ދީން

އިޤްތިޞާދީ ތަދުމަޑުކަަމުގެ ދުވަސްވަރުގައި މިކަންކަމަށް ސަމާލުވޭ!

ދެން އެމްވީ ، ދެން އޮންލައިން

ދުނިޔޭގެ އެންމެ ވަރުގަދަ އެއް އިގްތިޞާދު ކަމަށްވާ ޗައިނާގެ ވޫހާން އިން އުފެދިގެން އައި ކޮރޯނާ ވައިރަސް މިވަނީ ދުނިޔޭގެ މައްޗަށް ގަދަވެގެންފައެވެ. މިބައްޔަށް މިހާތަނަަށް އަދި ބޭހެއް ހޯދިފައި ނުވާއިރު އެ ބުރަ މަސައްކަތުގައި ދުނިޔޭގެ 20 ގައުމެއްގެ ސައިންސްވެރިން އަވަދިނެތި ދަނީ މަސައްކަތް ކުރަމުންނެވެ. މިއާއެކު މި ބައްޔަށް ޝިފާއެއް ނުލިބި ކޮންމެ ދުވަހަކު އެތައް ސަތޭކަ ބަޔަކު ދުނިޔެ ދޫކޮށްދާއިރު އެމީހުންގެ އާއިލާތައް ދަނީ ވޭނާއި ކެކުޅުން އިހްސާސް ކުރަމުންނެވެ. ހަމައެހެންމެ މިބަލިން ރައްކާތެރިވުމުގެ ގޮތުން ގިނަ ގައުމުތަކެއް ވަނީ ބަންދުކޮށްފައެވެ. އެގައުމުތަކުގެ އާންމު ދިރިއުޅުން ހުއްޓި، އިގްތިސާދުތައް މިވަނީ އިނދަ ޖެހިފައެވެ.

Ads by Sosun Fihaara

މިފަދަ ހާލަތްތަކަކީ ކެތްތެރިވުމުގެ ޙާލަތްތަކެވެ. ހާލަތު ބަދަލު ކުރައްވާ އިލާހަށް ރުޖޫއަ ވާންވީ ވަގުތެވެ. ހަމައެހެންމެ އިގްތިސާދީ ނިކަމެތިކަމެއްގައި މިފަދަ ފިލާވަޅުތަކެއް ލިބިގަނެ އެއަށް އަމަލު ކުރަންވީ ވަގުތެވެ.

ތަދުމަޑުކަމަކީ އިމްތިހާނެކެވެ.

ދުނިޔޭގެ ޙަޔާތަކީ ކުރު ދަތުރެކެވެ. މިދަތުރުގައި އަހަރެމެންނާއި ދިމާވަނީ އުފާވެރި ކަންތަކާއި ހިތާމަވެރި ކަންތަކާއެވެ. ހަމައެހެންމެ ހިތްއެދޭ ކަންތަކާއި ހިތް ނޭދޭ ކަންތަކާއެވެ. މިހުރިހާ ހާލަތެއް ފަދައިން ތަދުމަޑުކަމަކީ ވެސް އަހަރަމެންގެ މައްޗަށް އޮތް އިމްތިހާނެކެވެ.

ﷲ ތަޢާލާގެ ވަޙީ ބަސްފުޅެއްގައި އައިސްފައިވެއެވެ.

''و لنبلونكم بشيئ من الخوف و الجوع و نقص من الأموال و الأنفس و الثمرات و بشر الصابرين''
ހަމަކަށަވަރުން ތިމަންރަސްކަލާނގެ ތިޔަބައިމީހުން އިމްތިހާނުކުރައްވާ ހުށީމެވެ. އެއީ ބިރުވެރިކަމާއި (الخوف) ބަނޑުހައިހޫނުކަމުގެ (الجوع) ގެ ތެރެއިން ކަމެއް މެދުވެރިކުރެއްވުމުންނެވެ. އަދި އުފާވެރިކަމުގެ ޚަބަރު ކަލޭގެފާނު ދެއްވާށެވެ. (البقرة:155)

ހަމައެހެންމެ އިމާމް މުސްލިމް ރިވާކުރައްވާފައިވެއެވެ.

