ރިޕޯޓް

ޝާހިދު މިކިޔާދެނީ "ދޮގު ދޮލަނގު"ގެ ވާހަކަ

މަރިޔަމް އުމްނާ އިސްމާޢިލް ، ދެން އޮންލައިން
އަބްދުالله ޝާހިދު "ދެން"އަށް އިންޓަރވިއު ދެއްވަނީ

މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީން 2018 އިން 2023އަށް ރާއްޖޭގައި ކުރި ފަސް އަހަރުގެ ވެރިކަމުގައި އެންމެ ނަގާ ކިޔާލެވެ އެއް ލީޑަރަކީ, އެ ޕާޓީގެ މިހާރުގެ ރައީސް އަބްދުالله ޝާހިދުއޭ ދެންނެވުމުން އެކަމާ ދެކޮޅު ހަދާނެ ގިނަ ބަޔަކު ހުންނާނެ ހެނެއް ހިއެއް ނުވެއެވެ. އެ ޙަޤީޤަތަކީ އެމަނިކުފާނުގެ ސިޔާސީ ހަތުރުންނާއި މިތުރުން ވެސް ޤަބޫލުކުރާ ޙަޤީޤަތެކެވެ. ރާއްޖޭގެ ފޮރިން މިނިސްޓަރުގެ މަޤާމުގައި ހުންނަވާ ގިނަ ޚިދުމަތްތަކެއް ކުރެއްވިއެވެ. ރާއްޖެއާއި ދުނިޔެއާ ގުޅުވައިދިނެއެވެ. އދގެ އާއްމު މަޖިލީހުގެ ރައީސަކަށް ހުންނަވާ ވެސް ގިނަ ޚިދުމަތްތަކެއް ކުރެއްވިއެވެ.

Ads by Sosun Fihaara

އެހެންނަމަވެސް، ރާއްޖޭގެ ސިޔާސީ މަސްރަހަށް އައި ބަަދަލާއެކު، އެމްޑީޕީއަށް ވެރިކަން ގެއްލި އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ހަރަކާތްތެރިވާން ޖެހުމުން ޝާހިދުގެ މައްޗަށް މިވަނީ އެ ޕާޓީގެ މިސްރާބު ގެންދަންވީ މަަގުކިޔާދޭ މާލިމީގެ ޒިންމާ މަތިވެފަ އެވެ. އެންމެ ފަހުން ބޭއްވި ބޮޑު ދެ އިންތިހާބުގައި ލިބުނު ނާކާމިޔާބީއާއެކު ޕާޓީގެ ކުރިމަގު ރަނގަޅުކުރަން ކުރަންޖެހޭ މަސައްކަތް ވެސް މިވަނީ ބޮޑުވެ، އިތުރުވެފަ އެވެ. ޝާހިދު ވަނީ "ދެން"އަށް މިހުރިހާ ކަމަކާ ގުޅިގެން މަައުލޫމާތު ދެއްވާފަ އެވެ.

"މިސްރާބު ރަނގަޅުކުރަން ވަގުތު ނަގާނެ"

ޝާހިދު ގަބޫލުކުރައްވާ ގޮތުގައި މިދިޔަ ރިޔާސީ އިންތިހާބާއި މަޖިލީސް އިންތިހާބުގައި ލިބުނު ނާކާމިޔާބީއާ އެކު ޕާޓީގެ މިސްރާބު ރަނގަޅު ކުރަން ޖެހެ އެވެ. އެކަމަކު އެއީ، ޝާހިދު ވިދާޅުވި ގޮތުގަައި ވަގުތު ހޭދަވާނެ ކަމެކެވެ. އޭނާ މިސާލެއްގެ ގޮތުގައި ނެންގެވީ، 2013 އާއި 2014 ގެ އިންތިހާބުތަކުގައި އެ ޕާޓީއަށް ލިބުނު ނާކާމިޔާބީއަށް ފަހު ވެސް 2018 ގައި ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބުކޮށް ވެރިކަމަށް އައި ގޮތެވެ.

