ޚަބަރު

އަބްދުއްރަހީމް މިރޭ ކިޔައިދެއްވީ 2018 ގައި ޔާމީން ހެއްދެވި ގޯސްތައް!

އައިކާ ޔުނާން ، ދެން އޮންލައިން
މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ

ޕީޕީއެމްގެ ފުރަތަމަ ވެރިކަން ގެއްލުނީ ކޮރަޕްޝަނަށް އާއެކެ ބުނެ, ރައީސް އަބްދުالله ޔާމީން ގެންގުޅުއްވި އަމިއްލަވަންތަ ގޮތްތަކުގެ ސަބަބުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله ސިފަ ކުރައްވައިފިއެވެ.

Ads by Sosun Fihaara

ޕީއެންސީ ހައުސް ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ, އޭރު ޕާޓީ ހިންގި ގޮތާއި ވެރިކަން ހިންގި ގޮތް އެންމެ ރަނގަޅަށް އެނގޭނެ އެއް ބޭފުޅަކީ އަބްދުއްރަހީމް ކަމަށެވެ.

ރިޔާސީ އިންތިހާބާ ދިމާކޮށް އަބްދުއްރަހީމާ އިސްކޮށް އުޅުއްވި ބޭފުޅުން ރައީސް ޔާމީންގެ އަރިހަށް ވަޑައިގެން އޭރު ކެމްޕެއިނު ކުރަމުން ދިޔަ ގޮތަށް ކެމްޕެއިނު ކޮށްގެން ވެރިކަން ނުލިބޭނެ ކަމަށް ވިދާޅުވެ, ހިސާބުތަކުން އެ ކަންކަން ދެއްކި ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ދެންނެވިން ދެ ފުރާޅެއްގެ ދަށުގައި މިގޮތަށް މަސައްކަތް ކޮށްގެން ދިވެހިރާއްޖޭގެ ވެރިކަމެއް 2018 ވަނަ އަހަރަކު އަޅުގަނޑުމެންނަކަށް ނުލިބޭނެޔޭ. ކެމްޕެއިނު އޮފީހުގައި ނެތޭ ސިޔާސީ މަޝްރަހު ދަންނަ މީހެއް. އެ މީހުންނަށް ވޯޓުގެ ވާނުވާއެއް ނޭނގެޔޭ. ޕާޓީ އޮފީހުން ވެރިކަން ކުރާށޭ," އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ ނަމަވެސް ރައީސް ޔާމީން އެކަމަށް ދެއްވީ ބީރު ކަންފަތެއް ކަމަށާއި އޭރު ވިދާޅުވީ "މިއީ ތިމަންނަގެ ކަމެއް ކަމަށާއި ކައެމެންނާ ބެހޭ ކަމެއް ނޫން ކަމަށް" ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ އޭރު އެ ބޭފުޅުންނަށް ރައީސް ޔާމީން އެންގެވީ އެންގެވި ކަމެއް ކޮށްގެން ތިބުމަށް ކަމަށެވެ.

އޭގެ ބަދަލުގައި މިއަދު ފެންނަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ލީޑަރުންނާއެކު މަޝްވަރާކޮށްގެން ކަންކަން ކުރަމުން އަންނަ ތަން ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

ވެރިކަން ގެއްލުނީ ހިޔާނާތްތެރިންނަށް ރައްޔިތުންނަށް ޖާގަ ދޭން ބޭނުންނުވާތީ ކަމަށާއި އޭރު ވެރިކަމުގައި ތިއްބެވި ބޭފުޅުން ކޮރަޕްޝަނަށް އާއެކޭ ބުނެ ފިޔަވަޅު ނޭޅުމުގެ ސަބަބުން ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

ނަމަވެސް ރައީސް މުއިއްޒު ހުންނެވީ ކޮރަޕްޝަނަށް އެމަނިކުފާނު އިސްވެ ހުންނަވައިގެން ފިޔަވަޅު އަޅަން ތައްޔާރަށް ކަމުގައި އަބްދުއްރަހީމް ވިދާޅުވިއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!