مَا يُصِيبُ الْمُؤْمِنَ مِنْ وَصَبٍ وَلَا نَصَبٍ وَلَا هَمٍّ وَلَا حَزَنٍ وَلَا أَذًى وَلَا غَمٍّ، حَتَّى الشَّوْكَةُ يُشَاكُهَا، إِلَّا كَفَّرَ اللهُ مِنْ خَطَايَاهُ

އެ މީހަކަށް ވަރުބަލިކަމެއް، ދާއިމީ ތަދެއް، ހިތްދަތިކަމެއް، ހިތާމައެއް، އުނދަގުލެއް އަދި ގިލަންވެރިކަމެއް ކުރިމަތިވެ، އެކަންކަމަށް އޭނާ ކެތްތެރިވެއްޖެނަމަ، އަދި އެންމެ ކުޑަމިނުން ގަޔަށް ކައްޓެއްހެރުމުން (އެކަމާއި ކެތްތެރިވެއްޖެނަމަ) އެކަމުގެ ސަބަބުން މާތްﷲ އެމީހެއްގެ ކުއްފާފަތައް ނުފުއްސަވާނޭ މުއުމިނަކު ނުވެއެވެ.

އަހަރެމެންގެ މައްޗަށް އިސްލާމްދީން ބާރު އަޅަނީ މުސީބާތްތަކަށް ކެތްތެރިވުމާއެކު ﷲއަށް ވަކީލުކޮށްގެން ދިރިއުޅުމައިގެން ކުރިއަށް ދިޔުމެވެ. ޔަޢުޤޫބް ޢަލައިހި ސަލާމަށް ކުރިމަތިވި ބަލިމަޑުކަމާއި އެކަލޭނގެފާނުގެ ދަރީންތައް ގެއްލި ދިޔަ ހާލަތުގައި އެދެއްކެވި ކެތްތެރިކަމުގެ ވާހަކައަކީ މި ޙާލަތަށް ވެސް ދައްކައިދޭ ފުރިހަމަ ނަމޫނާއެކެވެ.

އިސްރާފުކުރުން މުޅިން ހުއްޓާލުމާއިއެކު ހޭދަކުރުމުގައި ވިސްނުންތެރިކަމާއި ޙިކުމަތްތެރިކަން އިސްކުރަންވާނެއެވެ.

ބޭކާރު ޚަރަދުތައް ކުރުމާއި އިސްރާފް ކުރުމަކީ އެކަންކަމުން އަހަރެމެން ދުރުވުމަށް ދީން ގޮވާލާފައިވާ ކަންކަމެވެ. އަމުދުން އިގްތިޞާދީ ހީނަރުކަމެއްގައި އިސްރާފް ކުރުން މުޅިން ހުއްޓާލަން ޖެހެއެވެ. އަދި ތިމާއާއި އާއިލާގެ ޚަރަދު ބަރަދުތައް ބެލެހެއްޓުމުގައި ހިކްމަތްތެރިކަން އިސްކޮށް ދެކޮޅު ޖެހޭނެ އުސޫލެއް ހޯދަން މަސައްކަތް ކުރަން ވާނެއެވެ.

ޔޫސުފް ސޫރަތުގެ 47 ވަނަ އާޔަތުގައި ﷲތަޢާލާ ވަޙީ ކުރައްވާފައިވެއެވެ.

قَالَ تَزْرَعُونَ سَبْعَ سِنِينَ دَأَبًا فَمَا حَصَدتُّمْ فَذَرُوهُ فِي سُنبُلِهِ إِلَّا قَلِيلًا مِّمَّا تَأْكُلُونَ

"ވިދިވިދިގެން ހަތް އަހަރުވަންދެން ތިޔަބައިމީހުން ގޮވާންކުރާ ހުށިކަމެވެ! އަދި ތިޔަބައިމީހުން ކަނޑާ ގޮވާމެއް، ކުރާގަނޑުގައި ބަހައްޓާށެވެ! ކެއުމަށް ބޭނުންކުރާ މަދު އެތިކޮޅެއް މެނުވީ އެވެ."

ޙާލަތު ބަދަލު ވެގެންދާނެ ކަމަށް އުއްމީދު ކުރަން ވާނެއެވެ.

ޙާލަތަކީ އަބަދުވެސް ބަދަލު ވާނެ އެއްޗެކެވެ. މިކަމުގެ ހަގީގަތްތައް އަހަރެމެންގެ ކުރިމަތީގައި ކޮންމެ ދުވަހަކު ދަނީ ފެންނަމުންނެވެ. އިއްޔެ ގަދަފަދަކޮށް ހުރި އިންސާނާ މިއަދު އެއޮތީ ބަލި އެނދުގައެވެ. އިއްޔެ ގަދަ ވަޔާއެކު ވާރޭ ވެހުނުއިރު މިއަދު އިހްސާސް މިކުރަނީ ދިލަ ހޫނުގެ އަސަރެވެ. އެހެންކަމުން މުއުމިނުންގެ ސިފައަކީ ކަންކަމާމެދު ރަނގަޅަށް ވިސްނުމެވެ. ޙާލަތު ބަދަލު ކުރައްވަވާނެ ކަމާމެދު ޔަގީންކަން ބޭއްވުމެވެ.

