ޚަބަރު ސިޔާސީ

ހަރަދު ކުޑަކުރުމަށް އަޒާންގެ ހުށަހެޅުމެއް، މެމްބަރުންގެ ހާއްސަ އިންޝުއަރެންސް ކަނޑާލާ

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން

ދައުލަތުގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ދޭ ހާއްސަ މެޑިކަލް އިންޝުއަރެންސް މެދުކަނޑާލަން ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން ގޮވާލައްވައިފި އެވެ.

Ads by Sosun Fihaara

ރާއްޖޭގެ އިގްތިޞާދީ ހާލަތު ދަށަށް ގޮސްފައިވާތީ މާލީ ހާލަތު ރަނގަޅު ކުރަން ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިކަމަށް އިޝާރާތް ކުރައްވައި އަޒާން ވިދާލުވީ ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން ދަނީ ހަރަދު ކުޑަކުރުމަށް މަސައްކަތްތަކެއް ކުރަމުން ކަމަށެވެ.

"މިކަމުގައި އަޅުގަނޑުމެން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންވެސް ނަމޫނާ ދައްކަންޖެހޭ"

އަޒާން ހުށަހެޅުއްވީ މިހާރު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި އާއިލާގެ ބޭފުޅުންނަށް ދައުލަތުން ފޯރުކޮށްދޭ ހާއްސަ މެޑިކަލް އިންޝުއަރެންސް މެދުކަނޑައިލުމަށެވެ.

މެމްބަރުންނަށް މެޑިކަލް އިންޝުއަރެންސް ފޯރުކޮށްދެނީ އާސިއާން ގައުމުތަކުންނެވެ. އެއީ ބްރޫނާއީ، ބަރްމާ، ކެމްބޯޑިއާ، އިންޑޮނީޝިއާ، މެލޭޝިއާ، ފިލިޕިންސް، ސިންގަޕޫރު އަދި ތައިލޭންޑުވެސް ހިމެނޭ އެސޯސިއޭޝަން އެކެވެ. މި އެސޯސިއޭޝަންގައި ހިމެނޭ ގައުމުތަކުން މަޖިލިސް މެމްބަރުންނަށް ހާއްސަ މެޑިކަލް އިންޝުއަރެންސް ފޯރުކޮށްދެނީ ދައުލަތުގެ ބަޖެޓުން ހަރަދުތަކެއް ކޮށްގެންނެވެ.

"އާންމު ރައްޔިތުންނަށް ނުލިބޭ މެޑިކަލް އިންޝުއަރެންސެއް ދައުލަތުން ހަރަދުކޮށްގެން މެމްބަރުންނަށް ލިބޭކަށް ނުޖެހޭ" އަޒާން ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމަށް ވަޑައިގަންނަވަން ކެމްޕެއިން ކުރައްވަމުން ގެންދެވި ދުވަސްވަރުވެސް އަޒާން ގެންދެވީ މަޖިލިސް މެމްބަރުންގެ މުސާރަތައް ކުޑަކޮށް މެމްބަރުންގެ އަދަދު ހިފަހައްޓައި ދައުލަތުގެ ހަރަދުތައް ބޮޑު ނުވާނެގޮތަކަށް ކަންކަން އިންތިޒާމުކުރަން ވަކާލާތު ކުރައްވަމުންނެވެ. އަޒާން ދެކެވަޑައިގަންނަވާ ގޮތުގައި ވަކި އިނާޔަތްތަކަކަށް ދައުލަތުން ކުރާ ހަރަދުތައް ކުޑަކޮށްފިނަމަ މާލީ ހާލަތު ރަނގަޅުވާނެ އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!