ކޮންމެ ދުވަހަކު އެތައް ބަޔަކު ލޯ ކުރިމަތީގައި މަރުވެގެންދާ މަންޒަރަކީ ހިތާމަވެރި މަންޒަރެއް: އިޓަލީގައި ހުރި ދިވެހި ޑޮކްޓަރެއް

މިހާރު ކުރިމަތިވެފައިވާ ނުރައްކާތެރި ބަލިމަޑުކަމެއް ކަމުގައިވާ ކޮރޯނާ ވައިރަސް ނުވަތަ ކޯވިޑް-19 ގެ އަސަރު މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކަށް އަންނަނީ ފޯރަމުންނެވެ. އެގޮތުން އޭގެ އަސަރު ފޯރާފައިވާ އެންމެ ބޮޑު އެއް ޤައުމަކީ އިޓަލީވިލާތެވެ.
އިޓަލީއިން މިހާރުވެސް މިބައްޔަށް އެތަކެއް ސަތޭކަ މީހުންނެއް ޕޮޒިޓިވްވެ، ކޮންމެ ދުވަހަކު ދަނީ އެތައްސަތޭކަ ބަޔަކު މިދުނިޔެ ދޫކުރަމުންނެވެ.ސިއްޙީ އެތަކެއް ވަސީލަތްތަކެއް އެޤައުމުން މިހާރު ވަނީ ހުސްވާން ފަށާފައެވެ. އަދި މުޅި ޤައުމު އަދިވެސް އޮތީ ލޮކްޑައުން ކޮށްފައެވެ.
މިބަލި އިޓަލީން އެންމެ ފުރަތަމަވެސް ފެނުނު ދުވަހު، އެތަނުގައި ތިބި ދިވެހި ދަރީންނަށް އެމީހުންގެ އާއިލާތައް އާދޭސް ކުރަމުން އައީ އަވަހަށް އެނބުރި އައުމަށެވެ. އޭގެތެރެއިން މަދު ބަޔަކު އެނބުރި އައިނަމަވެސް، ބައެއް މީހުން ނާދެއެވެ. މިއީ އޭގެ ތެރެއިން އެނބުރި ނައި އެކަކުގެ ވާހަކައެވެ.

ރޮވީގޯގެ ހޮސްޕިޓަލެއްގައި މަސައްކަތް ކުރަމުންދާ މިދިވެއްސަކީ އިޓަލީވިލާތުގައި ގިނަ ދުވަސްތަކެއް ހޭދަކޮށްފައިވާ މީހެކެވެ. އޭނާ ގާތު އެނބުރި ރާއްޖެ އައުމަށް އޭނާގެ އާއިލާއިން އެދުމުން އޭނާ އާއިލާއަށް ދީފައިވަނީ ތެދުވެރި ޚިދުމަތްތެރި އެއްގެ ޖަވާބެކެވެ. މައިންބަފައިންނަށް ދީފައިވަނީ އިޚްލާޞްތެރި ދަރިއެއްގެ ޖަވާބެކެވެ. އެ އަސަރުގަދަ ޖަވާބަކީ މިއެވެ.
"އަހަރެންވެސް ބޭނުން އެނބުރި ރާއްޖެ ގޮސް އަހަރެންގެ އާއިލާގާތު ހުންނަން. އެކަމަކު މިވަގުތު އަހަރެން އެނބުރި ރާއްޖެ ގޮސްފިނަމަ، އަަހަންނަކީ މިވައިރަސް ހިފައިގެން ރާއްޖެއަށްދާ މީހެއް ކަމުގައިވެސް ވެދާނެ. އަހަރެން ބޭނުމެއް ނޫން އަހަރެންގެ އާއިލާއާއި އެހެން ދިވެހިންވެސް އެފަދަ ބޮޑު ނުރައްކަލެއްގެ ތެރެއަށް ވައްޓާލާކަށް!

