ޚަބަރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަ އިންޓާންޝިޕެއް އެމްއޭސީއެލުން ފަށައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
އެމްއޭސީއެލުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަކޮށް ފެށި އިންޓާންޝިޕް ޕްރޮގްރާމްގައި ސޮއިކުރުމުގެ ތެރެއިން

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަކޮށްގެން އިންޓާންޝިޕް ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށްޓަކައި މޯލްޑިވްސް އެއަޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއި އިޖުތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާއާއި ދެމެދު ފަހުމުނާމާއެއްގައި މިއަދު ސޮއިކޮށްފި އެވެ.

Ads by MWSC

އެމްއޭސީއެލްގެ ހެޑް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ކުންފުނީގެ ފަރާތުން ފަހުމުނާމާގައި ސޮއިކުރީ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑައިރެކްޓާ މުހައްމަދު ލަމްއާން އެވެ. އިޖުތިމާީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރީ މިނިސްޓާ އޮފް ސްޓޭޓް އަހުމަދު އާތިފް އެވެ. މި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ އިސްވެރިންގެ އިތުރުން މިނިސްޓްރީގެ އިސްވެރިން ވަނީ ބައިވެރިވަޑައިގެންފަ އެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑައިރެކްޓާ މުހައްމަދު ލަމްއާން ވިދާޅުވީ މި ޕްރޮގްރާމްގެ ތެރެއިން އިންޓާންޝިޕް ދެވޭ މީހުންނަށް ލިބެންޖެހޭ ތަޖުރިބާ އެންމެ ފުރިހަމައަށް ފޯރުކޮށްދިނުމަށް ކުންފުނިން މަސައްކަތްތައް ކުރާނެ ކަމަށެވެ.

މި އެއްބަސްވުމާއި ގުޅޭގޮތުން ވާހަކަ ދައްކަމުން އިޖުތިމާއި އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާގެ މިނިސްޓާ އޮފް ސްޓޭޓް އަހުމަދު އާތިފް ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ މީހުންނަކީވެސް ހުނަރުވެރި ފަރާތްތައް ކަމަށާއި އެ މީހުންވެސް މައުނަވީ ގޮތެއްގައި މުޖުތަމައުގައި ބައިވެރި ކުރުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި މިކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ދެއްވާ ހާއްސަ ސަމާލުކަން ފާހަގަކުރެއްވި އެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދީ މުޖުތަމައަުގައި ހަމަހަމަ ކަމުގެ ސަގާފަތެއް އާލާކުރުމުގެ މަޤްސަދުގައި އެއް އަހަރު ދުވަހުގެ މުއްދަތަށް ވެވުނު މި އެއްބަސްވުމުގެ ދަށުން މިފަދަ ފަސް މީހުންނަށް އެމް.އޭ.ސީ.އެލްގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބޭނެއެވެ. މީގެ އިތުރުން، ނުކުޅެދުންތެރިކަން ހުންނަ މީހުން މުޖުތަމައުގައި ބާރުވެރިކުރުމާއި ހުރިހާ ފަރާތްތަކެއް ޝާމިލުވާ މުޖުތަމައެއް ބިނާކުރުމަކީ ވެސް މީގެ މަގްސަދެކެވެ.

އެމްއޭސީއެލްއިން މީގެކުރިންވެސް ވަނީ މިފަދަ ޕްރޮގްރާމްތައް ކުރިއަށް ގެންގޮސްފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!