ޚަބަރު

ރާއްޖެ-ޗައިނާ ގުޅުން އިތުރަށް ހަރުދަނާކުރަން މަޝްވަރާކޮށްފި

އަލީ ސަމާޙް ، ދެން އޮންލައިން
ރައީސް، ޗައިނާގެ ސަރުކާރަށް ލަފާދޭ ބަޓީރްއާ ސަލާމްކުރައްވަނީ

ރައީސް ޑރ މުހައްމަދު މުއިއްޒުގެ އަރިހަށް، ޗައިނީޒް ޕީޕަލްސް ޕޮލިޓިކަލް ކޮންސަލްޓޭޓިވް ކޮންފަރެންސްގެ 14 ވަނަ ނެޝަނަލް ކޮމިޓީގެ ވައިސް ޗެއާމަން، ބަޓީރް، އިހްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި އެވެ.

Ads by STELCO

މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގަ އެވެ.

ރައީސް އޮފީހުން ބުނީ މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ޗައިނާ އާއި ރާއްޖޭގެ ގާތްގުޅުން ފާހަގަކުރައްވާފައި ކަމަށެވެ. އެގޮތުން މިއަހަރު ޗައިނާއަށް އެންމެ ފުރަތަމަ ފުރަމާނަ ދަތުރުފުޅެއް ކުރެއްވީ އެމަނިކުފާނުކަން ފާހަގަކުރައްވައި، އެ ފުރުސަތު އެމަނިކުފާނަށް ދެއްވިކަމަށްޓަކައި ޝުކުރު އަދާކުރެއްވި އެވެ. އަދި ޗައިނާގެ އެހީތެރިކަމާއެކު ކުރިއަށްގެންދިޔަ މުހިންމު މަޝްރޫއުތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖްގެ ކާމިޔާބީއަށް އިޝާރާތްކުރެއްވި އެވެ. އަދި، ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ބޭނުންފުޅުކަން ފާހަގަކުރެއްވި ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ވައިސް ޗެއާމަން، ބަޓީރް ވަނީ ޗައިނާގެ ރައީސްގެ ފަރާތްޕުޅުން ހެޔޮއެދުންތައް ރައީސް އަށް އަރިސްކުރައްވައި، ރާއްޖޭގައި އެންމެފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސަރުކާރުން ސުޕަ މެޖޯރިޓީ ހޯދާފައިވާތީ އެކަން ފާހަގަކުރައްވައި ރައީސް އަށް މަރުހަބާ ވިދާޅުވެފަ އެވެ.

ޗައިނާ ސަރުކާރުން ރާއްޖޭގެ އިސްތިގްލާލަށް އިހްތިރާމްކޮށް، އެއްބާރުލުން ދީ، ދެގައުމުގެ ހިޔާލު އެއްގޮތް ކަންކަމުގައި އެކުގައި މަސައްކަތްކޮށް، ދެގައުމުގެ މެދުގައި ގުޅުން ބަދަހިކުރުމަށް އުންމީދުކުރައްވާކަން ތަކުރާރުކުރެއްވި އެވެ. މީގެ އިތުރުން، 2014 ވަނަ އަހަރު ޗައިނާގެ ރައީސް ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅާއި، ދާދިފަހުން ރައީސް ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ސަބަބުން ދެގައުމުގެ ގުޅުން ގާތްވެ، ރަޙްމަތްތެރިކަން އިތުރަށް ބަދަހިވެއްޖެކަން ފާހަގަކުރެއްވި ކަމަށް ރައީސް އޮފީހުން މައުލޫމާތުދެ އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!