ކަންކަމާމެދު ރަނގަޅަށް ވިސްނުމަކީ ﷲ އާމެދު ހެޔޮކޮށް ހީކުރުމެވެ. ނަބިއްޔާ ﷺ އެކަމަށް ލޯބިކުރެއްވިއެވެ. އަދި ޙަދީޘްކުރެއްވިއެވެ.
«وَيُعْجِبُنِي الفَأْلُ» قَالُوا: وَمَا الفَأْلُ؟ قَالَ: «كَلِمَةٌ طَيِّبَةٌ» [متفق عليه]
މާނައީ: “އަދި ތިމަންކަލޭގެފާނަށް ހެޔޮ ފާލަ ނުހަނު ކަމުދެއެވެ. (ހެޔޮފާލައަކީ ﷲ ތަޢާލާގެ ޙަޟްރަތުން ހެވާއި ރަޙްމަތަށް އުންމީދުކޮށް ބުނާ ބަސްބަހެވެ.) (ޞަޙާބީ ބޭކަލުން) ދެންނެވިއެވެ. ހެޔޮ ފާލައަކީ ކޮބައިތޯއެވެ؟ ޙަދީޘްކުރެއްވިއެވެ. އެއީ ހެޔޮވެގެންވާ ރިވެތި ކަލިމައެވެ.”
ކޮންމެ ޙާލަތެއްގައިވެސް ﷲ އާ މެދު ހެޔޮކޮށް ހީކުރުމަށް މުސްލިމުންނަށް އަމުރުވެވިގެންވެއެވެ. ކަންކަމާމެދު ސުންޕާކޮށް ދުށުމަކީ ﷲ އާމެދު ނުބައިކޮށް ހީކުރުމެވެ.

އައު ހުނަރުތައް ދަސްކުރާށެވެ.

މުޅި ދުނިޔެއާއި ކުރިމަތިވެފައި ކޮރޯނާ ވައިރަހުން ރައްކާތެރިވުމުގެ ގޮތުން ދުނިޔޭގެ ގިނަ ގައުމުތަކެއް އޮތީ ބަންދުކޮށްފައެވެ. އެގޮތުން ދިވެހިރާއްޖޭގެ ގިނަ ހަރަކާތްތަކެއް ވެސް ވަނީ ހުއްޓާލާފައެވެ. އޮފީސްތަކާއި ސުކޫލުތަކުގެ އިތުރުން ކެފޭތަކާއި ކުޅިވަރު ކުޅޭ ތަންތަން ވަނީ ބަންދުކޮށްފައެވެ. ބައެއް ކުންފުނިތަކުގެ މަސައްކަތްތައް ވެސް މުވައްޒަފުން ގޭގައި ތިބެގެން ކުރެވޭނެ ގޮތް ވަނީ ހަދާފައެވެ.

މި ބަދަލުތަކާއެކު ހަލަބޮލި އަދި އަވަދިނެތި ދިރިއުޅުމެއް އުޅުނު އަހަރެމެންގެ ތެރެއިން ކޮންމެ މީހަކަށް ވެސް ވަނީ ވަރަށް ގިނަ ހުސްވަގުތުތަކެއް ލިބިފައެވެ. އަމުދުން މިހާލަތުގައި ރައްކާތެރިކަން ބޮޑު ގޮތަކީ ގޭގައި ތިބުން ކަމަށް ވުމުން އާއިލާއާއެކު ހޭދަ ކުރުމަށް ގިނަ ވަގުތުތަކެއް މިވަނީ ލިބިފައެވެ.

މި ހުސްވަގުތުތައް ބޭކާރުކޮށް ނުލާ ، ހެޔޮގޮތުގައި ދުވަސްތައް ވޭތުކުރުމަކީ ހަޔާތަށް ދިރުން ލިބޭނެ ފުރުސަތެކެވެ. ތިބާ ކުރަން ބޭނުންވި އެހެނަސް ވަގުތު ނުލިބިގެން ނުކުރެވި އޮތް ކަމެއް ކޮށްލުމަކީ ވެސް މިވަގުތުގެ ބޭނުން ހިފިދާނެ މުހިންމު ގޮތެވެ. ތިމާ ދަސްކުރަން ބޭނުންވި ބޭރުގެ ބަހެއް ދަސްކުރުން ނުވަތަ ތިމާގެ ކެރިއަރުގައި ތަރައްގީކުރަން ބޭނުންވި ހުނަރެއް ތަރައްގީ ކުރުމަކީ މި ވަގުތުތައް ރަނުގެ ފުރުސަތަކަށް ހެދިދާނެ ކަމެކެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!