ދުނިޔެ

މަންމައިންގެ ގުރުބާނީ، ދަރިފުޅު ސަލާމަތް ކުރަން މި މަންމަ ހަދިޔާ ކުރީ މަންމަގެ ކިޑްނީ

އިބްރާހީމް ޙުސައިން ، ދެން އޮންލައިން

ދިރިއުޅުމުގައި އެކި އިންސާނުންނަށް ކުރިމަތިވާނީ އެކި ކަންކަމެވެ. އެކި މިންވަރަށެވެ. ދައްޗާއި އުނދަގޫ ޙާލަތްތަކެވެ. މުޞީބާތާއި ކަންބޮޑުވުންތަކުގެ އިންތިހާ ޙާލަތްތަކެވެ. މި ޙާލަތްތަކުން އަރައިގަތުމަށް ބޭނުންވަނީ ކެތްތެރިވުމާއި ﷲ ތަޢާލާގެ މަދަދެވެ.

Ads by Sosun Fihaara

ދިރިއުޅުމުގައި ދިމާވާ ބޮޑެތި ކަންތައްތަކާއި ހަނގުރާމަކޮށް އާންމު ޙާލަތަށް އަންނަ މީހުންގެ ވާހަކަތަކަކީ ވަރަށް ގިނަ މީހުންނަށް ޙަޔާތަށް ދިރުން ގެނުވާ ވާހަކަތަކެކެވެ. މިއީ އެފަދަ ވާހަކައެކެވެ. އެމެރިކާގެ މުސްލިމު ޒުވާނަކަށް އޭނާގެ މަންމަވީ އަގުބޮޑު ގުރުބާނީގެ ވާހަކައެކެވެ.

ޔޫއޭއީގައި ތައުލީމު ހާސިލް ކުރަމުން ދިޔަ އެމެރިކާގެ ޒުވާނެއް ކަމަށްވާ އުމެއިރު ހާލަސްޓަން ދިޔައީ އުފަލާއި ހިތްހަމަޖެހުމުގައި އޭނާގެ ދުވަސްތައް ހޭދަ ކުރަމުންނެވެ. އުމުރުން އެންމެ 17 އަހަރުގެ މި ޒުވާނާގެ ޙަޔާތް ބަނަކޮށްލީ ބޮލުގައި ރިއްސާ ، ލޯ ފުސްވާން ފެށުމާއި ގުޅިގެންނެވެ.

އެކަމަކީ ލޮލުގެ މައްސަލައެއް ކަމަށް ނިންމާ އޭނާ ލޮލުގެ ޑޮކްޓަރަކަށް ދެއްކިއެވެ. އޭނާއަށް ދިމާވި މައްސަލައަކީ ބުލެޑް ޕްރެޝަރ މަތިވުމުގެ ސަބަބުން ލޮލުގެ ނާރުތަކަށް އައި ބަދަލެއްކަން ޑޮކްޓަރުގެ ބެލުންތަކުން އެނގުނެވެ. އަދި ބުލެޑް ޕްރެޝަރ މަތިވުމުގެ ސަބަބުން އޭނާގެ ކިޑްނީއަށް ގެއްލުން ވެފައިވާކަން އިތުރަށް ބެލި ބެލުންތަކުން އެނގުނެވެ.

އޭގެ ފަހުން ހަފްތާއަކު ތިން ފަހަރު ޑައިލަސިސް ހަދަމުން އުމައިރު ގެންދިޔައެވެ.

އުމައިރުގެ ކިޑްނީއަށް ގެއްލުން ލިބޭ ކަމަކީ ބުލެޑް ޕްރެޝަރ މަތިވުން ކަމަށް ވުމާއެކު ޑޮކްޓަރުން ފުރަތަމަ ބެލީ ޕްރެޝަރ ކޮންޓްރޯލްކޮށް ކިޑްނީއަށް ފަރުވާއެއް ހޯދުމަށެވެ. ނަމަވެސް އެކަން ނާކާމިޔާބުވެ ކޮލެޖުގެ ދުވަސްތައް ގުނަމުން ދިޔަ އުމައިރުއަށް ޖެހުނީ ކިޑްނީ ބަދަލު ކުރާށެވެ.

ކަސްރަތުކޮށް ކުޅިވަރު ކުޅެ އުޅުނު އުމައިރުއަށް މިފަދަ ބަލިމަޑުކަމާ ދިމާވެދާނެ ކަމަށް ފިކުރު ކޮށްލެވިފައި ވެސް ނެތެވެ. ދިރިއުޅުމަށް ކުއްލިއަކަށް ބިންދާލި މި ބިޔަބޮޑު ރާޅުން އޭނާއަށް ސިހުން ގެނުވިއެވެ. ނަމަވެސް ހިތްވަރާއެކު މިކަމަށް ކުރިމަތިލުމަށް އުމައިރު ނިންމިއެވެ. ކިޑްނީ ބަދަލު ކުރުމުގެ މަސައްކަތައިގެން ކުރިއަށް ދިޔައެވެ.

ދަރިއެއް މިފަދަ ޙާލަތެއްގައި ވާތަން ދުށުމަކީ އެއްވެސް މަޔަކަށް ކުޅަދާނަ ކަމެއް ނޫނެވެ. އެ މައިމީހާގެ ބަނޑުގައި ދަރިފުޅު ވީހިނދު މައިމީހާގެ ލެއިން ލޭ ދީގެން އުފަންވި ދަރިފުޅު ވޭނީ ޙާލެއްގައި އުޅޭތަން ދުށުމަކީ މައިންނަށް ކެތްވާނޭ ކަމެއް ނޫނެވެ. އެހެންކަމުން ދަރިފުޅަށް ހަށިގަނޑުގެ ގުނަވަނެއް ހަދިޔާ ކުރުމަށް އުމައިރުގެ މަންމަ އިސްނެގިއެވެ. މަންމަގެ ކިޑްނީ ދިނުމަކީ އުފަލެއް ކަމުގައި އޭނާ ދުއްޓެވެ.

ނަސީބު ކަންދިމާކުރި ގޮތުން މަންމަގެ ޓިޝޫތައް ވެސް ދަރިފުޅާ ބަރާބަރަށް ދިމާވިއެވެ. ހުރިހާ ޓެސްޓްތަކަށްފަހު އުމައިރުގެ އޮޕަރޭޝަން ކުރެވުނީ މިދިޔަ އަހަރުގެ މެއިމަހުގައެވެ.

މިއަދު އުމައިރަކީ ދުޅަހެޔޮ ޞިއްޙަތެއްގައި އުފާވެރި ދިރިއުޅުމެއް އުޅެމުންދާ ކުއްޖެކެވެ. އުމައިރުގެ ޙަޔާތުގައި ދިމާވި މި ހިތާމަވެރި ޙާދިޘާ އަދި މަންމައެއްގެ ޤުރުބާނީގެ ވާހަކަ އޭނާ ވަނީ ކޮލެޖްގެ ދަސްވެނިވުމުގެ ހަފްލާގައި ކިޔައިދީފައެވެ. ހަފްލާގެ އެންމެހައި ބައިވެރީންގެ ލޮލުން ކަރުނަ ހިލުވާލި މި ވާހަކައަކީ ޔަގީނުން ވެސް މައިންގެ މަތިވެރިކަން އެނގިގެންދާ ވާހަކައެކެވެ.

 

 

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!