"2013 އާއި 2014 ގެ ތަޖުރިބާގެ މައްޗަށް އަޅުގަނޑުމެން ގައުމީ މަޖިލީހުން އޭރުވެސް ނިންމެވީ ކަންތައްތައް ހިނގި ގޮތުގެ ދިރާސާއެއް ކުރުމަށް. ދިރާސާއަކަށް ފަހު އަޅުގަނޑުމެން މިސްރާބު ރަނގަޅުކުރުމަށް ކުރަންޖެހޭ ކަންކަން ކޮށްގެން 2018 ގައި އިރާދަކުރެއްވިއްޔާ އަޚުގަނޑުމެން އެމްޑީޕީ ވެރިކަމަށް އާދެވުނީ."

"ދެން އަޅުގަނޑަށް ވެސް އެނގޭ ވަރަށް އަވަހަށް ކަންތައްތައް ކުރަން އަޅުގަނޑުވެސް ބޭނުން. އެހެންނަމަވެސް މިކަހަލަ ކަންކަމުގައި ކުޑަކޮށް ވަގުތުކޮޅެއް ހޭދަވިޔަސް އިންޑިޕެންޑެންޓް ޓީމަކުން ކުރާ ދިރާސާއަކުން މާ ރަނގަޅަށް އަޅުގަނޑުމެންނަށް މި ކުރިމަތިވި ގޮންޖެހުންތައް ސާފުވެގެންދާނެ." ޝާހިދު ވިދާޅުވި އެވެ.

އަބްދުالله ޝާހިދު "ދެން"އަށް އިންޓަރވިއު ދެއްވަނީ

ދިރާސާ ހެދުމަށްޓަކައި ޕާޓީން ވަކި ކޮމިޓީއެއް އެކުލަވާލައި، އެ މަސައްކަތް ކުރަމުންދާއިރު ޝާހިދު ގެންދަވަނީ އިންތިހާބުތަކުގައި ކާމިޔާބުވި، އަދި ނާކާމިޔާބުވި ކެންޑިޑޭޓުންނާ ވެސް ބައްދަލުކުރައްވާ މަޝްވަރާކުރައްވަމުން ނެވެ. ރަށްރަށުގެ ޓީމުތަކާއި ވެސް މަޝްވަރާކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވަމުން ޝާހިދު ވިދާޅުވީ، ޕާޓީގެ ނާކާމިޔާބީއާއި ގުޅުވައި ތަފާތު ވާހަކަތައް އިވެމުންދާ ކަމަށެވެ.

"އަޅުގަނޑަށް ހީވަނީ އެންމެ ރަނގަޅު ގޮތަކަށް ވާނީ މިނިވަން މުސްތަގިއްލު ކޮމިޓީއަކުން ދެއްވާ ރިޕޯޓުގެ އަލީގައި އަޅުގަނޑުމެން ކުރިއަށް ދިއުންހެން" ޝާހިދު ވިދާޅުވި އެވެ.

ކުރީގެ އެމްޑީޕީ ފެނިދާނެތަ؟

ސިޔާސީ މަސްރަހަށް އައި ބަދަލާއެކު އެ ޕާޓީގެ ލީޑާޝިޕް ވެސް ބަދަލުވިފަހުން ގިނަ ބައެއްގެ ޝަކުވާއަކީ 2012 ވަނަ އަހަރު އެމްޑީޕީގެ ވެރިކަން ވެއްޓި އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮވެ އޭރު ފެނުނު ފޯރިގަދަ، ޖޯޝުން ފުރިގެންވާ ޕާޓީގެ ކުލަ ފަނޑުވުމެވެ. 2018 ގައި ވެރިކަން ލިބުމުން މަގުމަތީގެ ހަރަކާތްތަކުގައި ކުރިން އަވަދި އުޅުނު ޕާޓީ ފިނި ކޮޓަރިތަކަށް ހޭނުނީ ކަމަށް އެ ބަޔަކު ބުނެ އެވެ. އަދި އެއީ 2023 ގެ އިންތިހާބުން ބަލިވި އެއް ސަބަބު ކަމަށް އެ ބަޔަކު ދެކެ އެވެ.

