކުރެވުނު ފަހުން ޗައިނާއާއި ރާއްޖެއަކީ އަބަދުވެސް އެކަކު އަނެކަކަށް އިހްތިރާމްކޮށް އެއްބާރުލުން ދެމުން އަންނަ ދެ ގައުމު ކަމަށެވެ. ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދައުވަތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަހަރުގެ ކުރީކޮޅު ޗައިނާއަށް ވަރަށް ކާމިޔާބު ދަތުރުފުޅެއް ކުރައްވާފައިވާކަން ފާހަގަކުރެއްވި އެވެ.
އަދި އެ ދަތުރުފުޅުގައި ޗައިނާއާއި ރާއްޖެއާ ދެގައުމުގެ ދެމެދުގައި ސަގާފަތާއި، ތައުލީމުގެ އިތުުރން ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމާ ބެހޭ ގޮތުން މުހިންމު އެއްބަސްވުންތަކަކަށް އާދެވިފައިވާކަންވެސް ސަފީރު ފާހަގަކުރެއްވި އެވެ.
ޗައިނާ އަކީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ އެއް މާކެޓަށެވެ. މި މަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށް ޗައިނާގެ 100،000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު، މިއީ ޖުމްލަ ފަތުރުވެރިންގެ 11.3 އިންސައްތަ އެވެ. ޖުލައި އަދި އޮގަސްޓް މަހު ޗައިނާގެ އިތުރު ފަތުރުވެރިން ރާއްޖެ އަންނާނެ އެވެ. އޭގެ ތެރެއިން ބައެއް މީހުންނަކީ އިނގިރޭސި ބަހުން ވާހަކަ ނުދަންނަ މީހުންނަށްވާއިރު ޗައިނީޒް ބަހުން ވާހަކަ ދެއްކޭނަމަ އެކަމުން ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށް ސަފީރު ގަބޫލުކުރެ އެވެ. ސަފީރު ވިދާޅުވީ އޭގެ ސަބަބުން ވަގުތު ސަލާމަތްވެ، ދަތިތައް ސަލާމަތްވުމުގެ އިތުރުން ޗައިނާގެ ރައްޔިތުންގެ މެދުގައި ރާއްޖެ އިޝްތިހާރުކޮށް، ދެ ގައުމުގެ މެދުގައި އެކުވެރިކަން ބަދަހިކުރުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.