މައުލޫމާތު ހާމަކުރުމާ ދެކޮޅެއް ނޫން, އެމްޑީޕީން އުޅެނީ ވަގުތު ބޭކާރު ކުރަން: އަޒާން
- ސިޔާސީ މަގާމުތަކުގެ ތަފްސީލު ހާމަކުރަންޖެހޭނެކަމަށް ގަބޫލުކުރަން
- އެމްޑީޕީގެ ބޭނުމަކީ މަޖިލީހުގެ ވަގުތު ބޭކާރުކުރުން
- އެމްޑީޕީގެ ސަރުކާރުގައި މައުލޫމާތު ހާމައެއް ނުކުރި, އިހްލާސްތެރިކަމެއް ނެތް
ސަރުކާރުގައި ތިއްބެވި ސިޔާސީ ބޭފުޅުންގެ ތަފްސީލީ މައުލޫމާތު ހާމަކުރުމާއި ދެކޮޅު ނޫން ކަމަށާއި އެހެންނަމަވެސް އެމްޑީޕީން އުޅެނީ މަޖިލީހުގެ ވަގުތު ބޭކާރު ކުރަންކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން ވިދާޅުވެއްޖެ އެވެ.
އިއްޔެ އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް ވަނީ ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިބި މީހުންގެ އަދަދާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން މުސާރައަށް ހޭދަކުރާ މިންވަރު ހާމަކުރުން ލާޒިމްވާގޮތަށް ކުއްލި މައްސަލައެއް ހުށަހަޅުއްވައިފަ އެވެ. މިމައްސަލައަށް ބަހުސް ކުރަން ފެނޭތޯ ބެލުމަށް މަޖިލީހުގައި ނެގި ވޯޓުގައި ޕީއެންސީގެ މެމްބަރުން ވަނީ އެކަމާއި ދެކޮޅަށް ވޯޓު ދީފަ އެވެ.
ކުރިން ނޫސްވެރިއެއްގެ ގޮތުގައި ހަރަކާތްތެރިވެ މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނުގެ ދިފާއުގައި ނިކުންނެވި އަޒާންވެސް މިމައްސަލައިގައި ވޯޓު ދެއްވީ ދެކޮޅަށެވެ. މިކަމާއި ގުޅިގެން އަޒާންއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާއިރު އަޒާން ވަނީ މިމައުޟޫގައި “ދެން އޮންލައިން” އާއި ވާހަކަ ދައްކަވައިފަ އެވެ.
“ފުރަތަމަ ކަމަކަށް އެމައްސަަލަ އެމްޑީޕީން ހުށަހެޅީ މަޖިލީހުގެ ވަގުތު ބޭކާރުކޮށް ކުރަން ހުރި މަސައްކަތްތަކަށް ހުރަސް އެޅުމަށްކަމަށް އަޅުގަނޑު ގަބޫލު ކުރަނީ.”
އަޒާން ވިދާޅުވީ އިއްޔެ މަޖިލީހުގައި މުހިންމު ބިލުތަކެއްގެ މަސައްކަތް ކުރިއަށް ދަނިކޮށް މިފަދަ ކުއްލި މައްސަލައެއް އެމްޑީޕީން ހުށަހެޅީ ވަގުތު ބޭކާރު ކުރަން ކަމަށެވެ. މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނުގެ ދަށުން ރައްޔިތުން ހޯދަން އެދޭ މައުލޫމާތު ހާމަ ކުރުމަކީ ކޮންމެ ސަރުކާރަކުންވެސް ކުރަންޖެހޭނެ ކަމެއްކަން ފާހަގަކުރައްވައި އަޒާން އިތުރަށް ވިދާޅުވީ މިހާރު ކަންބޮޑުވުން އޮތީ ސަރުކާރުން ސިޔާސީ މަގާމުތަކުގެ ތަފްސީލު ހާމަނުކޮށްގެން ކަމަށެވެ.
އަަޒާން ވިދާޅުވި ގޮތުގައި މައުލޫމާތު ލިބިފައިވަނީ ސަރުކާރުން ވަރަށް އަވަހަށް ސިޔާސީ މަގާމުތަކުގެ ތަފްސީލު ހާމަ ކުރައްވާނެ ކަމަށެވެ. އެހެން ބައެއް މައުލޫމާތުތައް ހާމަކުރުމުގައި ލަސްތަކެއް އުޅެނީ ގާނޫނުގައި ބަލަންޖެހޭ ކަންތައްތަކެއް ހުރުމުން ކަަމަށްވެސް އަޒާން ވަނީ ވިދާޅުވެފަ އެވެ.
“އަޅުގަނޑު އިއްޔެ ކުއްލި މައްސަލައަށް ވޯޓު ނުދިނީ އެމްޑީޕީއަކީ އެއްގޮތަކަށްވެސް މިކަމުގަ އިހްލާސްތެރިކަން އޮތް ޕާޓީއެއް ނޫން. އެބޭފުޅުންގެ ވެރިކަމުގަ ސިޔާސީ މަގާމުތަކުގަ ތިބި ބޭފުޅުންގެ އަދަދު ހާމަކުރަން އަޅުގަނޑު ހުށަހެޅި މައްސަލަތައް އަދިވެސް ނުނިމޭ”
އަޒާން ވިދާޅުވީ ކުއްލި މައްސަލައަށް ވޯޓު ނުދިނީ އޭނާ ގަބޫލުކުރައްވާ ގަބޫލުކުރެއްވުންތަކަށް ބަދަލު އައިސްގެން ނޫންކަމަށެވެ. އެހެންނަމަވެސް އެއަށްވުރެއް މުހިންމު މަސައްކަތްތައް މަޖިލީހުގައި ކުރަން ހުރުމުންކަމަށް އަޒާން ވިދާޅުވި އެވެ.
މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނަށް ބަދަލު ގެންނަން ސަރުކާރުން މަސައްކަތް ކުރާކަމަށް އެމްޑީޕީން ތުހުމަތު ކުރިނަމަވެސް އެކަމުގައި އެއްވެސް ހަގީގަތެއް ނެތްކަމަށް އަޒާން ވިދާޅުވި އެވެ. އެގާނޫނުގެ ދަށުން ރައްޔިތުންނަށް މައުލޫމާތު ހޯދުން މަގުފަހިވެފައި އޮތުމުގެ މުހިންމުކަން އަޒާން ފާހަގަކުރެއްވި އެވެ.