ޝާހިދަކީ މިއަދު އެ ޕާޓީގެ ރައީސަށް ވާއިރު، ގިނަ ބަޔަަކު ސުވާލުކުރަމުންދަނީ ޝާހިދަށް ކުރީގެ އެމްޑީޕީ އަނބުރާ ގެނެވިދާނެތޯ އެވެ؟ ނުވަތަ ކުރީގެ އެމްޑީޕީ ފެނިދާނެތޯ އެވެ.؟

ޝާހިދު ވިދާޅުވި ގޮތުގައި މިހާރު އެމްޑީޕީގައި ގިނައީ، އޭރު އެމްޑީޕީންވީ "ގުރުބާނީ" ގެ ސަބަބުން " ރާއްޖެއަށް ލިބުނު ކުރިއެރުންތަކުގެ ތެރޭގައި އުފެދިފަ ތިބި ޒުވާނުން" ނެވެ. އެހެންކަމުން އޭރު ހަރަކާތްތެރިވި ގޮތަށް މިއަދު މަގުމަތިން ނުފެނުނަސް، އެމްޑީޕީން ވަކާލާތު ކުރާކަމަކާ ދެކޮޅަށް ކަމެއް ހިނގާނަމަ، އެ ޒުވާނުން މަގުމައްޗަށް ނުކުންނާނެކަން ޔަގީން ވާ ކަމަށެވެ.

"އެމްޑީޕީން ހާދަ މަސައްކަތެއް ކޮށްގެންނޭ ގާނޫނު އަސާސީގެ ޗެޕްޓަރު 2، ރައްޔިތުންގެ އަސާސީ ހައްގުތައް ގެނައީ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިއަދުވެސް އެއިން ހައްގެއް ނިގުޅައިގަނެ، އެ ޗެޕްޓަރު އުވާލަން މަސައްކަތްތަކެއްކޮށްފި ހިނދެއްގައި މަގުމައްޗަށް ނުކުންނާނެ." އޭނާ ވިދާޅުވި އެވެ.

އެމްޑީޕީ ހަރަކާތްތެރި ނޫންކަމަށް ދެކެވޭ ވާހަކަތަކަށް ވެސް ޝާހިދު ރައްދުދެއްވި އެވެ. އޭނާ ވިދާޅުވީ، ޕާޓީއާ ގުޅުވައި އެ ވާހަކަަތައް ދައްކަނީ އެމްޑީޕީ ނިކަމެތިކޮށްލުމުގެ ބޭނުމުގަ އެވެ.

"އެކަމަކު އެމްޑީޕީ ހަރަކާތްތެރިއެއް ނޫނޭ، އެމްޑީޕީ ކަމެއް ނުކުރެއޭ ކިޔައިގެން ވާހަކަތައް ދައްކާ ގިނަ ބަޔަކީ ހަގީގަތުގައި އެމްޑީޕީއަށް ފެއަށް ޖެހުނު ބަޔަކު ނުވަތަ ޕީޕީއެމް ޕީއެންސީ މީހުން އެމީހުންނަށް ލިބޭ އެންމެ ބޮޑު ހިތްވަރަކަށްވަނީ އެމްޑީޕީ ތެރޭގައި މި ފިތުނައެއް އުފައްދައިގެން އެމްޑީޕީއަކީ އެއްވެސް ބައެއް ނޫން ކަމަށް ދައްކައިގެން ނިކަމެތިކޮށްލުމެއް ނޫންތޯ؟" ޝާހިދު ވިދާޅުވި އެވެ.

ދޮގު ދޮލަނގު: މިއީ ކިހިނެއް އައި ބަހެއް؟

ޕާޓީގެ ވާހަކަ އެއް ފަރާތުގައި ބާއްވާލަމާތޯ އެވެ. .ކެމްޕޭނުތަކުގައި ހާއްސަކޮށް ފޯރި ނަންގަވާ ޝާހިދަކީ އޭނާގެ ވާހަކަތަކުގައި ވަރަށް ތަފާތު އަދި ވަރަށް ސަމާސާ ބަސްތައް ބޭނުން ކުރައްވާ އެއް ބޭފުޅާއެވެ.. އެގޮތުން މިދިޔަ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި އެމަނިކުފާނު ޕޯޑިއަމްތަކުގައި ދައްކަވާ އެއް ވާހަކައެއް ވެއެވެއެވެ. އެއީ ދޮގު ދޮލަނގެއްގެ ވާހަކައެވެ. ދޮގު ދޮލަނގެއް ބޮލަށް ލައިގެން އޭރުގެ އިދިކޮޅުގައި, މިހާރު ސަރުކާރުގައި ތިބި ފަރާތްތައް "ދުވާ" ވާހަކައެވެ.