އަހަރެން މިމަސައްކަތް ކުރަނީ އިޓަލީގެ އުތުރު ސަރަޙައްދުގަ، އަހަރެންގެ ވަށައިގެންވަނީ ނުރައްކާ! އަހަރެން މަސައްކަތް މިކުރަނީ ފްރޮންޓްލައިންގަ، ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ބަލިމީހުން ވެސް ކޮންމެ ދުވަހަކުހެން ބަލަމުން މިގެންދަނީ. އެހެންވީމަ އަހަންނަކީ މިވަގުތު ރާއްޖެ ދިޔުން އެންމެ ރައްކާތެރި މީހާއަކަށް ނުވާނެ! އެހެންވީމަ އެންމެ ރަނގަޅު ގޮތަކީ މިކަންތަކުން އަރައިގަނެވެންދެން އަހަރެން އިޓަލީގައި މަޑުކުރުން. މިކަންތައް ނިމޭއިރު އަހަރެން ވެސް ސަލާމަތުން ދުނިޔޭގަ ހުރެއްޖެނަމަ، އެންމެ ފުރަތަމަވެސް އަހަރެން ކުރާނެ ކަމަކީ އެނބުރި ރާއްޖެ ދިޔުން.
އާއިލާ ކައިރިއަށް ދާން މިވަގުތު އަހަރެން ޖެހިލުންވާ އެންމެ ބޮޑު އެއް ސަބަބެއްގެ ގޮތުގައި އަހަރެންގެ މައިންބަފައިން ވެސް ހިމެނޭ. މައިންބަފައިން ދެކެން ބޭނުން ނުވާތީކީ ނޫން. އެދެމީހުންނަކީ ކޮންމެ ދުވަހަކު ވެސް ކޮންމެ ވަގުތަކުވެސް އަހަރެން އެންމެ ބޮޑަށް ހަނދާންކުރާ ދެމީހުން. އެކަމަކު އެދެމީހުންގެ ރައްކާތެރި ކަމަށްޓަކައިވެސް އަހަރެން އެބަޖެހޭ އެމީހުން ކައިރިއަށް ނުގޮސް އަދި މަޑުކުރަން! މިބަލީގައި އެންމެ ގިނައިން މަރުވެފައިވަނީ އުމުރުން ދުވަސްވީ މީހުން، އެއީ އެމީހުންގެ ދިފާއީ ނިޒާމު މިހާރު އެހާ ވަރުގަދަ ނުވާނެތީ. އަހަރެންގެ ކުރިމަތީގައިވެސް އެތައް ބަޔަކު މަރުވެގެން ގޮސްފި. އެއީ ހާދަ ހިތާމަވެރި މަންޒަރެކޭ! އަހަރެން ބިރުގަނޭ އަހަރެންގެ މައިންބަފައިންނަށް އެހެން ވެދާނެތީ. އިންޝާ ﷲ އެފަދަ ދުވަހެއް ނުދައްކަވާށި. އާމީން.!

ރޮވީގޯ ގައި އަހަރެން މަސައްކަތް މިކުރާ ހޮސްޕިޓަލު ވެސް މިހާރު ފުރިއްޖެ. އެހެންވެ އެމީހުން މިހާރު މަސައްކަތް ކުރަނީ ބޭނުން ނުކޮށްހުރި ހުސް އިމާރާތެއް ވީއެންމެ އަވަހަކަށް އަލުން މަރާމާތުކޮށް އެތަން ވަގުތީ ހޮސްޕިޓަލެއްގެ ގޮތުގައި ބޭނުން ކުރެވޭތޯ. މިހާރު މިއޮތް ކުޑަ ވަގުތުކޮޅުގައި އެކަން ނުކުރެވިއްޖެނަމަ، ކޮވިޑް-19 ޖެހިގެން އަންނަ މީހުން އެޑްމިޓް ކުރާނެ ތަނެއް ވެސް ދެން ނުހުންނާނެ.

ޑރ. ޢަލީ ވަހީދު، އޭނާގެ ދެ ކޮއްކޮ އަކާއި އެކުވެރިއަކާއެކު/ ރާއްޖެއަށް އެންމެ ފަހުން އައި ދަތުރަށްފަހު އިޓަލީއަށް ދާން ފުރަން އެއާޕޯޓުގައި
އަހަރެންގެ ލޯބިވާ އާއިލާއެވެ. އަހަންނާއި މެދު ހާސް ނުވޭ، ދެރަވެސް ނުވޭ! އިރާދަ ކުރެއްވިއްޔާ އަހަރެން އަދި މިހުރީ ހަމަ ގަދަވެ ހެޔޮހާލުގަ. މިފަދަ ނުރައްކާތެރި ބައްޔެއް ޖެހިގެން އަންނަ މީހުންނަށް ކުޑަ ނަމަވެސް އެހީތެރި ކަމެއް ފޯރުކޮށްދެވޭތީ އަހަރެން މިހުރި ވަރަށް އުފަލުން. މިއީ އިންސާނިއްޔަތަށްޓަކައި އަހަންނަށްވެވޭ ވަރަށް ބޮޑު ޤުރްބާނީއެއް.
އަހަރެން އެދެނީ، ހަމައެކަނި އަހަރެންގެ ސަލާމަތަށްޓަކައި ދުޢާ ނުކޮށް، މިމުސީބާތުން އަހަރުމެން އެންމެން ވީއެންމެ އަވަހަކަށް ސަލާމަތް ކުރައްވާތޯ އާއިލާގެ އެންމެން ވެސް ދުޢާ ކޮށްދިނުން. އިން-ޝާ ﷲ ވަރަށް އަވަހަށް މިބަލިން އަހަރެމެން އެންމެން ވެސް ސަލާމަތްވާނެ" ޑރ.އަލީ ވަހީދު
''ދެން''ގެ ދުޢާއަކީ ވެސް ތެދުވެރި ، ޚިދުމަތްތެރި މި ޑޮކްޓަރު ﷲ ރައްކާތެރިކޮށް ދެއްވުމެވެ. ދިވެހިން ފަޚުރުވެރިވާ ނަމޫނާއެއް ދައްކަމުންދާ ދިވެހި މިދަރިއަށް އަވަހަށް އާއިލާއާއި ބައްދަލުވުމުގެ ނަޞީބު ﷲ މިންވަރު ކުރެއްވުމެވެ. އާމީން!