ޚަބަރު އިޖުތިމާޢީ

އީދު ބަންދުގައި ކަނޑު ގަދަވާނެ، އެކަމަކު ދަތުރު ކުރެވޭނެ

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން

އަންނަ ހުކުރު ދުވަހު ފެށޭ ބޮޑު އީދު ބަންދާއި ދިމާކޮށް ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ލަފާކޮށްފި އެވެ.

Ads by Hajj Corporation

މެޓުން ބުނީ އީދު ބަންދު ތެރޭގައި ބައެއް ހިސާބުތަކަށް ކެރީގެ އަސަރު ފޯރާނެ އެވެ. އަދި ވައި ޖެހޭނީ 15 މޭލާއި 16 މޭލާއި ދެމެދުގެ ބާރު މިނުގައި ކަމަށް އެ އިދާރާއިން ލަފާކުރެ އެވެ.

ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެކަމަށް ލަފާކުރިނަމަވެސް ދަތުރު ނުކުރެވޭ ވަރަށް ގަދަ ނުވާނެކަމަށް މެޓުން ބުނެ އެވެ.

މިއަހަރުގެ އަޟްހާ އީދު ބަންދު ފެށޭނީ ޖޫން 14 ވާ ހުކުރު ދުވަހު އެވެ. އެދުވަހުން ފެށިގެން ސަރުކާރު އޮފީސްތަކާއި ސްކޫލުތައް ބަންދު ވާނެ އެވެ.

ހައްޖު ދުވަހަކީ ޖޫން 15 އެވެ. އަދި އަޟްހާ އީދު ވަނީ ޖޫން 16 ވާ އާދިއްތަ ދުވަހެވެ.

އީދުގެ 4 ވަނަ ދުވަހަށްފަހު ޖެހިގެން އަންނަ ބުރާސްފަތި ދުވަސްވެސް ސަރުކާރުން ވަނީ ބަންދުކޮށްފަ އެވެ. އެހެންކަމުން އެ ހަފްތާ ބަންދާއެކު ސަރުކާރު ބަންދު 9 ދުވަސް ލިބޭނެ އެވެ.

މިއަހަރުގެ އަޟްހާ އީދަށް ގިނަ އަދަދެއްގެ ބަޔަކު އެކި ރަށްރަށަށް ދަތުރު ކުރާނެކަމަށް ބެލެވެ އެވެ. 3 ރަށެއްގައި ގައުމީ ފެންވަރުގައި އީދު ފާހަގަކުރާއިރު އެހެން ގިނަ ރަށްރަށުގައިވެސް ފޯރިގަދަ އީދު ހަރަކާތްތަކެއް ވަނީ ރާވައިފަ އެވެ.

މިއަހަރު އެންމެ ފޯރިގަދަކޮށް އީދު ފާހަގަކުރާ ބައެއް ރަށްރަށުގެ ތެރޭގައި ހއ. ކެލާ، ހދ. ކުޅުދުއްފުށި، ނ. ވެލިދޫ، ޅ. ނައިފަރު، ކ. ހިންމަފުށި، ގއ. ވިލިނގިލި ހިމެނެ އެވެ. މީގެ އިތުރުން މާލެ ސަރަހައްދުގައިވެސް ފޯރިގަދަ ހަރަކާތްތަކެއް ކުރިއަށް ގެންދާނެ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!