" އެއީ އަޅުގަނޑުމެން ކުޑައިރުވެސް އެކިއެކި އެއްޗެހި ވިއްކިއްކަން ދޮލަނގަށް ލައިގެން ދާނެ. ކިޔާނެ ތޯއެ ގަންނާނެތޯއޭ، އެހެން ގޮވާ އަޑު އިވޭނެ. އިވުނީމާ މީހުން ނުކުންނާނީ. ނުކުމެ އެ ދޮލަނގުން އެއްޗެހި ގަންނާނީ. " ޝާހިދު ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވި ގޮތުގައި އޭނާގެ އާއިލާއަކީ " ފުދޭވަރަކަށް ސިޔާސީ އާއިލާ" އެކެވެ. އެގޮތުން އަބަދުވެސް ގޭގެ ކާމޭޒަކީ ސިޔާސީ ވާހަކަދެކެވޭ ތަނެއް ކަމަށެވެ. އޭނާ ވިދާޅުވީ އެފަދަ ބަސްތަކަކީ އެ މޭޒުމަތިން އަބަދުވެސް އިވޭ "މަޖާ ބަސްތަކެވެ".

"އެއީ އެހެންވީމާ އަޅުގަނޑުމެންގެ މަންމައާއި ބައްޕައާއި ދެބޭފުޅުންނާ ވެސް ކާމޭޒުޒު މަތީގައި އަޅުގަނޑުމެން ސަމާސާ ވާހަކަ، ދެކެވެމުންދާ ސަމާސާ ވާހަކަތަކުގެ ތެރޭގައި އަންނާނެ މިކަހަލަ މަޖާ ވާހަކަ. އެކަލަ ބަސް ބަސް އުފެދިގެން މި އަންނަނީ އެފަދަ ވާހަކަތަކުގެ ތެރެއިން." ޝާހިދު ވިދާޅުވި އެވެ.

"ދޮގު ދޮލަނގަކީ" މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި އޭރުގެ އިދިކޮޅު އަދި އެ އިންތިހާބު ކާމިޔާބުކޮށް ވެރިކަމަށް އައި ޕީއެންސީގެ ބޭފުޅުން ދެއްކެވި ވާހަކަތަކާ ގުޅިގެން ބޭނުން ކުރެވުނު ބަހެކެވެ."ފިތުނައިގެ ދޮލަނގު" ނުވަތަ "ދޮގު ދޮލަނގު" މި ބަސް ޝާހިދު އޭރު ބޭނުންކުރެއްވީ އިންޑިއާ އާ ގުޅުވައި ޕީޕީއެމް- ޕީއެންސީން ކުރީގެ އެމްޑީޕީ ސަކާރަށް ކުރި ތުހުމަތުތަކަށް ރައްދުދެއްވަމުން ނެވެ.

ޝާހިދަކީ ތަޖުރިބާކާރު މޮޅު ޕޮލިޓީޝަނެކެވެ. ކުރިއަށް މި އޮތް ފަސް އަހަރު އޭނާގެ ބޮލުގައި އެޅިފައިވާ ޒިންމާތައް ބޮޑުވެފައި އެހާމެ ގިނަ ވެސް މެއެވެ. ސަރުކާރު ޖަވާބުދާރީކުރުވާ އެންމެ ބޮޑު އެއް ބާރުގެ ވެރިއެއްގެ ގޮތުގައި ހުންނަވައިގެން އެކި ފަރާތްތަކުގެ "ދޮގު ގޮލަނގު" ގައި ހުރި ދޮގުތަކުގެ ހަަގީގަތް އޮޅުން ފިލުވުމުގެ ބޮޑު ޒިންމާވެސް އޭނާގެ މައްޗަށް ވަނީ މަތިވެފަ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!