ކަޓައިފައި އޮތް ޕޮލެންޑުން ފްރާންސް މޮޅުވިޔަނުދީ ހިފަހައްޓައިފި
ކަޓައިފައި އޮތް ޕޮލެންޑުން ފްރާންސް މޮޅުވިޔަނުދީ ހިފަހައްޓައިފިއެވެ.
މިރޭ ޔޫރޯ 2024 ގެ ގްރޫޕް ޑީގެ ފަހު މެޗުގައި ފްރާންސް މޮޅުވާންދަނިކޮށް 1-1 ޕޮލެންޑު ވަނީ މެޗު އެއްވަރުކޮށްފައެވެ.
އެ މެޗު ފަށައިގެން ބޯޅަ ހިފަހައްޓައި ފްރާންސްއިން ވަނީ ގޯލު ޖެހޭތޯ ގިނަ ހަމަލާތަކެއް އުފައްދާފައެވެ. ނަމަވެސް ފުރަތަމަ ހާފުގައި ގޯލެއް ޖެހޭ ގޮތެއް ނުވިއެވެ.
ނަމަވެސް ދެވަނަ ހާފު ފަށައިގެން ވަރަށް ކުރީ ކޮޅު ފްރާންސްއިން ވަނީ ގޯލެއްޖަހަައި މެޗުގެ ލީޑުނަގައި ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރަށް ދިއުމާ ގާތަށް ޖެހިލައިފައެވެ. މެޗުގެ 56 ވަނަ މިނެޓުގައި އެ ގޯލު ޖެހީ ކީލިއަން އެމްބާއްޕޭއެވެ. މިއީ އޭނާ ޔޫރޯ މުބާރާތުގައި ޖެހި ފުރަތަމަ ގޯލެވެ.
ނަމަވެސް މެޗުގެ 75 ވަނަ މިނެޓުގައި ޕޮލެންޑުން ވަނީ ގޯލެއްހައި ފްރާންސަށް ހުރަަސްއަޅައިފައެވެ. ފްރާންސްގެ ޕޮލެންޑްގެ ކާރޯލް ސްވިޑާސްކީ އަށް ފްރާންސްގެ ޑަޔޮޓް އުޕަމެކާނޯ ކުރި ފައުލަކަށް ދިން ޕެނަލްޓީއަކުން އެ ގޯލު ޖެހީ ޕޮލެންޑުގެ ކެޕްޓަން ރޮބާޓް ލެވަންޑޯސްކީއެވެ.
އެ މެޗު އެއްވަރުވުމުން ފްރާންސް ވަނީ ގްރޫޕް ޑީގެ ދެވަނައަށް ވެއްޓިފައެވެ. އެ ޓީމު ދެވަނަައިގައި އޮތީ ތިން މެޗު ކުޅެގެން ފަސް ޕޮއިންޓު ހޯދައިގެންނެވެ. މެޗުން ބަލިވި ޕޮލެންޑަކީ އެންމެ ފުރަތަމަ މުބާރާތުން ކެޓި ޓީމެވެ. އެ ޓީމު ފުލުގައި އޮތީ އެންމެ ޕޮއިންޓެއް ހޯދައިގެންނެވެ.
އެ ގްރޫޕެގެ އެއްވަނައިގައި އޮތީ ހަ ޕޮއިންޓާއެކު އޮސްޓްރިއާއެވެ. ތިންވަނައިގައި ނެދަލެންޑްސް އޮތީ ހަތަރު ޕޮއިންޓާއެކުއެވެ. އެ ގްރޫޕުން އޮސްޓްރިއާ އާއި ފްރާންސް ދެވަނަ ބުރަަށް ދިޔައިރު ތިންވަނަ ޓީމުގެ ގޮތުގައި ނެދަލެންޑްސްއަށް ވެސް ދެވަަނަ ބުރުންޖާގަ ލިބެއެވެ. އެ ޓީމަކީ ތިންވަނައަށް ދިޔަ ޓީމުތަކުގެ ތެރެއިން އެންމެ ގިނަ ޕޮއިންޓު ހޯދި ޓީމެވެ.
ޔޫރޯ މުބާރާތުގެ ކުރިއަށް ގެންދާ ގޮތުން ހަ ގްރޫޕްގެ އެއްވަނަ އަދި ދެވަނަ ހޯދާ ޓީމަށް ދެވަނަ ބުރުން ޖާގަ ލިބޭނެއެވެ. އަދި އެ ގްރޫޕްތަކުން ތިންވަނައަށް އަންނަ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދާ ހަތަރު ޓީމަކަށް ވެސް ދެވަނަ ބުރަށަ ދެވޭނެއެވެ.