ރައްޔިތުންގެ މަޖިލިސް

އެމްޑީޕީން ރަނގަޅު ނިޔަތެއްގައި މައްސަލަ ހުށަހެޅިނަމަ ކުޑަދޮށުގައި ނުތިބޭނެ: މުހައްމަދު އިސްމާއިލް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލް

އިދިކޮޅު އެމްޑީޕީން މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ކުއްލި މައްސަލައަކީ އަދި މިހާތަނަށް ހުށަހަޅަމުން އަންނަ ކުއްލި މައްސަލަތަކަކީ ވެސް ރައްޔިތުންގެ ފައިދާއަށް ކުރާ ކަމެއް ނޫން ކަމަށް ވިލިމާލޭ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާއީލް ވިދާޅުވެއްޖެވެ.

Ads by STELCO

މަސްވެރިންނަށް ފައިސާ ދޭން ގޮވާލާ އެމްޑީޕީން މިއަދުގެ މަޖިލީހަށް ވަނި ކުއްލި މައްސަލައެއް ހުށަހަޅާފައެވެ. އިއްޔެގެ މަޖިލީހަށް ވެސް މި މައްސަލަ ހުށަހެޅި ނަމަވެސް މަޖިލިސް ފެށުނުއިރު, ޗެންބަރުގައި މައްސަލަ ހުށަހެޅުއްވި މެންބަރު ވަޑައިގެން ނެތުމުން އެ މައްސަލަ އިއްޔެ ކުރިޔަށް ނުގެންދެވުނެވެ.

އެމްޑީޕީގެ ފަރާތުން މި މައްސަލަ ހުށަހަޅުއްވާފައިވަނީ ރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީއެވެ. ސަރުކާރު ހިންގާ ޕީއެންސީގެ ސުޕަމެޖޯރިޓީ އޮންނަ މަޖިލީހުން މި ކުއްލި މައްސަލަ ބަލައިގަތީ 74 މެންބަރުންގެ އިއްތިފާގުންނެވެ.

މި މައްސަލައަށް ބަހުސް ކުރައްވަމުން ވިިލިމާލޭ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާއީލް ތުހުމަތު ކުރެއްވި ގޮތުގައި އެމްޑީޕީން މަޖިލީހަށް ކުއްލި މައްސަލަ ހުށަހަޅުއްވަނީ ސިޔާސީ މަންފާއެއް ހޯދަން ކަމަށެވެ.

"ބައެއް މެންބަރުން މަޖިލިސް ފްލޯ ހޫނު ކުރަން, ނޫނީ ސިޔާސީ މަންފާ ހާސިލް ކުރައްވަން އެބަ ހުށަހަޅުއްވާ ކުއްލި މަައްސަލަ. ކުޑަ ދަށުގައި އެބަ ވިދާޅުވޭ, ބަހުސް ކުރަން ބޭނުމެއް ނޫނޭ" މުޙައްމަދު އިސްމާއީލް ވިދާޅުވިއެވެ.

އެމްޑީޕީގެ ގިނަ މެންބަރުން މަޖިލިސް ފްލޯގައި ނެތް ކަމަށް ބާރަށު ދާއިރާގެ މެންބަރު ޝުޖާއު ވެސް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ, މަޖިލީހުގައި ތިއްބަވާ އެމްޑީޕީގެ 12 މެންބަރުންގެ ތެރެއިން 9 މެންބަރަކު އެ ވަގުތު ފްލޯގައި ނެތް ކަމަށެވެ.

20 ވަނަ ރައްޔިތުންގެ މަޖިލީހަށް އެމްޑީޕީން ވަނީ ކުއްލި 2 މައްސަލަ ހުށަހަޅާފައެވެ. އެއީ އިޒްރޭލް ޕާސްޕޯޓް މަނާ ކުރުމަށް ހުށަހެޅި މައްސަލައާއި, މިއަދު ހުށަހެޅުނު މައްސަލައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!