ޚަބަރު ސިޔާސީ

ކުރީ ސަރުކާރުގެ ފްލެޓު ކޮމިޓީ މެމްބަރުންގެ ގެދޮރު ބަލައި ފާސްކުރަން ފަށައިފި

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ރައީސް ޞާލިހުގެ ސަރުކާރުގައި އެކުލަވައިލި ފްލެޓު ކޮމިޓީގެ ޗެއާ އަކްރަމް ކަމާލުއްދީން

"ގެދޮރުވެރިޔާ" ސްކީމްގެ ދަށުން ކުރީ ސަރުކާރުން ދޫކުރި 4000 ފްލެޓުގެ މައްސަލައިގެ ތަހުގީގަށް، އޭރު އެކުލަވައިލި ފްލެޓު ކޮމިޓީގައި ހިމެނޭ މެމްބަރުން ދިރިއުޅެމުންދާ ގެދޮރު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލައި ފާސްކުރަން ފަށައިފި އެވެ.

Ads by Hajj Corporation

މައުލޫމާތު ލިބޭ ގޮތުގައި މިއަދު ހެނދުނު ބައެއް މެމްބަރުންގެ ގެތަކަށް ވަނީ އޭސީސީން ވަދެފަ އެވެ. އޭސީސީގެ ޓީމުތަކުން މަސައްކަތް ކުރަމުން ދަނީ ތަހުގީގަށް ބޭނުންވާ ހެކި ހޯދާށެވެ.

މިހާތަނަށް ބަލައި ފާސްކުރީ ކިތައް މެމްބަރުންގެ ގެކަމެއް އަދި ސާފެއް ނުވެ އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުގައި އިމާރާތް ކުރަން ފެށި ފްލެޓުތައް ލިބޭ މީހުންގެ ލިސްޓެއް ވެރިކަން ނިމެން ކުޑަ ދުވަސްކޮޅަކަށް ވެފައިވަނިކޮށް ވަނީ އާންމުކޮށްފަ އެވެ. އެހެންނަމަވެސް މި ލިސްޓު އެކުލަވާލުމުގައި ކޮރަޕްޝަން ހިމެނޭކަމަށް ބުނެ އޭސީސީން ވަނީ ރިޕޯޓެއް އެކުލަވާލައިފަ އެވެ.

މި ރިޕޯޓާއި ގުޅިގެން މިސަރުކާރުން ވަނީ ފްލެޓުތައް ދިނުން މަޑުޖައްސާލައިފަ އެވެ. އަދި އެންމެ އިންސާފުވެރި ގޮތަކަށް މައްސަލަ ހައްލު ކުރަން މަސައްކަތް ކުރަމުން ދާކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވަނީ ވިދާޅުވެފަ އެވެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން 4000 ފްލެޓު ލިބުނު ފަރާތްތަކުގެ ލިސްޓަށް އުނިއިތުރެއް ނުގެނެސް ފްލެޓު ދިނުމަށް 19 ވަނަ ރައްޔިތުންގެ މަޖިލީހުންވެސް ވަނީ ފާސްކޮށްފަ އެވެ. އެހެންނަމަވެސް އޭސީސީން ކަންބޮޑުވުން ފާޅުކޮށްފައިވަނިކޮށް މި ލިސްޓަށް އުނި އިތުރެއް ނުގެނައުމަކީ ފްލެޓަށް އެދި ފޯމު ހުށަހެޅި އެހެން ފަރާތްތަކުގެ ހައްގު ގެއްލޭ ކަމެއްކަމަށް މި ސަރުކާރުން ވަނީ ބުނެފަ އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!