ޚަބަރު

ސިހުރާ ގުޅުވައި ބޮޑު ތުހުމަތެއް ކުރުމުން ކުރީގެ ސީޕީ ހޫނުފެނަށް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ކުރީގެ ސީޕީ ހުސެއިން ވަހީދު (ފޮޓޯ/ ތޭރަ އޮންލައިން)

މި ސަރުކާރުން މައްޔިތުންނަށް ސިހުރު ހަދާކަމަށް ބުނެ ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް ހުސެއިން ވަހީދު ދެއްކެވި ވާހަކައާ ގުޅިގެން ހޫނުފެނަށް ވެއްޓިއްޖެ އެވެ.

Ads by Sosun Fihaara

ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވާ އުފެއްދެވި ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) އިން ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޖަލްސާއެއްގައި ވަހީދު ތުހުމަތުކުރެއްވި ގޮތުގައި މަރުވެފައި އޮންނަ މީހުންނަށް ވެސް މި ސަރުކާރުން ސިހުރު ހަދަ އެވެ.

"މީހަކު އަޅުގަނޑު ކައިރީގައި ބުނީ، މި ސަރުކާރުން ބާރުދީގެން މަރުވެފަ އޮންނަ މައްޔިތާވެސް ދުލެއް ނުކުރެއޭ. އަނގަޔަށް ސިހުރު ލަފާއޭ ވަޅުލަނީ." ހުސެއިން ވިދާޅުވި އެވެ.

މި ތުހުމަތުތަކާ ގުޅިގެން ސޯޝަލް މީޑިއާގައި އާއްމުންނާއި ސަރުކާރުގެ ވެރިންގެ ފާޑުކިޔުން އޭނާ އަށް ދަނީ އަމާޒުވަމުން ނެވެ.

ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ އުތުރު ދާއިރާގެ މެމްބަރު ހުސެއިން ޝަރީފް (ހުސެންބެ) 'އެކްސް' ގައި ވިދާޅުވި ގޮތުގައި ޝަރަފުވެރި މަގާމުތައް އަދާކޮށްފައި ތިއްވެވި ބޭފުޅުން އެ "ލެވެލް"އަށް ވެއްޓުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އެބޭފުޅުން ކޮންމެ ފަދަ ދޮގެއް ވެސް ހަދާފާނެ ކަމަށްވެސް ވިދާޅުވި އެވެ.

" މާދަމާ ބުނާނެކަން ނޭނގެ، ރައީސް ޔާމިން މިނިވަންކުރަން ކުރި މަސައްކަތް ރާވާ ހިންގައި އެންމެ ގިނަފަހަރު ޖަލައްލީވެސް ތިމަންނައޭ! އެދުވަހު ހަރުގަ އިންކަން މިޔަދު ހަނދާވެސް ނުހުންނާނެ!" ހުސެންބެ ވިދާޅުވި އެވެ.

ކެވިން ކިޔާ އައިޑީއަކުން 'އެކްސް' ގައި ކުރި ޕޯސްޓެއްގައި ވަނީ އެ ތުހުމަތުތައް ތަހުގީގުކުރުމަށް ގޮވާލާފަ އެވެ. އަދި އެއީ ވަރަށް ނުރައްކާތެރި ވާހަކައެއްގެ ގޮތުގައި އޭނާ ސިފަ ކުރި އެވެ.

"ސިހުރޭ ކިޔައިގެން ވާހަކަދައްކަން (ވަހީދު) ލަދުގަންނަން ޖެހޭ" ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވި އެވެ.

 

ވަހީދު ދެއްކެވި ވާހަކައަށް ފޭސްބުކް ގައި ވެސް ދަނީ ފާޑުކިޔަމުން ނެވެ. ގިނަ ބަޔަކު ސިފަކުރާ ގޮތުގައި އެއީ "ހަޑި ހުތުރު" ވާހަކަ އެކެވެ.

ސިހުރުގެ ވާހަކަ ދެކެވެން ފަށާފައިމިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒަަށް ސިހުރު ހެދިކަމުގެ ތުހުމަތުގައި އެންވަޔަރަމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ފާތިމަތު ޝަމްނާޒް ހައްޔަރުކުރުމާ ގުޅިގެން ނެވެ.

ޝަމްނާޒް ހައްޔަރުކުރީ ރައީސް މުއިއްޒުގެ ކޮރަޕްޝަންގެ މައުލޫމާތު ހިމެނޭ ޕެންޑްރައިވެއް އޭނާ އަތުގަައި އޮތުމުން ކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ތުހުމަތު ކުރަމުން ނެވެ. ޕީއެންއެފް ޖަލްސާގައި ޔާމީން ވެސް ވަނީ އެ ސުވާލު އުުފައްދަވާފަ އެވެ. ޔާމީންގެ ވާހަކައަށް ސަރުކާރުގެ މަތީ ފަޑިން ގެންދަނީ ރައްދު ދެމުން ނެވެ.

Ads by HDC
  1. ޢަޒްރާ

    ޙުސައިން ވަޙީދު ހައްޔަރު ކުރުމަށް ގޮވާލަން