ސްޕެއިން ކުޅުންތެރިން ފިޒިކަލީ އަދި މެންޓަލީ މާ ވަރުގަދަކަމަށް އިޓަލީގެ ކޯޗު ލޫސިއާނޯ ސްޕަލެއްޓީ ބުނެފިއެވެ.
ރޭ އިޓަލީއާއި ސްޕެއިން ބައްދަލުކުރި މެޗަށް ފަހު ވާހަކަދައްކަމުން އިޓަލީގެ ކޯޗު ސްޕަލެއްޓީ ބުނީ ދެ ޓީމުގެ ކުޅުންތެރިންގެ ފެންވަރުގެ ތަފާތު ރޭގެ މެޗުން ފެނުނުކަމަށެވެ.
ރޭގެ މެޗަށް އިޓަލީން ނިކުތީ އަވަސް ގޭމެއް ކުޅެ ތިން ޕޮއިންޓު ހޯދަންކަމަށާއި، ނަމަވެސް މެޗު ނިމުނުއިރު ގޯލާ އަމާޒުކޮށް ހަމަލާއެއް ވެސް އޭނާގެ ޓީމަށް ނޫފެއްދުނުކަމަށް ކޯޗު ސްޕަލެއްޓީ ބުންޏެވެ.
“އަހަރެން ނަތީޖާއާ މެދު އެހާ ހިތާމައެއް ނުކުރަން. މެޗު ފެށިގެން ވެސް ފެނުނީ ސްޕެއިން މާ ވަރުގަދަކޮށް” ސްޕަލެއްޓީ ބުންޏެވެ.
އޭނާ އިތުރަށް ބުނީ ސްޕެއިންކަހަލަ އަވަސް އަދި ވަރުގަދަ ޓީމަކާ ކުޅޭއިރު އެ ޓީމުގެ ފެންވަރުގައި ހިފަހައްޓައިނުލެވިއްޖެ ނަމަ މެޗު އުނދަގޫ ވާނެކަން އެނގޭކަމަށެވެ.
ރޭގެ މެޗު ކޮންޓްރޯލްކޮށްގެން މޮޅަށް ކުޅުނީ ސްޕެއިންއިންނެވެ. އެ ޓީމުން ވަނީ ގޯލު ޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އޭގެން ގިނަ ހަމަލާ ދިފާއުކުރީ އިޓަލީގެ ކީޕަރު ޑޮނަރުންމާއެވެ.
ނަމަވެސް ސްޕެއިން މޮޅުވީ އިޓަލީގެ ރިކާޑޯ ކަލަފިއޯރީ ގައިގަައި ޖެހިފައި ބައިކޮޅަށް ވަތް ގޯލެކުން 1-0 ގެ ނަތީޖާއަކުންނެވެ.
އެ މޮޅާއެކު ސްޕެއިން ދެވަނަ ބުރަށް ދިޔައީ ކުޅުނު ދެ މެޗު ވެސް ކާމިޔާބުކޮށް ހަ ޕޮއިންޓު ހޯދަައިގެން ގްރޫޕް ބީގެ އެއްވަނައިގައި އޮވެއެވެ. ދެވަނައިގައި އިޓަލީ ތިން ޕޮއިންޓާއެކު އޮތްއިރު ތިންވަނައިގަައި އޮތް އަލްބޭނިއާ އަދި ފުލުގަައި އޮތް ކްރޮއޭޝިއާއަށް ލިބުނީ އެއް ޕޮއިންޓެވެ.
އެ ގްރޫޕްގެ ކޮންމެ ޓީމަކަށް ބާކީ ގްރޫޕް ސްޓޭޖުގައި އަދި އެއް މެޗު އެބައޮތެވެ. އިޓަލީއާ ކްރޮއޭޝިއާ ބައްދަލުކުރާ މެޗު އެއްވަރު ކޮށްލައިގެން ވެސް އެ ޓީމަށް ދެވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރަށް ދެވޭނެއެވެ. އަލްބޭނިއާ ސްޕެއިން ބަލިކޮށްގެން އަދި ކްރޮއޭޝިއާ ބަލިކޮށްގެން އެ ދެ ޓީމުން ކުރެ ޓީމަކަށް ވެސް ދެވަނަ ބުރަށް ދެވޭނެއެވެ.